27 މާރިޗު 2023 - 05:51 0
ވެންލޫޕް މެރަތަން ނިންމާލުމަށް ފަހު ޝަމްހާ މެޑަލް ހިފައިގެން.--- ފޮޓޯ: ޝަމްހާ އަހުމަދު/ ފޭސްބުކް
27 މާރިޗު 2023 - 05:51 0
ހުނަރުވެރި ދުވުންތެރިޔާ، ޝަމްހާ އަހުމަދު، ރާއްޖޭގެ އަންހެނުންގެ 10 ކިލޯމީޓަރު ދުވުމުގެ ގައުމީ ރެކޯޑް އާ ކޮށްފައިވަނީ ނެދަލެންޑްސްގެ ވެންލޫޕް ހާފް މެރަތަންގައި 10 ކިލޯމީޓަރުގެ ރޭސް 39 މިނިޓް 34 ސިކުންތުން ނިންމައިގެންނެވެ.
ޝަމްހާ، 40، ވަނީ ވެންލޫޕް މެރަތަންގައި އޭނާ ވާދަކުރި އުމުރުފުރާ ކެޓަގަރީން އެންމެ ކުރިން ރޭސް ނިންމައިފަ އެވެ. މިއީ ގައުމީ ރެކޯޑް އާ ކުރުމުގެ އިތުރުން މި ރޭހުގައި ޝަމްހާ އަށް ލިބިގެންދިޔަ ރަނގަޅު ވަނައެކެވެ.
މީގެ ކުރިން، ޝަމްހާ، 10 ކިލޯމީޓަރުގެ ގައުމީ ރެކޯޑް ހެދީ މިދިޔަ އަހަރު އޮސްލޯ މެރަތަންގައި 40 މިނިޓް 39 ސިކުންތުން ރޭސް ނިންމައިގެންނެވެ.
ކާމިޔާބު ކޯޗު، ނަސްރުﷲ އަހުމަދު (ނަސްރު)އާ އެކު ޓްރެއިނިން ހަދަމުން އަންނަ ޝަމްހާ މި އަންނަނީ ދިގު ދުވުންތަކުގައި ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ކުރިއެރުން ހޯދަމުންނެވެ. އެ ގޮތުން، ދިގު ރާސްތާ ދުވުމުގެ އަންހެނުންގެ ގިނަ ރެކޯޑްތަކެއް މި ވަގުތު އޮތީ ޖަރުމަނުގައި ދިރިއުޅެމުން އަންނަ ޝަމްހާ އަތުގަ އެވެ.
ޝަމްހާ ވަނީ އިއްޔެގެ ރޭހާ ބެހޭގޮތުން ސޯޝަލް މީޑިއާގައި ޝުއޫރުފާޅުކޮށްފަ އެވެ.
އެ ގޮތުން، ކޯޗު ނަސްރު އަށް ޝުކުރު އަދާ ކުރުމަށް ފަހު ޝަމްހާ ބުނީ އިއްޔެގެ އިވެންޓް ކުރިއަށްދިޔައިރު، މޫސުން އެންމެ ރަނގަޅު ނޫން ކަމަށްވާތީ ކޮންމެ ވެސް ވަރެއްގެ އުނދަގޫތަކެއް ކުރިމަތިވި ކަމަށެވެ.
އެކަމަކު، ހަ ޑިގްރީ ސެލްސިއަސްގައި ވިއްސާރަ ތެރޭގައި ވެސް ރަނގަޅު ޓައިމިން އަކާ އެކު އިވެންޓް ނިންމާލެވުމަކީ ހިތްހަމަޖެހުމެއް ކަމަށާއި މި ކަންކަން ހާސިލްވުމުގައި އާއިލާ އާއި ހެޔޮއެދޭ ފަރާތްތަކުން ދޭ އެހީތެރިކަމަށް ޝުކުރު އަދާކުރާ ކަމަށް ޝަމްހާ ވަނީ ބުނެފަ އެވެ.
"ވަރަށް ވަރުބަލި، އެކަމަކު، މިއީ މި ފަހުން ދުވި ރޭސްތަކުގެ ތެރެއިން އެންމެ ގަޔާވި ރޭސް، އުންމީދަކީ ކުރިއަށް އޮތްތަނުގައި ޓްރެކް އިވެންޓްތަކަށް ދިއުން،" ޝަމްހާ ލިޔެފައިވެ އެވެ.
ޖަރުމަންގައި މި މަހު ހަ ވަނަ ދުވަހު ބޭއްވި ރޯޑް ރަންގައި ރޭހުގައި ވާދަކޮށް 5 ކިލޯމީޓަރުގެ ރޭސް 20 މިނެޓަށް ވުރެ އަވަހަށް ނިންމި ދިވެހި ފުރަތަމަ އަންހެން ދުވުންތެރިޔާ ޝަރަފްވެރި ރެކޯޑް ހެދީ ވެސް ޝަމްހާ އެވެ. އެ ގޮތުން، ޝަމްހާ ވަނީ ފަސް ކިލޯމީޓަރުގެ އެ ރޭސް 19 މިނިޓް 15 ސިކުންތުން ނިންމައި، ރާއްޖޭގެ އެތުލެޓިކްސްގެ ތާރީހުން ހާއްސަ ޖާގައެއް ހޯދައިފަ އެވެ.
Comment