Advertisement

މާލީ ބާޒާރުގައި ރާއްޖޭގެ ސުކޫކުގެ އަގު ދަށްވެ، ނުތަނަވަސްކަން ބޮޑުވެފައި!

29 މާރިޗު 2023 - 10:20 2

އަބްދުﷲ ޝަހީދު

އަބްދުﷲ ޝަހީދު


މާލީ ބާޒާރުގައި ރާއްޖޭގެ ސުކޫކުގެ އަގު ދަށްވެ، ނުތަނަވަސްކަން ބޮޑުވެފައި!

29 މާރިޗު 2023 - 10:20 2

ނޮވެންބަރު 2022 ގައި ސަރުކާރުން ވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް 100 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބޮންޑެއް 'ޕްރައިވެޓް ޕްލޭސްމެންޓް' އެއްގޮތަށް ވިއްކާފަ އެވެ. މި ބޮންޑަށް ސޮވެރިން ގެރެންޓީ ދީފައިވަނީ އިންޑިއާގެ ސަރުކާރުންނެވެ. މި ބޮންޑާ ގުޅޭ މާގިނަ މައުލޫމާތެއް ސަރުކާރުން މިހާތަނަށް ހާމަކޮށްފައިނުވެ އެވެ. ބޮޑަށް ބެލެވެނީ މިއީ 'ޕްރައިވެޓް ޕްލޭސްމެންޓް' އަކަށް ވުމުން ބޮންޑް އެގްރިމެންޓްގައި ސިއްރު ހިފަހައްޓަންޖެހޭ މައުލޫމާތުތަކެއް ހުރުމުން މައުލޫމާތު ހާމަނުކުރަނީ ކަމަށެވެ. ނަމަވެސް 2021 ގައި އެއް ބިލިއަން ޑޮލަރުގެ ސޮވެރިން ސުކޫކު ވިއްކޭނެ ޕޮރޮގްރާމެއް ސަރުކާރުން ފަށާފައިވާއިރު، އެސްބީއައި އިން މިހާ އަވަހަށް ދެވަނަ ފަހަރަށް ދަރަންޏަށް ޑޮލަރުން ފައިސާ ނަގަން ޖެހުނީ ކޮން ހާލަތެއް މެދުވެރިވެގެންތޯ ސުވާލުއުފެދެ އެވެ. މިދެންނެވި ޕޮރޮގްރާމްގެ ދަށުން ސަރުކާރުން މިހާތަނަށް ވިއްކާފައި ވަނީ 500 މިލިއަން ޑޮލަރުގެ ސުކޫކެވެ. އެހެން ކަމުން އިތުރަށް 500 މިލިއަން ޑޮލަރުގެ ސުކޫކު ވިއްކުމުގެ ފުރުސަތު ސަރުކާރަށް އަދިވެސް އެބައޮތެވެ.

މިސުވާލުގެ ޖަވާބު ލިބެނީ ބައިނަލްއަގުވާމީ ކެޕިޓަލް މާކެޓުގައި ރާއްޖެއިން 2021 ގައި ތިން ފަހަރެއްގެ މަތިން ވިއްކި ފަސް އަހަރުގެ ސުކޫކުގެ އަގާއި ފައިދާއަށް ވަމުންދާ ގޮތަށް ބަލާލުމުންނެވެ. މި ސުކޫކު ސީރީޒްގެ މުއްދަތު ހަމަވަނީ 8 އޭޕްރީލް 2026 ގައެވެ. މާލީ ބާޒާރާ ބެހޭ ޑޭޓާ ފޯރުކޮށްދޭ ޑޭޓާބޭސްތަކުން އެނގޭ ގޮތުން ރާއްޖެއިން އެންމެ ފުރަތަމަ މާޗް 2021 ގައި ވިއްކި 200 މިލިއަން ޑޮލަރުގެ (ވިއްކުމުގެ މާނައަކީ އެވަރަށް ފައިސާ ލިބުމެއް ނޫން) ސުކޫކުގެ އަގު ވަނީ ދުވަސްކޮޅަކަށް ސެކަންޑްރީ މާކެޓުގައި އަސްލު އަގަށްވުރެ މަތީގައި ހިފަހައްޓާފަ އެވެ. އޭޕްރީލް 2021 އާއި ސެޕްޓެންބަރު 2021 ގައި ވިއްކި 100 މިލިއަން ޑޮލަރާއި 200 މިލިއަން ޑޮލަރުގެ ސުކޫކުތަކާއި އެކުވެސް އަގުވަނީ 1.25 އިންސައްތައާއި 3.5 އިންސައްތަ ބޮޑުކޮށް، ޑިސެންބަރު 2021 އާއި ހަމައަށް ހިފެހެއްޓިފައެވެ.

