Advertisement

ޝިފާޒު އަދިވެސް ވިދާޅުވަނީ އެމްޑީޕީއަށް ދެރަ ގޮތެއް ނަޝީދު ނުހަދާނެ ކަމަށް

26 މާރިޗު 2023 - 23:36 4

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

"އަދަދު" ގެ ކުޅިކޮށް ޕްރޮގްރާމްގައި ޝިފާޒް ވާހަކަ ދައްކަވަނީ. -ފޮޓޯ: އަދަދު


ޝިފާޒު އަދިވެސް ވިދާޅުވަނީ އެމްޑީޕީއަށް ދެރަ ގޮތެއް ނަޝީދު ނުހަދާނެ ކަމަށް

26 މާރިޗު 2023 - 23:36 4

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ރިޔާސީ އިންތިހާބު ކާމިޔާބުކޮށްދިނުމަށް މަސައްކަތް ނުކުރާ ގޮތަށް ހުންނެވި ނަމަވެސް އެމްޑީޕީއަށް ދެރަ ގޮތެއް ވާން ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ނުނިންމަވާނެ ކަމަށް، ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެ އެވެ.

ޖެނުއަރީ 28 ގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައީސް ކާމިޔާބު ކުރެއްވީ ވޯޓުލީ މީހުންގެ 61 އިންސައްތަ ވޯޓުންނެވެ. ރައީސްއާ ދެކޮޅަށް ނުކުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގަތީ 39 އިންސައްތަ ވޯޓެވެ.

އޭގެ ފަހުން މިއަދާ ހަމައަށްވެސް ރައީސަށް ތާއީދުކުރައްވަން ނަޝީދު ނުނިންމަވަ އެވެ. އަދި ގެންދަވަނީ "ފިކުރެއްގެ ދިރުން" ނަމުގައި ވަކި ފެކްޝަނެއް ހައްދަވައިގެން، އަންނަ ރިޔާސީ އިންތިހާބަށް ނުކުންނެވުމުގެ މަސައްކަތް ކުރައްވަމުންނެވެ. އެ ފެކްޝަަނަށް ތާއީދުކުރާ ވީހާވެސް ގިނަ ބަޔެއްގެ ސޮއި އެއްކުރުމަށް ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

ނަޝީދު އެންމެ ފަހުން އެދިވަޑައިގެން، އެމްޑީޕީގެ ނަމުގައި އެމަނިކުފާނުގެ ދެ މަންދޫބަކު ވަނީ ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރުމަށް ނިންމާފައިވާ ޖުމްހޫރީ ޕާޓީގެ ބޭފުޅުންނާ ވެސް ބައްދަލުކުރައްވައިފަ އެވެ. "ފިކުރެއްގެ ދިރުން" އާއި ޖޭޕީ ގުޅިގެން މެނިފެސްޓޯއެއް އެކުލަވާލުމުގެ މަސައްކަތް ކުރުމަށް ވަނީ ނިންމައިފަ އެވެ.

މި ރަމަޟާން މަހު "އަދަދު" ނޫހުން ކުރިއަށް ގެންދާ "ކުޅިކޮށް" ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ޝިފާޒު ވިދާޅުވީ އޭނާ ދަންނަ ނަޝީދަކީ އެމްޑީޕީއަށް ދެރަ ގޮތެއް ހައްދަވާނެ ބޭފުޅެއް ނޫން ކަމަށެވެ. އަދި ނަޝީދު ކޮންމެ ނިންމުމެއް ވެސް ނިންމަވާނީ އެމްޑީޕީގެ މެންބަރުންނާއި އެ ޕާޓީއަށް އެންމެ ރަނގަޅު ގޮތް ބެލުމަށް ފަހު ކަމަށް ވެސް ޝިފާޒު ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަ ރައީސް ނަޝީދެއް، އަދި އަޅުގަނޑެއް ވެސް، އެމްޑީޕީގެ މެންބަރުންނަށް ދެރަ ގޮތެއް ވާކަށް ނޭދޭނެ، އެ ގޮތަކަށް މަސައްކަތެއް ވެސް ނުކުރާނެ،" ހިޔާލުތަފާތުވުން ބޮޑުވެ އެމްޑީޕީ ދެ ފެކްޝަނަކަށް ބެހިފައި އޮތް އިރު ނަޝީދުގެ ފެކްޝަނުގައި ހުންނެވި ޝިފާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް ސޯލިހާއި ރައީސް ނަޝީދާ ދެމެދު އޮތް ހިޔާލު ތަފާތުވުމަކީ ވާހަކަ ދައްކައިގެން ހައްލު ކުރެވޭނެ މައްސަލައެއް ކަމަށެވެ. ނަމަވެސް އެ މައްސަލަ ހައްލު ކުރުމަށް ރައީސްގެ ފަޅިން މަޝްވަރާ ކުރައްވަން މަސައްކަތް ނުކުރައްވާ ކަމަށް ވެސް ޝިފާޒު ތުހުމަތު ކުރެއްވި އެވެ.

އެމްޑީޕީ ލީޑާޝިޕަށް އައި ބަދަލު

2008، 2013 އަދި 2018 ގައި ވެސް އެމްޑީޕީގެ ޕްރައިމަރީން ރިޔާސީ ކެންޑިޑޭޓް ގޮތުގައި ނިންމީ ނަޝީދެވެ. ނަމަވެސް 2018 ވަނަ އަހަރު، ނަޝީދަށް އިއްވާފައިވާ ޖަލު ހުކުމުގެ ސަބަބުން ވާދަނުކުރެވޭނެތީ، ރައީސް ސޯލިހަށް ޓިކެޓު ދިނުމަށް އެމްޑީޕީގެ ކޮންގްރެސް މެދުވެރިކޮށް ނިންމީ އެވެ.

ރައީސް ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، އެމްޑީޕީގެ އެތެރޭގައި ދެ ފެކްޝަނެއް ވަނީ އުފެދިފަ އެވެ. އޭގެ ފަހުން އެ ޕާޓީގެ އެތެރޭގައި ބޭއްވި ކޮންމެ އިންތިހާބެއް ވެސް، ނަޝީދުގެ ފެކްޝަންގެ މައްޗަށް ސޯލިހުގެ ފެކްޝަން ކުރި ހޯދާފައިވެ އެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ކާމިޔާބުކޮށް، ޕާޓީގެ އެންމެ ބާރުގަދަ އެއް މަގާމުގައި ހުންނެވީ ވެސް ރައީސްގެ އެންމެ އެއް އަރިސް ވަޒީރު، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލެވެ. އަދި އެމްޑީޕީގެ އެންމެ އިސް ގުނަން ކަމަށްވާ އެ ޕާޓީގެ ގައުމީ މަޖިލީހުގެ އިންތިހާބުތަކަށް ފަހު އެ މަޖިލީހުގެ މެޖޯރިޓީ ވެސް އޮތީ ރައީސް ސޯލިހަށެވެ. އަދި ޕާލިމެންޓްރީ ގްރޫޕްގެ މެޖޯރިޓީ ވެސް އޮތީ ރައީސަށެވެ.