22 މާރިޗު 2023 - 05:37 0
ފާތިމަތު ސާޔާ އަހުމަދު
އުމުރުން ހަތަރު އަހަރުގެ ނާސްޔާ މަރުވީ ހޮސްޕިޓަލުގައި ފަރުވާދޭތާ ތިން ހަފުތާ ފަހުން. -- ފޮޓޯ: ބީބީސީ
22 މާރިޗު 2023 - 05:37 0
އިންޑޮނީޝިއާގައި ކޯފް ސިރަޕް ބޮއެގެން މަރުވި ކުދިންގެ އާއިލާތަކަށް އެ މައްސަލަ ކޯޓަށް ހުށަހެޅޭނެ ކަމަށް ކަނޑައަޅައިފި އެވެ.
"އަހަރެންގެ ދަރިފުޅު އުފުލި ބުރަ ބޭކާރެއް ނުވާނެ،" މިދިޔަ އަހަރު އުމުރުން ހަތަރު އަހަރުގެ އަންހެން ދަރިފުޅު މަރުވި ނޫރް އާސިޔާ ނަމަކަށް ކިޔާ އަންހެނަކު ބީބީސީއަށް ބުންޏެވެ.
ނޫރް އާސިޔާގެ އާއިލާ އާއި މަރުވި އިތުރު 24 ކުދިންގެ އާއިލާއިން ބޭނުންވަނީ އިންޑޮނީޝިއާގެ ސަރުކާރާއި ބޭސް އުފައްދާ ބޮޑު އަށް ކުންފުންޏާ ދެކޮޅަށް ކޯޓަށް ދާށެވެ.
އިންޑޮނީޝިއާގައި 2022 ވަނަ އަހަރުން ފެށިގެން ކުއްލި ގޮތަކަށް ކިޑްނީ ފެއިލްވެގެން 200 އަށް ވުރެ ގިނަ ކުދިން މަރުވެފައިވެ އެވެ.
ތަގައްޔަރުވެފައިވާ ކޯފް ސިރަޕްގެ މައްސަލަ އެހެން ގައުމުތަކަށް ވެސް ވަނީ ދިމާވެފަ އެވެ. އެގޮތުން ގެމްބިއާ އާއި އުޒްބެކިސްތާނުން ވެސް 100 ކުދިން މަރުވި އެވެ.
އިންޑޮނީޝިއާގައި ވަކި ތަހުގީގެއް ކުރިއަށްދާ އިރު، އިދާރާތަކުން ބުނީ އެހެން ގައުމުތަކުގެ ކޭސްތަކާ އިންޑޮނީޝިއާގެ ކޭސްތަކާ ގުޅުން އޮތް ކަމަށް ނުބެލެވޭ ކަމަށެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ އިންޑިއާ އާއި އިންޑޮނީޝިއާގައި އުފެއްދި ހަ ކޯފް ސިރަޕަކާ ދެކޮޅަށް އިންޒާރު ދީފަ އެވެ.
ނޫރް އާސިޔާ ބުނީ އޭނާގެ ދަރިފުޅު ނާސްޔާއަށް ކޯފް ސިރަޕް ދިނީ ހުން އައިސްގެން ޑޮކްޓަރަށް ދައްކައި، ލިޔެގެން ކަމަށެވެ. ބޭސް ބުއިމުން ވަރަށް ބޮޑަށް ބަލިވެ، ހޮސްޕިޓަލުގައި ފަރުވާދޭތާ ތިން ހަފުތާ ފަހުން މަރުވި އެވެ.
އާއިލާތަކުން ބޭނުންވަނީ މަރުވި ކޮންމެ ކުއްޖަކަށް ބަދަލެއްގެ ގޮތުގައި 195،000 އެމެރިކާ ޑޮލަރު އަދި އަނިޔާވި ކޮންމެ ކުއްޖަކަށް ބަދަލެއްގެ ގޮތުގައި 130،000 އެމެރިކާ ޑޮލަރެވެ.
މަރުވި ގިނަ ކުދިން ބޭނުންކުރި ކޯފް ސިރަޕް އުފެއްދި ޕީޓީ އާފީ ފަރްމާގެ ވަކީލް ވިދާޅުވީ މި މައްސަލައިގައި ހަމައެކަނި ބޭސް އުފައްދާ އިންޑަސްޓްރީ ޖަަވާބުދާރީ ކުރަަން އުޅުމަކީ ރަނގަޅު ގޮތް ނޫން ކަމަށެވެ.
ޕީޓީ ޔުނިވާސަލް ފާމަސޫޓިކަލް އިންޑަސްޓްރީޒް ކުންފުނިން ބުނީ ފާއިތުވި 30 އަހަރު އެ ކުންފުނިން ބޭނުންކުރީ އިންޑޮނީޝިއާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ސާޓިފައިޑް ނިޒާމު ކަމަށާއި ބޭސް އުފައްދަން ބޭނުންވާ ތަކެތި ސަޕްލައިކޮށްދެނީ ވެސް އެފްޑީއޭގެ ހުއްދަ އޮތް ބައެއް ކަމަށެވެ.
"ބޭސް އުފައްދާ ކުންފުނިތައް ވެސް މި ތިބީ ޝިކާރައަކަށް ވެފައި، އެއީ ބޭސް އުފައްދަން ބޭނުންވާ ތަކެތި ސަޕްލައި ކުރާ ފަރާތްތަކުގެ ކުށެއް،" އެ ކުންފުނީގެ ވަކީލު ބުންޏެވެ.
އިންޑޮނީޝިއާގެ ހެލްތު މިނިސްޓްރީން ބުނީ އާއިލާތަކަށް ބަދަލު ދޭނެ ސްކީމެއްގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިހާތަނަށް ތަހުގީގުން އެނގުނު ގޮތުގައި ތަގައްޔަރުވި ބޭސް އުފައްދަން ކުންފުނިތަކުން ބޭނުންކުރީ "އިންޑަސްޓްރިއަލް ގްރޭޑްގެ" އެތިލީން ގްލައިކޯލް އަދި ޑައިއެތިލީން ގްލައިކޯލް އެވެ.
އެގޮތަށް އަމަލުކުރީ ދުނިޔޭގެ މާކެޓުގައި "ފާމަސޫޓިކަލް ގްރޭޑްގެ" އެތިލީން ގްލައިކޯލް އަދި ޑައިއެތިލީން ގްލައިކޯލްގެ ދަަތިކަން ކުރިމަތިވި ދުވަސްވަރެއްގަ އެވެ.
"އިންޑަސްޓްރިއަލް ގްރޭޑްގެ" އެތިލީން ގްލައިކޯލް އަދި ޑައިއެތިލީން ގްލައިކޯލް އާއްމުކޮށް ބޭނުންކުރަނީ އޭސީ އާއި ފްރިޖު ހެދުމަށެވެ.
Comment