ނޯޓު: މި ޗާޓުން މި ފެންނަނީ ރާއްޖެއިން ވިއްކި ސުކޫކުގެ އަގަށް އައިސްފައިވާ ބަދަލެވެ. ފުރަތަމަ، ދެވަނަ، ތިންވަނަ ފަހަރަށް ވިއްކި ސުކޫކުތައް ވަނީ 'ފަންޖް' ކުރެވިފައެވެ. މާނައަކީ އެއްކުރެވިފައެވެ. އެހެންކަމުން މި ސީރީޒްގެ ދަށުން ފަހުން ވިއްކާ ސުކޫކުތަކުގެ ވެސް މުއްދަތު ހަމަވާ ތާރީހާއި ފުރަތަމައަށް ވިއްކި ސުކޫކުގެ ތާރީހު ވާނީ އެއް ތާރީހަށެވެ.


އެހެން ނަމަވެސް ޖެނުވަރީ 2022 އިން ފެށިގެން މި ސީރީޒްގެ ޖުމްލަ 500 މިލިއަން ޑޮލަރުގެ ސުކޫކުގެ އަގުވަނީ ދަށަށް ދާން ފަށައިފަ އެވެ. މިގޮތުން ސުކޫކުގެ އަގު ދަށްވަމުން ދަށްވަމުން ގޮސް، އެންމެ ބޮޑަށް ދަށްވެފައިވަނީ އޮކްޓޯބަރު 2022 ގައެވެ. އޮކްޓޯބަރު 2022 ގައި ރާއްޖޭގެ ސުކޫކު އަގު ހުރީ މޫނުމަތީ އަގަށްވުރެ 25 ޕަސެންޓު ދަށްކޮށެވެ. މިހެން މިކަން ދިމާވުމުން ސުކޫކުގެ 'ޔީލްޑް ޓު މެޗޫރިޓީ' (ޔީލްޑް) ވަނީ 20 ޕަސެންޓަށް އުފުލިފަ އެވެ. ބޮންޑް އެންމެ ފުރަތަމަ ވިއްކިއިރު ޔީލްޑް އުޅެނީ ގާތްގަނޑަކަށް 10 ޕަސެންޓުގަ އެވެ.

ޔީލްޑަކީ ބޮންޑެއް ނޫނީ ސުކޫކެއް އޭގެ މުއްދަތު ހަމަވަންދެން ނުވިއްކާ ބަހައްޓައިފިނަމަ ލިބޭ ފައިދާ ނުވަތަ ރިޓާންގެ ނިސްބަތެވެ. އެހެން ގޮތަކަށް ދަންނަވާނަމަ އިންވެސްޓަރުން ޑިމާންޑްކުރާ ފައިދާ ނުވަތަ ރިޓާންއެވެ. ބައެއް މީހުން މިއަށް އިންޓްރަސްޓް އޭވެސް ނުރަސްމީކޮށް ކިޔާއުޅެ އެވެ. ރިސްކު ބޮޑު އެސެޓެއްނަމަ ޔީލްޑް މަތިވާނެ އެވެ. އަދި ރިސްކު ދަށް އެސެޓެއް ނަމަ ޔީލްޑް ދަށްވާނެ އެވެ. އެހެން ކަމުން ދަރަންޏަށް ފައިސާ ނަގާ ފަރާތްތަކުން، މިސާލަކަށް ސަރުކާރު، ބޭނުންވާނީ ޔީލްޑް ދަށްކޮށް ހުންނާށެވެ.

ޔީލްޑަކީ ކެޕިޓަލް މާކެޓުން ދަރަންޏަށް ފައިސާ ނަގާއިރު އެންމެ ފުރަތަމަ ބަލާ އެއް މުހިންމު ހިސާބު ނަންބަރެވެ. ޔީލްޑް ބޮޑުވުމުގެ ސަބަބުން އޭރު ރާއްޖެއިން މާކެޓަށް ވިއްކި 500 މިލިއަން ޑޮލަރުގެ ސުކޫކު މިހާރު (27 މާރޗް 2023) ޓްރޭޑް ކުރެވެމުން ދަނީ 423 މިލިއަން ޑޮލަރާއި 428 މިލިއަން ޑޮލަރާއި ދެމެދުގެ އަގެއްގައެވެ.

ނޯޓު: 500 މިލިއަން ޑޮލަރުގެ ސުކޫކު ވިއްކައިގެން 488.37 މިލިއަން ޑޮލަރު ސަރުކާރަށް ލިބުނަސް، އަނބުރާ ދައްކަން ޖެހޭނީ 500 މިލިއަން ޑޮލަރެވެ. އަދި އަހަރަކަށް 9.875 އިންސައްތައިގައި ކޫޕަން ދައްކަން ޖެހޭނީ ހަމަހުން ހަމަހަށް 500 މިލިއަން ޑޮލަރަށެވެ. * އިމްޕިއުޓެޑް ފީއަކީ ރިފިނިޓިވް ލައިވް ޑޭޓާބޭސްގައި ސަރުކާރުގެ ސުކޫކު ޕޮރޮގްރާމް ވިއްކުމުގައި ޓެކްނިކަލް އެހީއާއި ލަފާދިން ކުންފުނިތަކަށް ދިންކަމަށް ރިފިނިޓިވްއިން ލަފާކޮށް ރިޕޯޓްކުރާ ފީގެ އަދަދު މިލިއަން ޑޮލަރުންނެވެ.


އަގު ދަށްވެ، ޔީލްޑް ބޮޑުވުން ގޮންޖެހުމަކަށް ވަނީ ކީއްވެ؟

މިކަމުގެ ގޮންޖެހުން ވަރަށް ބޮޑެވެ. ރާއްޖޭގެ ސަރުކާރުން މިދިޔަ އަހަރުގެ ނޮވެންބަރު މަހުގައި ބައިނަލްއަގުވާމީ މާލީ ބާޒާރަށް، ސުކޫކު ޕްރޮގްރާމުގެ ދަށުން 100 މިލިއަން ޑޮލަރުގެ ދަރަނި ހޯދަން ނިކުތްނަމަ އެންމެ ގިނަވެގެން ލިބޭނެ ކަމަށް އަންދާޒާ ކުރެވެނީ 70 މިލިއަން ޑޮލަރެވެ. ސަބަބަކީ ކޫޕަން ރޭޓަކީ 9.875 ޕަސެންޓު ކަމަށް ވުމުން އިންވެސްޓަރުން ޑިމާންޑްކުރާ 20 ޕަސެންޓުގެ ޔީލްޑް އެމިންގަނޑުގައި ހިފަހައްޓަން 100 މިލިއަން ޑޮލަރުގެ މޫނުމަތީ އަގު 70 މިލިއަނަށް ދަށްކުރާން މަޖުބޫރުވުމެވެ. އެހެން ގޮތަކަށް ދަންނަވާނަމަ 70 މިލިއަން ޑޮލަރުގެ 'ޑިސްކައުންޓް' އަގެއްގައި ސުކޫކު ވިއްކުން ނޫން އެހެން ގޮތެއް ސަރުކާރަކަށް ނެތުނީހެވެ. މިއީ މާލީ ބާޒާރުގައި މިކަން ހިނގާ އުސޫލެވެ. އެހެން ކަމުން އޭރު ސަރުކާރުން އެސްބީއައި އިން 100 މިލިއަން ޑޮލަރު ދަރަންޏަށް ނެގީ މަޖުބޫރުވެގެންނޭ ދެންނެވިދާނެ އެވެ. ސަރުކާރުން މިހާތަނަށް އެސްބީއައި އިން ނެގި 100 މިލިއަން ޑޮލަރުގެ އިންޓްރަސްޓް ރޭޓް ހާމަކޮށްފައިނެތަސް، އޭގެ އިންޓްރަސްޓް ރޭޓް ލަފާކޮށްލެވިދާނެ އެވެ. ސަރުކާރުން އެސްބީއައިއަށް ވިއްކީ ފަސް އަހަރާއި ހަތް އަހަރާއި ދެމެދުގެ ޑޮލަރު ބޮންޑެކެވެ. އިންޑިއާއިން 2020 ގައި މާލީ ބާޒާރުގައި ވިއްކާފައިވާ އެއް އަހަރާއި ސާޅީސް އަހަރާއި ދެމެދުގެ ހުރިހާ ބޮންޑެއްގެ ޔީލްޑް ވެސް ވަނީ ފާއިތުވެދިޔަ ހަމަސް ދުވަސް ތެރޭގައި އެވްރެޖްކޮށް 7 ޕަސެންޓާއި 7.50 ޕަސެންޓާ ދެމެދުގައި ހިފެހެއްޓިފަ އެވެ. ރާއްޖެއިން ދަރަންޏަށް ނެގި 100 މިލިއަން ޑޮލަރަކީ އިންޑިއާ ސަރުކާރުގެ ސޮވެރިން ގެރެންޓީ ދީފައިވާ ދަރަންޏެކެވެ. މި ދަރަންޏަކީ އިންޑިއާ ސަރުކާރުގެ ބެލެންޝީޓަށް އިތުރުވާނޭ ދަރަންޏެކެވެ. މިކަންކަން ޕްރޮކްސީއަކަށް ނަގަންޏާ، ރާއްޖެއިން އެސްބީއައިއަށް ދައްކަން ޖެހޭ އިންޓްރަސްޓް ރޭޓްވެސް އުޅޭނީ 7 ޕަސެންޓާއި 8 ޕަސެންޓާ ދެމެދުގެ މިންވަރެއްގައި ކަމަށް ވަރަށް ބޮޑަށް ޔަގީން ކުރެވެއެވެ. އަދި، ބޮންޑުގެ އަގުވެސް އުޅޭނީ ސުކޫކު ފުރަތަމަ ވިއްކި އިރު އަގުތައް ހުރި މިންވަރުގައިކަމަށް ލަފާކުރެވެ އެވެ.

