23 މާރިޗު 2023 - 08:49 0
ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް
23 މާރިޗު 2023 - 08:49 0
މި ފެށުނު ރަމަޟާން މަހުގެ ބޭނުން ހެޔޮ ގޮތުގައި ފިހުމަށްޓަކައި އަޅުކަންތަކުގައި ހީވާގިވެ އުޅުމަށާއި އަހުވަންތަކަމުގެ ގުޅުން ބަދަހިކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިލްތިމާސް ކުރައްވައިފި އެވެ.
މި މާތް މައްސަރަށް މަރުހަބާ ކިޔުމުގެ ގޮތުން އެ މަނިކުފާނު ރޭ ނެރުއްވި ހިތޯބުގައ ގޮވާލައްވާފައި ވަނީ ފަރުޟު ފަސް ނަމާދަށް ރައްކާތެރިވެ، ކީރިތި ގުރްއާނާ އެކުގައި ހޭދަކުރާ ވަގުތު އިތުރުކޮށް، ތަރާވީހު ނަމާދާއި އެހެނިހެން އަޅުކަންތަކުގައި ހީވާގިވެ އުޅުމަށެވެ.
"ވަކިން ހާއްސަކޮށް މި މައްސަރަކީ، ހަސަދައާއި ރުޅިވެރިކަމާއި ނަފުރަތުން އެއްކިބާވެ، ދޭދޭ މީހުންގެ ދެމެދުގައި، އިސްލާމީ އަހުވަންތަކަމުގެ ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރާ މައްސަރެއް ކަމުގައި ހައްދަވަމާ ހިންގަވާށެވެ. މައިންބަފައިންނާއި އާއިލާގައި ތިބި އުމުރުން ދުވަސްމީ މީހުންނާ އެކުގައި ވަގުތު ހޭދަކޮށް، އެމީހުންގެ އުދާސްތަކަށް ލުޔެއް ހޯދައިދެވޭތޯ ގަދައަޅައި މަސައްކަތް ކުރަމާ ހިންގަވާށެވެ،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރޯދަ މަހަކީ ރޯދަ މަހަކީ އަޅުކަމާއި ތަގުވާވެރިކަމުގެ މޫސުމެއް ކަން ފާހަގަ ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ މިއީ ގުރުއާން ކިޔެވުމާއި ދުއާ ކުރުން ގިނަކޮށް، އެހީ ފޯރުވުމާއި ދީލަތިވުމުގައި އަތްތައް ހުޅުވައިލަންވީ މައްސަރު ކަމަށެވެ. އަދި އުޅުމާއި ގުޅުންތައް އިސްލާހުކޮށް ހަޔާތުގެ އާބާތުރަ ފިލުވައި، އިސްލާހުގެ މަގުގައި ދިރިއުޅުން އަލުން އާރާސްތުކުރުމަށް، އެކަލާނގެ ދެއްވާ ރަނުގެ ފުރުސަތެއް ކަމަށް ފާހަގަ ކުރެއްވެވި އެވެ.
ރޯދަ މަހުގެ ރޫހާނީ ފިލާވަޅުތަކުގެ ހަނދާން އާކޮށް ދެއްވުމުގެ ގޮތުން ރައީސް ސޯލިހު ވިދާޅުވީ ރޯދައިގެ އެންމެ މަތިވެރި ރޫހާނީ ފިލާވަޅަކީ އިންސާނާ އާއި އޭނާގެ ވެރި ރަސްކަލާނގެއާ ދެމެދު އޮންނަ ވަރުގަދަ ގުޅުން، އަލުން އާލާކޮށް ބަދަހިކުރުން ކަމަށެވެ. އެ ގުޅުން ކެނޑިގެން ނުދާނެ ގޮތުގެ މަތިން، ދުނިޔަވީ ދިރިއުޅުމުގެ ކަންތައް އިންތިޒާމުކޮށް ކުރިއަށް ގެންދާންޖެހޭކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ރޯދައިން ލިބިދޭ ތަރުބަވީ ފިލާވަޅަކީ، ކެތްތެރިވުމާއި ތަޙައްމަލު ކުރުމަށް ތިމާގެ ނަފުސާއި ހަށިގަނޑު ހާނުވައި ތަރުބިއްޔަތު ކުރުމެވެ. އިސްރާފުކުރުންތަކާ ދުރުހެލިވެ، އިގުތިސޯދު ކުރުމުގެ އާދަ ހަރުލެއްވުމެވެ. ރޯދައިގެ އަހުލާގީ ފިލާވަޅަކީ، ދުލާއި ހަށިގަނޑުގެ އެންމެހައި ނުރަނގަޅު އާދަތައް ދޫކޮށްލައި، ރިވެތި ބަސްމަގު އިހުތިޔާރުކުރުމެވެ. ރޯދައިގެ އިޖްތިމާއީ ފިލާވަޅަކީ، އަނެކުންނަށް ދީލަތިވެ ހެޔޮ ފޯރުވައިއުޅުމާއެކު، އެކުވެރިކަމާއި ސުލްހަމަސަލަސްކަން ފެތުރުމަށް މަސައްކަތް ކުރުމެވެ،" ހިތޯބުގައި ވިދާޅުވެފައިވެ އެވެ.
މި އަހަރުގެ ރޯދަ މަސް ނިމޭނީ އަންނަ އޭޕްރީލް މަހުގެ 20 ވަނަ ދުވަހު އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment