Advertisement

ވެހިކަލް އެތެރެކުރާ އަދަދު ކޮންޓްރޯލް ކުރެވޭނެ ގޮތެއް ނެތް؛ ނަހުލާ އަނެއްކާ ވެސް ވިދާޅުވީ ގާނޫނަށް ބަދަލު ގެނައުމަށް

28 މާރިޗު 2023 - 13:54 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ނަހުލާ ވިދާޅުވީ ވެހިކަލްތައް އެތެރެކުރާ މިންވަރު ކޮންޓްރޯލުކުރުމަށް ގާނޫނަށް ބަދަލު ގެނައުން މުހިންމު ކަމަށް -- ފޮޓޯ: މަޖިލިސް


ވެހިކަލް އެތެރެކުރާ އަދަދު ކޮންޓްރޯލް ކުރެވޭނެ ގޮތެއް ނެތް؛ ނަހުލާ އަނެއްކާ ވެސް ވިދާޅުވީ ގާނޫނަށް ބަދަލު ގެނައުމަށް

28 މާރިޗު 2023 - 13:54 0

މާލެ އެތެރެކުރާ ވެހިކަލްތަކުގެ އަދަދު ކޮންޓްރޯލްކުރުމަށް އިމްޕޯޓް އެކްސްޕޯޓު ގާނޫނަށް ބަދަލު ގެނައުމަކީ މުހިންމު ކަމެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

މާލޭގެ ގަރާޖު ސިޓީ މައްސަލަ ހައްލުކުރުމަށް މަޝްވަރާކުރުމަށް މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ކޮމެޓީގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ، ގަރާޖު ސިޓީގެ މައްސަލަ ބޮޑުވެފައި ވަނީ މާލެއާ އެކަށީގެން ނުވާ މިންވަރަށް ވެހިކަލުތައް އިތުރުވާތީ ކަމަށެވެ.

އަދި, އެކަމަށް ހައްލު ގެނެވޭނީ އިމްޕޯޓު އެކްސްޕޯޓު ގާނޫނަށް ބަދަލުގެނެސްގެން ކަމަށް ވެސް ނަހުލާ ފާހަގަކުރެއްވި އެވެ.

"[އެކަށީގެން ނުވާ މިންވަރަށް މާލޭގައި ވެހިކަލްތައް ގިނަވުން] ކޮންޓްރޯލް ކުރެވޭނީ އިމްޕޯޓު އެކްސްޕޯޓު ގާނޫނަށް ބަދަލުތަކެއް ގެނެސްގެން. އިމްޕޯޓު އެކްސްޕޯޓު ގާނޫނުގަ މަނައެއް ނުއެއް ކުރޭ ކޮންމެ މީހަކުވެސް ވެހިކަލެއް ގެންނަންވީމަ ހަމަ އެތެރެކުރަންވީ ވެހިކަލެއް. އޭގައި މަނާކުރާ އެއްވެސް ކަމެއް ނެތް. އެހެންވީމަ އަޅުގަނޑުވެސް އަދި އިއްޒަތްތެރި މެންބަރުވެސް ނުވަތަ އެހެން ބޭފުޅަކު ވެސް ހަމަ 10 ވެހިކަލް، 20 ވެހިކަލް އިތުރުކުރަންވީ" ނަހުލާ ވިދާޅުވި އެވެ.

މިނިސްޓަރު ނަހުލާ ވިދާޅުވީ މިހާރު ގާނޫނު އޮތް ގޮތުން ކޮންމެ ރައްޔިތަކުވެސް ވެހިކަލެއް ގަތުމުން އެ ވެހިކަލު ރަޖިސްޓްރީ ކުރުން ޓްރާންސްޕޯޓު މިނިސްޓްރީގެ ޒިންމާއަކަށް ވާކަމަށެވެ. މިނިސްޓަރު ވިދާޅުވީ މިކަން ހައްލުކުރުމަށް ގާނޫނު އިސްލާހުކުރުމަށް 2020 ވަނަ އަހަރުގެ ތެރޭގައި ވެސް އިކޮނޮމިކް މިނިސްޓްރީއަށް ހުށަހަޅާފައިވާނެ ކަމަށެވެ.

"ހުށަހެޅީ ފަސް އަހަރު ވެފައި ހުރި ވެހިކަލް ރާއްޖެ އެތެރެނުކުރެވޭނެ ގޮތަށް ގާނޫނަށް ބަދަލު ގެނައުމަށް. އެކަމަކު އެކަން ވެގެން ނުދިޔަ. އެކަމަށް ފިޔަވަޅެއް އެޅިގެން، އެ ގާނޫނަށް އިސްލާހެއް ނުގެނެވުނު," ނަހުލާ ފާހަގަކުރެއްވި އެވެ.

ނަހުލާ ވިދާޅުވީ ވެހިކަލް ކޮންޓްރޯލުކުރުމަށް އެއްވެސް ގާާނޫނެއް ނެތްނަމަ ވެހިކަލް އިތުރުވެ ތޮއްޖެހެމުން ދާނެ ކަމަށެވެ.

މާލޭގައި ވެހިކަލް އިތުރުވެ ޕާކިންއަށް ބުރޫއަރާ މައްސަލަ ދިމާވަމުން އަންނަތާ އަހަރުތަކެއް ވީނަމަވެސް އެކަމަށް ވެސް އެދެވިގެންވާ ހައްލެއް އަދި ލިބިފައެއް ނުވެއެވެ.