ނޯޓު: * ގައި އެވަނީ ސަރުކާރުން ރަސްމީކޮށް މައުލޫމާތު ހާމަކޮށްފައި ނެތުމުގެ ސަބަބުން، ލަފާކޮށްފައިވާ އަދަދުތަކެވެ. މި އަދަދުތަކާއި އަސްލު އަދަދާއި މާބޮޑު ތަފާތެއް ހުރުން އެކަށީގެންނުވެއެވެ.


މިއީ ހުރިހާ ގައުމަކަށް ދިމާވެފައިވާ ހާލަތެއްތަ؟ ސަރުކާރަށް ދެން ސުކޫކު ވިއްކަން މާލީ ބާޒާރަށް ދެވޭނީ ކޮން އިރަކުން؟

ފެންނަން ހުރި މައުލޫމާތުތަކަށް ބުރަވެ ދަންނަވާން ޖެހޭނީ މިއީ ހުރިހާ ގައުމަކަށް ދިމާވެގެން އުޅޭ ހާލަތެއް ނޫން ކަމަށެވެ. އިންވެސްޓަރުން ޑިމާންޑުކުރާ މިންވަރު ނުވަތަ ޔީލްޑް އެންމެ ބޮޑަށް މަތިވެގެން މިއުޅެނީ އިގްތިސޯދު ތާށި ކަމެއްގެ ތެރޭގައި އުޅޭ ގައުމުތަކަށެވެ. އަދި އެތާށިކަން ގިނަ ގައުމުތަކަށް އަރައިގެން އުޅެނީ އެގައުމުތަކުގެ ސަރުކާރުތަކުގައި ހަރުދަނާ ފިސްކަލް ސިޔާސަތެއް ނެތި، ގޯސްކޮށް އިގްތިސޯދު މެނޭޖްކުރުމުގެ ސަބަބުންނެވެ. ސީދާ ޕެންޑެމިކްގެ ސަބަބުންނެއް ނޫނެވެ. ސީދާ ރަޝިޔާ-ޔޫކްރޭން ހަނގުރާމައިގެ ސަބަބުންނެއްވެސް ނޫނެވެ. ޕެންޑެމިކް، ރަޝިޔާ-ޔޫކްރޭންގެ ހަނގުރާމައިގެ އަސަރު ހުރިހާ ގައުމުތަކަށް އެކި މިންވަރަށް ކުރި އެވެ. އެކަމަކު އެކި ގައުމުތަކުން އެޅި މާލީ ފިޔަވަޅުތަކާއި، ގެންގުޅުނު އިގްތިސާދީ ސިޔާސަތު ތަފާތުވީ އެވެ. ބައެއް ގައުމުތަކުން ދުރުވިސްނުން އިސްކޮށް، ސިޔާސަތަށް ބޮޑު ބަދަލެއް ގެންނަން ޖެހިއްޖެކަމަށް ގަބޫލުކޮށް އަވަހަށް މާލީ އިދާރާތަކާއި ވާހަކަ ދެއްކީ އެވެ. އަނެއްބައި ގައުމުތަކުން އިގްތިސާދު މެނޭޖު މިކުރެވެނީ އެންމެ ރަނގަޅަށް ކަމަށް ދެކި، ސިޔާސަތަށް މާބޮޑު ބަދަލެއް ނުގެނެސް ބަލަހައްޓައިގެން ތިބީއެވެ. ދުވަސްތަކެއް ފަހުން މިގައުމުތަކަށް ދިމާވި ހާލަތުގެ ފަރަގުބޮޑުވާން ފެށީއެވެ. މިހާރު ފެންނަމުން މިދަނީ އެމަންޒަރެވެ.

ނޯޓު: މި ޓޭބަލް އިން މި ފެންނަނީ 5 އަހަރުގެ ބޮންޑް ޔީލްޑް 27 މާރޗް 2023 އާއި ހަމައަށް އެކި ގައުމުތަކުގައި ހުރިވަރެވެ.


ޔީލްޑް އެންމެ މަތި މި ގައުމުތަކަށް ބަލަމާހިނގާށެވެ. ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އޭޖެންސީ ކަމަށްވާ ފިޗް ރޭޓިންގް އިން ވަނީ އާޖެންޓީނާގެ ކްރެޑިޓް ރޭޓިން 'ސީ' އިން "ސީސީސީ' އަށް ތިރިކޮށްފަ އެވެ. އަދި މިހާރު ރައީސުލްޖުމްޖޫރިއްޔާގެ ގަރާރަކުން މަޖުބޫރުކޮށްފައިވާ 'ޕަބްލިކް ސެކްޓާ ޑޮލާ ބޮންޑް ސޭލް' ނިމިއްޖެއްޔާ 'ރިސްޓްރިކްޓެޑް ޑީފޯލްޓް' އަކަށް ރޭޓިން ބަދަލު ކުރާނެކަންވެސް ފިޗުން ވަނީ އަންގާފަ އެވެ. ސްރީލަންކާއިން ވަނީ ބަނގުރޫޓުވިކަން ރަސްމީކޮށް މިދިޔަ އަހަރު އިއުލާންކޮށްފަ އެވެ. އައިއެމްއެފް އިން މިހާރު ވަނީ ސްރީލަންކާއަށް 2.9 ބިލިއަން ޑޮލަރުގެ 'ބެއިލްއައުޓް' ލޯނެއް އެޕްރޫވްކޮށްފަ އެވެ. މިސްރަކީ ވެސް ނާޒުކު ހާލަތެއްގައި އޮތް ގައުމެކެވެ. ޑިސެންބަރު މަހުގައި އައިއެމްއެފްއިންވަނީ 3 ބިލިއަން ޑޮލަރުގެ 'އެކްސްޓެންޑެޑް ފަންޑް ފެސިލިޓީ' އެއް މިސްރަށް ދޭން ނިންމާފައި އެވެ. ކަޒަކަސްތާނުގައި އިންފްލޭޝަން ވޭތުވެދިޔަ 20 އަހަރުތެރޭގައި މައްޗަށް ނުދާވަރަށް މައްޗަށް ގޮސް، އެގައުމުގެ މަރުކަޒީ ބޭންކުން މިހާރު ވަނީ އިންޓްރަސްޓް ރޭޓް 16.50 ޕަސެންޓަށް ބޮޑުކޮށްފަ އެވެ. ޕާކިސްތާނުން ދަނީ އައިއެމްއެފްއާ އެކީގައި 1.1 ބިލިއަން ޑޮލަރުގެ އެހީ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. މިއީ ޖުމްލަ 6.5 ބިލިއަން ޑޮލަރުގެ ބެއިލްއައުޓް ޕެކޭޖްގެ ބަޔެކެވެ. ނައިޖީރިޔާ އިން ލިބެންޖެހޭ ޓިކެޓް ފައިސާ ނުލިބުމުގެ ސަބަބުން އެމިރޭޓްސްއިން ވަނީ މިދިޔަ އަހަރު ނައިޖީރިޔާއަށް ދަތުރުތައް ސަސްޕެންޑް ކޮށްފަ އެވެ. ޑޮލަރުގެ ތާށިކަމާއި ހެދި ނައިޖީރިޔާ އަށް އެމިރޭޓްސްއަށް އެފައިސާ އެއްކޮށް ދެވޭނެ ދުވަހެއް އަދިވެސް ނޭނގެއެވެ. މިއީ ޔީލްޑް އެންމެ މަތިކޮށް ހުރި މިގައުމުތަކުގެ ހާލަތެވެ.

