27 މާރިޗު 2023 - 09:50 0
27 މާރިޗު 2023 - 09:50 0
ރަމަޟާން ކްރިކެޓް ކާނިވަލްގެ އޯޕަން ބައިގައި އާކް އާއި ކިންޒާ ކެފޭ ކުޅުނު ފުރަތަމަ މެޗުތައް ކާމިޔާބުކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.
މި އަހަރުގެ ރަމަޟާން ކްރިކެޓް ކާނިވަލްގެ ފުރަތަމަ މުބާރާތް ކަމަށްވާ އޯޕަން މުބާރާތުގައި އާކް ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކުރީ އޮފު އެފްސީއާ ވާދަކޮށް ހަތް ވިކެޓުންނެވެ. ކިންޒާ ކެފޭ އިން މެޗު ކާމިޔާބުކުރީ މެރީ ކޯނާއާ ވާދަކޮށް ހަ ވިކެޓުންނެވެ.
އިއްޔެގެ ފުރަތަމަ މެޗުގައި އާކް އާއި އޮފު އެފްސީ ވާދަކުރި މެޗުގެ ޓޮސް ދިމާވުމުން އާކުން ނިންމީ ހޮވުމަށެވެ. އޮފު އެފްސީ އިން ކުޅެން އަރައި އަށް އޯވަރުގެ ތެރޭގައި ތިން ކުޅުންތެރިން ނުބައިވެގެން ހެދުނީ 102 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 17 ބޯޅައިން 26 ލަނޑު ހެދި އަފްޒަލް ފާއިޒު އާއި ނުބައިނުވެ ނުވަ ބޯޅައިން 18 ލަނޑު ހެދި އަބްދުﷲ ރަފީއު އެވެ. މި އިނިންގްސްގައި އާކްގެ ހަސަން ރަޝީދު ދެ ވިކެޓު ނެގި އެވެ.
ޖަވާބުގައި އާކުން ކުޅެން އަރައި 5.5 އޯވަރުގެ ތެރޭގައި އެއްވެސް ކުޅުންތެރިއަކު ނުބައިނުވެ 106 ލަނޑު ހަދާ މެޗު ކާމިޔާބުކުރި އެވެ. އެ ޓީމުން އެންމެ ރަނގަަޅަށް ކުޅުނީ 14 ބޯޅައިން 36 ލަނޑު ހެދި އިބްރާހިމް ނަޝާތު އާއި ނުބައި ނުވެ 9 ބޯޅައިން 23 ލަނޑު ހެދި އިބްރާހިމް ހުސައިން އެވެ.
ކިންޒާ ކެފޭ އާއި މެރީ ކޯނާ ވާދަކުރި މެޗުގެ ޓޮސް ދިމާވުމުން މެރީ ކޯނާއިން ނިންމީ ކުޅެން އަރާށެވެ. އެ ޓީމު ކުޅެން އަރައި އަށް އޯވަރުގެ ތެރޭގައި އެއް ކުޅުންތެރިއަކު ނުބައިވެ 122 ލަނޑު ހެދި އެވެ. އެ ޓީމުން އެންމެ ރަނގަަޅަށް ކުޅުނީ 16 ބޯޅައިން 32 ލަނޑު ހެދި މުހައްމަދު ހައިކަލް އާއި 23 ބޯޅައިން 32 ލަނޑު ހެދި އަހުމަދު އަރަފާތު އެވެ.
ޖަވާބުގައި ކިންޒާ އިން ކުޅެން އަރާ 6،5 އޯވަރުގެ ތެރޭގައި އެއް ކުޅުންތެރިއަކު ނުބައިވެގެން 123 ލަނޑު ހެދި އެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 13 ބޯޅައިން 35 ލަނޑު ހެދި ސަލާމް މުހައްމަދު އާއި 22 ބޯޅައިން 34 ލަނޑު ހެދި ފައިޒާން އެވެ.
ރަމަޟާން ކްރިކެޓް ކާނިވަލްގައި ހިމެނޭ މުބާރާތްތަކުގެ ތެރެއިން ފުވައްމުލަކުގައި ކުރިއަށްދާ މުބާރާތުގައި އިއްޔެ ވަނީ މެޗެއް ކުޅެފަ އެވެ. ޑީއެމްޖީ ކާބްސް އާއި ޑީއެސްއާރުސީ ސްޕާޓަންސް ވާދަކުރި މެޗު ނުވަ ވިކެޓުން ކާމިޔާބުކުރީ ސްޕާޓަންސް އެވެ.
މެޗުގެ ޓޮސް ދިމާވުމުން ކާބްސް އިން ނިިކުތީ ކުޅޭށެވެ. އެ ޓީމު ކުޅެން އަރައި 9.1 އޯވަރުގައި އަށް ކުޅުންތެރިން ނުބައިވެގެން 82 ލަނޑު ހެދި އެވެ. އެންމެ ރަނގަޅަށް ކުޅުނީ 13 ބޯޅައިން 18 ލަނޑު ހެދި އިބްރާހިމް މަބްސަރު އާއި ނުބައިނުވެ 15 ބޯޅައިން 17 ލަނޑު ހެދި އައިމަން ޒާހިރު އެވެ. މި އިނިންގްސްގައި ސްޕާޓަންސްގެ ހަސަން ރިޔާޒު ދެ އޯވަރުގައި 13 ލަނޑަށް ތިން ވިކެޓު ނެގި އެވެ.
ޖަވާބުގައި ސްޕާޓަންސް ކުޅެން އަރާ ހަ އޯވަރުގައި ކުޅުންތެރިއަކު ނުބައިނުވެ 85 ލަނޑު ހެދި އެވެ. ސްޕާޓާންސްގެ ކެޕްޓަން ރާއިދް ވާސިފް 26 ބޯޅައިން 34 ލަނޑު ހެދިއިރު، އިބްރާހިމް އަރީޝް ނުވަ ބޯޅައިން 17 ލަނޑު ހެދި އެވެ.
ރަމަޟާން ކްރިކެޓް ކާނިވަލްގެ ކުޅުން މިއަދުވެސް ކުރިއަށްދާނެ އެވެ. މިއަދު މާލޭގައި ކުޅޭ ފުރަތަމަ މެޗުގައި އަވިއާ ނިކުންނާނީ ކޭޑީއެމްއާ ދެކޮޅަށެވެ. އެމްއޭސީއެލް ނިކުންނާނީ ދިވެހި ސިފައިންގެ ކުލަބާ ދެކޮޅަށެވެ. ފުވައްމުލަކު މުބާރާތުގައި ޓީމް ޔޯޔޯ ނިކުންނާނީ ޓީމް ވަލިފަންނުއާ ދެކޮޅަށެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment