Advertisement

ރަށު ނޯޓު: އުކުޅަސް

25 މާރިޗު 2023 - 15:44 2

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ލޯކަލް ޓޫރިޒަމްގައި ކުރިއަރާފައިވާ އއ. އުކުޅަސް. މިރަށުގެ ގުދުރަތީ ރީތިކަމުގެ ތެރެއިން މާސިންގާ ދޮންވެލި ގޮނޑުދޮށް ފާހަގަކޮށްލެވޭ. -- ފޮޓޯ: މިރުއްޕޭ ފޮޓޯގްރަފީ


ރަށު ނޯޓު: އުކުޅަސް

25 މާރިޗު 2023 - 15:44 2

ރަށު ނޯޓު ސިލްސިލާގައި މި ރަށް ގެނައުން ލަސްކޮށްލީ ގަސްދުގަ އެވެ. އެއީ ރާއްޖޭގައި އެންމެ ނަން ލިޔެވޭ އެއް ރަށެވެ. ލޯކަލް ޓޫރިޒަމްގައި، ދެ ވަނަ މާފުއްޓެވެ. ނަމަވެސް މި ރަށާ ގުޅޭ ގޮތުން އަދިވެސް އާންމުކޮށް ނޭނގޭ އެތައް މައުލޫމާތެއް އެބަ ހުއްޓެވެ.

އެ ވާހަކަތަކަށް ދިޔުމުގެ ކުރިން އާންމު ބައެއް މައުލޫމާތު ހިމަނާލާނަމެވެ. އަރިއަތޮޅު އުތުރުބުރީ އުކުޅަހަށް ދެވިފައިވާ އިނގިރޭސި އަކުރާއި ނަންބަރަކީ ޔޫ-4 އެވެ. ބާވީސް ހެކްޓަރުގެ މި ރަށުގެ ރަޖިސްޓްރީގައިވާ އާބާދީ އަކީ 1138 އެވެ. އެއީ 571 އަންހެނުންނާއި 572 ފިރިހެނުންނެވެ. ލޯކަލް ޓޫރިޒަމްގައި މިރަށް ކުރިއަރަމުން އަންނައިރު، ރަޖިސްޓްރީގައިވާ މީހުންނަށް ވުރެ ދިރިއުޅޭ އާބާދީ މާމައްޗެވެ. ކައުންސިލުން ބުނާ ގޮތުގައި ރަށުގައި ދިރިއުޅޭ އާބާދީ 1500 އާއި 1700 ދެމެދަށް އަރާނެ އެވެ.

މީގެ 10 އަހަރު ކުރިން 2012 ވަނަ އަހަރު ލޯކަލް ޓޫރިޒަމް ތައާރަފުވެ، މިހާރު ރަށުގެ މައިގަނޑު އިގުތިސޯދަށް ލޯކަލް ޓޫރިޒަމް ވެފައިވާ އުކުޅަހުގައި 35 ގެސްޓްހައުސް އެބަ ހުއްޓެވެ. އޭރުގެ އާދައިގެ ގޮތަކަށް ގެސްޓް ހައުސް ފެށި ނަމަވެސް، މިއަދު އެންމެ މަތީ ފަންތީގެ ގެސްޓުހައުސްތައް އެބަ ހުއްޓެވެ. އަދި ރަށު އިގުތިސޯދުގައި އެހެން ހަރަކާތްތައް ވަނީ ގިނަ ވެފަ އެވެ. ސޯޅަ ފިހާރަ އާއި 13 ކެފޭ ހުރިއިރު، ވޯޓާ ސްޕޯޓްސް ސެންޓަރެއް ހުރެ އެވެ. ކުދި ދޯނިފަހާރާއި ޑިންގީ ގިނަ އަދަދަކަށް ދުއްވާއިރު، ބޮޑެތި ލޯންޗު ފަހަރު ދުއްވަ އެވެ.

މި ރަށުގެ ނަން އެންމެ ގިނައިން އިވޭނީ ވެސް ލޯކަލް ޓޫރިޒަމާ ގުޅުވައިގެންނެވެ. ނަމަވެސް، ރަށުގެ ތާރީހު މާ ދޮށްޓެވެ. މިއީ މުސްކުޅި ރަށެކެވެ. ތާރީހުގައި ފާހަގަކޮށްލެވޭ ވަނަތަކެއް ލިބިފައިވާ ރަށެކެވެ.

ސުލްތޯން މުހައްމަދު އިމާދުއްދީން ދެ ވަނަ (ދިޔަމިގިލީ ބަންޑާރައިން) ގެ މަންމާފުޅަކީ، އުކުޅަހު އަންހެނެކެވެ. އެއީ ކަނބާ އައިމިނަތު ބިންތު މުހައްމަދު (އުކުޅަހު ބޮޑުކަނބާފާނު) އެވެ. ރަށުގައި ކުޑަ މިސްކިތަކީ ސުލްތޯން އިބްރާހިމް އިސްކަންދަރުގެ ވެރިކަމުގައި 1656 ވަނަ އަހަރު ބިނާކުރި މިސްކިތެވެ.

ޒަނާނުއްސުރެ ވެސް އުކުޅަހު ރައްޔިތުންނަކީ ތަރައްގީ ގެނައުމަށް މަސައްކަތް ކުރި ބައެކެވެ. އެގޮތުން 1982 ވަނަ އަހަރު ކަރަންޓުލި އެވެ. ރަށުގެ ކައުންސިލުން ބުނާ ގޮތުގައި މާލެ އާއި އައްޑޫ ފިޔަވައި ރަށެއްގައި އެންމެ ފުރަތަމަ ކަރަންޓް ހިދުމަތް ދޭން ފެށީ އެ ރަށުގަ އެވެ. އޭގެ މާކުރިއަށް ޖެހިލާއިރު، ކުރީގެ ރައީސް މުހައްމަދު އަމީނުގެ ވެރިކަމުގައި ރަސްމީ ސްކޫލްތައް ގާއިމްކުރި އިރު، އެންމެ ފުރަތަމަ ރަށެއްގައި ސްކޫލެއް ގާއިމުކުރީ އުކުޅަހުގަ އެވެ. އެ ސްކޫލަށް މަޝްހޫރުވެފައިވަނީ 'ރީތި މަދަރުސާ' ގެ ނަމުންނެވެ. ކޭބަލް ޓީވީގެ ހިދުމަތް ވެސް 1995 ގައި ދޭން ފެށި އެވެ.

މުހައްމަދު އަމީންގެ ވެރިކަމުގައި އަންހެނުންނަށް ހުޅުވާލައިގެން ރަށްރަށް ސާފުކުރުމަށް ބޭއްވި މުބާރާތުގައި، އެންމެ ސާފުތާހިރު ރަށެއްގެ އެވޯޑު އުކުޅަހަށް ލިބިފައިވާއިރު، އެ ރީތި ނަން ދެމެހެއްޓުމަށް މިހާރު ވެސް ރައްޔިތުން ގުޅިގެން މަސައްކަތް ކުރެ އެވެ. ކޮންމެ އަހަރަކު އެއް ފަހަރު އެ ރަށް ސާފުކުރުމަށް ބޮޑު ހަރަކާތެއް ހިންގަ އެވެ.

ރަށުގައި އުފެދޭ ކުނިތައް ވެސް އުކާލުމުގެ ބަދަލުގައި ކާދަށް ބަދަލުކޮށް ބޭނުންކުރުމަށް ފެށި މަސައްކަތަކީ މުޅި ރާއްޖެއަށް ނަމޫނާއެކެވެ. މިފަދަ އެތައް ކަމަކާ ގުޅިގެން ތިމާވެށީގެ ނަމޫނާ ރަށެއްގެ ގޮތުގައި އުކުޅަސް ފާހަގަކޮށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ފެހިފަތް އުކުޅަހަށް ލިބިފައިވެ އެވެ.

ލޯކަލް ޓޫރިޒަމާއެކު މޫދު ކުޅިވަރުތައް ތައާރަފުވުމުގެ މާ ކުރިން ވެސް އުކުޅަހަކީ މޫދު ކުޅިވަރުތަކުގައި އަރައިހުރި ބައެކެވެ. މުހައްމަދު އަމީނު ވެރިކަމުގައި ގައުމީ ފަލިޖެހުމުގެ މުބާރާތުން އެއް ވަނަ ހޯދާފައިވާއިރު، ގައުމީ މަސް ރޭހުގެ އެއްވަނަ ވިދިވިދިގެން ތިން އަހަރު ހޯދި އެވެ. އެއީ 1963، 1964، އަދި 1965 ވަނަ އަހަރެވެ.

އުކުޅަހުގެ އަންހެންވެރިން އެ ރަށުގެ ބަނދަރުމަތި ކުނިކަހައި ސާފުކުރަނީ. -- ފޮޓޯ: އަދަދު


ގުދުރަތީ ގޮތުން އުކުޅަހަކީ ވަކިން އޮތް، ދޮންވެލީގެ ބިޔަ ގޮނޑުދަށެއް ލިބިފައިވާ ރީތި ރަށެކެވެ. ލީޑިން ބީޗް އައިލެންޑް އެންޑް ލީޑިން ގެސްޓް ހައުސް އައިލެންޑް އެވޯޑު ލިބިފައިވަނީ އެހެންވެ އެވެ. ރަށާ ކައިރީގައި އޮންނަ މިޔަރު ޕޮއިންޓުން މިޔަރުގެ އިތުރުން މަޑީގެ އެކި ވައްތަރުތައް ފެނެ އެވެ.

އުކުޅަހުގައި ހުރި ކޮންވެންޝަން ސެންޓަރަކީ ވެސް ރަށަށް ދިރުން ގެނެސްދޭ ތަނެކެވެ. ރާއްޖޭން ބޭރުގެ އެކި ފަރާތްތަކުގެ އެ ސެންޓަރުގައި އެކި ހަރަކާތްތައް ބާއްވާފައިވެ އެވެ. އަދި ފަހުގެ ތާރީހުގައި ސިޔާސީ ގޮތުން ވެސް މުހިންމު ހަރަކާތްތަކެއް އެ ރަށުގައި ބާއްވާފައިވެ އެވެ. މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރިޔާސީ ޓިކެޓް ދިނުމަށް އެމްޑީޕީން ބޭއްވި ކޮންގްރެސް 2018 ވަނަ އަހަރު ބޭއްވީ ވެސް މި ރަށުގަ އެވެ.