ދެން އެ ލިސްޓްގައި އެކުއެކީގައި އޮތީ ރާއްޖެ އެވެ. ސެޕްޓެންބަރު 2021 ގައި ފިނޭންސް މިނިސްޓްރީން ވިއްކި 300 މިލިއަން ޑޮލަރުގެ ސުކޫކު ތިން ގުނަ 'އޯވަ ސަބްސްކްރައިބް' ވިކަން އިއުލާން ކުރި ޕްރެސް ރިލީޒްގައިވާ ގޮތުން ސުކޫކުގެ ސައިޒް 500 މިލިއަން ޑޮލަރަށް އެރުމާއިއެކު 'އެމާޖިން މާކެޓް ބޮންޑް އިންޑެކްސް' ގައި ސުކޫކު ހިމެނޭނެ އެވެ. އަދި، އޭގެ ސަބަބުން ސެކަންޑްރީ މާކެޓުގައި ސުކޫކުގެ ލިކުއިޑިޓީ އިތުރުވެ، ރާއްޖޭގެ ސުކޫކުގެ ޔީލްޑް ދަށްވާނެ ކަމަށް ސަރުކާރުން ލަފާކުރާ ވާހަކަ ވެސް ޕްރެސް ރިލީޒްގައި އޮތެވެ. އެހެން ނަމަވެސް ސަރުކާރުން އޭރު ހީކުރި ގޮތާއި މުޅީން ހިލާފަށް ރާއްޖޭގެ ސުކޫކުގެ ޔީލްޑް މި ދިޔައީ މައްޗަށެވެ. ޑޮލަރުގެ ރިޒާވް ދަށްވެ، ޑޮލަރުގެ ތާށިކަން އިތުރުވެ، އެތެރެ އާއި ބޭރުގެ ދަރަނި ބޮޑުވެ، ސަރުކާރުގެ ހަރަދުތައް ވެސް ބޮޑުވެ، އިންފްލޭޝަން މައްޗަށް ދަނީ އެވެ. މިކަންކަމުގެ ސަބަބުން ރާއްޖޭގެ ކްރެޑިޓް ރޭޓިންގް އަށްވެސް ވަނީ ވޭތުވެދިޔަ އަހަރުތަކުގައި އަސަރުތަކެއް ކޮށްފަ އެވެ. މިގޮތުން ފިޗުން ވަނީ ރާއްޖޭގެ ކްރެޑިޓް އައުޓްލުކް 'ސްޓޭބަލް' އިން 'ނެގެޓިވް' އަށް މިދިޔަ އަހަރު ބަދަލުކޮށްފައެވެ. އަދި، މޫޑީޒް އިން ވަނީ ރާއްޖޭގެ ރޭޓިންގ 'ބީ2' އިން 'ސީއޭއޭ1' އަށް މިދިޔަ އަހަރު ބަދަލުކޮށް، އަދި މި މާޗު މަހުގައި ނެރުނު އޮޕީނިއަންގައިވެސް ވަނީ އެ ރޭޓިން ދަމަހައްޓާފަ އެވެ. މިހާރު މި ހިންގަމުން މިދަނީ އިންތިހާބީ އަހަރެވެ. މިއީ ސަރުކާރަށް މާލީ ގޮތުން ގޮންޖެހުން ބޮޑު އަހަރަކަށްވެ އެވެ.

