Advertisement

މިނިސްޓަރު ވިދާޅުވީ އިމަޖެންސީގައި ނޫނީ ބަޖެޓުން ބޭރުން މަޝްރޫއު ނުުހިންގާ ކަމަށް

24 މާރިޗު 2023 - 13:22 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ފިނޭންސް މިނިސްޓަރު އަމީރު؛ ވަނީ ބަޖެޓުގައި ނުހިމަނާ އެއްވެސް މަޝްރޫއެއް ފަށާފައި ނުވާ ކަމަށް ވިދާޅުވެފައި-- ފޮޓޯ: މަޖިލިސް


މިނިސްޓަރު ވިދާޅުވީ އިމަޖެންސީގައި ނޫނީ ބަޖެޓުން ބޭރުން މަޝްރޫއު ނުުހިންގާ ކަމަށް

24 މާރިޗު 2023 - 13:22 0

އިމަޖެންސީ ހާލަތެއްގައި މެނުވީ ބަޖެޓުގައި ހިމެނިފައިވާ މަޝްރޫއެއް ފަށާފައިނުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި މިނިސްޓަރު އަމީރު ހާޒިރުކޮށްފައިވާއިރު، ހެންވެއިރު ހުޅަނގު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ ބަޖެޓުގައި ނުހިމަނާ މަޝްރޫއުތައް ހިންގަނީ ކޮން ހަމައަކުންތޯ ސުވާލު ކުރައްވައިފަ އެވެ.

"ފާސްކުރާ ބަޖެޓާ އެއްގޮތަށް ހަރަދު ކުރަން މި އޮންނަނީ ހަމަ ކަނޑައެޅިގެން ގާނޫނު އަސާސީގައި ވެސް ލިޔެފައި، އެހެންނަމަވެސް، ފާސްކުރާ ބަޖެޓާ ހިލާފަށް ބައެއް ޕްރޮޖެކްޓުތައް ފަހުކޮޅަށް، އަދި ހާއްސަކޮށް އަހަރުގެ ފަހު ކޮޅަށް ގޮއްސަ ހިތަށް އެރި ޕްރޮޖެކްޓެއް ބައެއް ރަށްރަށުގައި ހިންގަމުން އެބަދޭ،" އާޒިމް ވިދާޅުވި އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ މަސައްކަތް ކުރަމުން ދަނީ ފާސްކުރެވިފައިވާ ބަޖެޓާ އެއްގޮތަށް ކަމަށެވެ. އެހެންނަމަވެސް ބައެއް ރަށްރަށުގައި އިމަޖެންސީގައި ގޮނޑުދޮށް ހިމާޔަތް ކުރުން ފަދަ މަޝްރޫއުތައް ކޮންޓެންޖެންސީ ބަޖެޓުގެ ތެރެއިން ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"އެހެންނޫނިއްޔާ ބަޖެޓުގައި ނެތް ކަމެއް، ޕްރޮޖެކްޓެއް އަޅުގަނޑަށް ހިއެއްނުވޭ އަޅުގަނޑުމެން ކޮށްފައި އޮންނާނެހެނެއް،" އަމީރު ވިދާޅުވި އެވެ.

އަމީރު މިފަދައިން ވިދާޅުވެފައިވާއިރު، ބައެއް އިންތިހާބުތަކާ ދިމާކޮށް ސަރުކާރުން ބަޖެޓުގައި ނެތް މަޝްރޫއުތައް ފަށައި އިއުލާނު ކުރި ކަމަށް ބުނެ މީގެ ކުރިން ވެސް ފާޑުކިޔުން އަމާޒުވެފައިވެ އެވެ.

އޭގެ ތެރެއިން އެމްޑީޕީގެ އެތެރޭގެ އިންތިހާބަކާ ގުޅިގެން ހަވާލުކުރި އަލިފުށީ އެއާޕޯޓުގެ މަޝްރޫއާއި މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން އާ ގުޅިގެން ހަވާލުކުރި ކޮމަންޑުއާ މަތިކޮމަންޑޫ ހިއްކައިގެން ގުޅުވާލުމުގެ މަޝްރޫއު ހިމެނެ އެވެ.