ކަން މިހެން އޮތްއިރުވެސް، ރާއްޖޭގެ ބޮންޑް 'ޔީލްޑް ކާވް' ދަތުރުކުރަމުންދާ މިސްރާބަށް ބަލާއިރުގައި މިހާރު ހުރިވަރަށްވުރެ ޔީލްޑް ދަށްވުމަކީވެސް އެކަށީގެންވާކަމެވެ. ޗާޓުތަކުން ފެންނަ ގޮތުގައި ރާއްޖޭގެ ސުކޫކު ޔީލްޑް ވަނީ 11 އޯގަސްޓް 2021 ވަނަ ދުވަހު ރެކޯޑް މިންވަރަކަށް، 8.9 ޕަސެންޓަށް ދަށަށް ގޮސްފަ އެވެ. އަދި އެންމެ މައްޗަށް 21.51 އިންސައްތައަށް ގޮސްފައިވަނީ 11 ނޮވެންބަރު 2022 ގައެވެ. މިއީ 53.36 ޕަސެންޓުގެ ބަދަލެކެވެ. އެވްރެޖްކޮށް ޔީލްޑް ހިފެހެއްޓިފައި ހުރީ 13.45 ޕަސެންޓުގަ އެވެ. މީގެ މާނައަކީ ސަރުކާރުގެ މާލީ އަދި އިގުތިސާދީ ފިޔަވަޅުތަކަށް ބަލާފައި އިންވެސްޓަރުންގެ ޝައުގުވެރިކަމާއި އިތުބާރު ރާއްޖޭގެ ސުކޫކަށް އެނބުރި، ސުކޫކުގެ ޔީލްޑް ދަށްވުމަކީ އެކަށީގެންވާކަމެކެވެ. ރާއްޖޭގައި ހިނގާ ކަންތައްތަކަކީ ބައެއް ފަހަރަށް ރާއްޖޭގެ ނޫސްތަކަށްވުރެ އަވަހަށް ރާއްޖޭން ބޭރުގެ އިންވެސްޓަރުންނާއި ހަމައަށް ފޯރާ ހަބަރުތަކެވެ. ކޭމަން އައިލެންޑްސްގައި ސަރުކާރުން ރަޖިސްޓްރީކޮށްފައިވާ މޯލްޑިވްސް ސުކޫކް އިޝޫއެންސް ލިމިޓެޑުން ވިއްކާފައިވާ މި އެސެޓް ބޭސްޑް (ވެލާނާ އިމާރާތާއި ދަރުމަވަންތަ ހޮސްޕިޓަލް) ސޮވެރިން ސުކޫކަކީ، އެއް ސީރީޒްއެއް ދަށުން ބޭނުންވެއްޖެ ހާލަތެއްގައި އެއް ބިލިއަނާއި ހަމައަށް ދަރަންޏަށް ފައިސާ ނެގޭ ގޮތަށް ފަރުމާކޮށްފައިވާ ޕޮރޮގްރާމެކެވެ. އެހެން ކަމުން ރަނގަޅު ދަނޑިވަޅެއް ބަލާފައި އިތުރަށް ސުކޫކު ވިއްކުމަކީ ސަރުކާރަށް ކުރެވިދާނެ ކަމެވެ. އެކަމަކު މިސާލަކަށް މިދިޔަ ހޯމަ ދުވަހު (27 މާޗް 2023) ސަރުކާރުން 100 މިލިއަން ޑޮލަރުގެ ސުކޫކެއް ވިއްކާނަމަ އެންމެ ގިނަވެގެން ލިބޭނެ ކަމަށް ލަފާ ކުރެވެނީ 80 ވަރަކަށް މިލިއަން ޑޮލަރެވެ. އެހެން ނަމަވެސް އަނބުރާ ދައްކަން ޖެހޭނީ 100 މިލިއަން ޑޮލަރެވެ. ސަބަބަކީ ބޮންޑް ޔީލްޑް އެ ދުވަހު ހުރީ 16.46 ގައި، އަދި އަގު ހުރީ ކޮންމެ 1000 ޑޮލަރުގެ ސުކޫކަކަށް 847 ޑޮލަރުގެ ރޭޓުގައި ކަމަށް ވާތީއެވެ.

ނޯޓު: މިއީ ރިފިނިޓިވް ލައިވް ޑޭޓާބޭސް އިން ނަގާފައިވާ ރާއްޖޭގެ ސުކޫކު ފެށިގެން މިއަދާއި ހަމައަށް ދަތުރުކުރާގޮތް ދައްކުވައިދޭ ޗާޓެކެވެ.


ދިވެހި ސަރުކާރަށް އެސްބީއައި، ނުވަތަ އެސްބީއައި އިން ހުށަހަޅާ އިންޓްރަސްޓް ރޭޓްގައި ދަރަނި ނެގެން މިވަގުތު އޮތްނަމަ ދެންވެސް އެމަގުން ދިޔުމަކީ އެކަށީގެންވާކަމެވެ. އިންޑިއާ ސަރުކާރުން ދިން ފަދަ ގެރެންޓީއެއް ނެތި ކޮމާޝަލް ބޭންކަކުން އެ މިންވަރުގެ އަދަދެއް ޑޮލަރުން ދަރަންޏަށް ސަރުކާރުގެ ރިކަރެންޓް ހަރަދާއި މިހާރު ހުރި ދަރަނިތައް އަނބުރާ ދައްކަން ދޫކުރުމަކީ އެ ބޭންކެއްގެ ބެލެންޝީޓަށް އެކަމުގެ ނޭދެވޭ އަސަރު ކުރުވާނޭ ކަމެކެވެ. ރާއްޖޭގެ ސަރުކާރުން ޑޮލަރުން ނަގާފައި ހުރި ދަރަންޏަކަށް ދޭ ސޮވެރިން ގެރެންޓީއަށް ވުރެ އިންޑިއާ ކަހަލަ ގައުމަކުން ދޭ ގެރެންޓީގެ އިތުބާރު މާބޮޑުވާނެ އެވެ. ސަބަކަކީ ހުދު ދިވެހި ސަރުކާރަށްވެސް އުޅެނީ ޑޮލަރުގެ ތާށިކަމުން އަރައިނުގަނެވިގެންނެވެ. އެހެންކަމުން މިއީ އެ ބޭންކުތަކުގެ އެކްސްޓާނަލް އޮޑިޓް ކުރާ ފަރާތްތަކުންވެސް އެކަމުގެ ކަންބޮޑުވުން ފައިނޭންޝަލް ސްޓޭޓްމަންޓްތަކުގައި ޑިސްކްލޯޝާއެއް ގޮތަށް ހިމަނަން މަސައްކަތް ކުރާނޭ ކަންކަމެވެ. އަދި އެކަމުގެ ސަބަބުން އެ ބޭންކް ތަކުންގެ ކްރެޑިޓް ރޭޓިންގް އަށް އަސަރުކޮށް، ނުވަތަ އެ ބޭންކްތަކުން ބޭރުން ދަރަންޏެއް ނަގާނަމަ އެކަމުގެ ދަތި އިންތިހާއަށް އެބޭންކްތަކަށް ފޯރާނޭ ކަމެކެވެ. އެހެން ކަމުން އެފަދަ ބޭންކްތަކުން އިތުބާރު ކުރެވޭ ގެރެންޓީއެއް ނެތި މިލިއަނުން ޑޮލަރު ސަރުކާރަށް ދިނުމަކީ އެކަމާއި ދޭތެރޭގައި ވަރަށް ބޮޑަށް ވިސްނާނެ ކަމެކެވެ.

ސަރުކާރުގެ ހަރުދަނާ މާލީ ސިޔާސަތެއް ނޫނީ ފިސްލަކް ޑިސިޕްލިންއެއް ނެތި މާލީ ބާޒާރުން ޑޮލަރު ދަރަންޏަށް ނެގުން ވާނީ ކުރިއަށް މިއޮތް ދުވަސްތަކުގައި ދަތިކަމަކަށެވެ. ސޮވެރިން ބޮންޑާއި ސުކޫކު ވިއްކިދާނެ އެވެ. އެކަމަކު އެކަމުގެ ކާމިޔާބީ ބިނާވަނީ އެ ބޮންޑެއް ނުވަތަ ސުކޫކެއް ވިއްކައިގެން އަސްލު ސަރުކާރަށް ލިބޭ އަދަދާއި، ދައްކަން ޖެހޭ އިންޓްރަސްޓް ރޭޓަށް ބިނާކޮށެވެ. އަދި އެއަށްވުރެވެސް ބޮޑަށް، އެ ދަރަނި ދައްކަންޖެހޭ މުއްދަތުގައި އެއްވެސް ލަސްވުމެއް ނެތި ބަރާބަރަށް ދަރަނި ދެއްކޭނެކަމުގެ ޔަގީންކަން އިންވެސްޓަރުންނަށް އޮވެގެންނެވެ. ސަރުކާރުން ބުނެލާ ބަހަކީ އެފަދަ ޔަގީންކަމެއް ނޫނެވެ. އެކަމަކު، ހަރުދަނާ މާލީ ސިޔާސަތަކީ އެކަމުގެ ޔަގީންކަމެކެވެ.