Advertisement

ގާސިމްގެ އެޑްވައިޒަރަކަށް އައްޔަނު ކުރިތާ އެއް ދުވަސް ނުވަނީސް ހަނަފީ ޖޭޕީން ވަކިވެއްޖެ

21 މާރިޗު 2023 - 13:16 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ގާސިމްގެ އެޑްވައިޒަރަކަށް އައްޔަނު ކުރިތާ އެއް ދުވަސް ނުވަނީސް ހަނަފީ ޖޭޕީން ވަކިވެއްޖެ

21 މާރިޗު 2023 - 13:16 1

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރުގެ މަގާމަށް އައްޔަނު ކުރިތާ އެއް ދުވަސް ނުވަނީސް އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުގައި ވެސް ހުންނެވި މުހައްމަދު އަހްމަދު (ހަނަފީ) އެ ޕާޓީން ވަކިވެއްޖެ އެވެ.

ގާސިމްގެ އެޑްވައިޒަރުގެ މަގާމަށް ހަނަފީ އައްޔަނުކުރީ އިއްޔެ އޮތް އެ ޕާޓީގެ ކައުންސިލު ބައްދަލުވުމުގަ އެވެ. އޭނާގެ އިސްތިއުފާ ސިޓީ "އަދަދު" އަށް ލިބިފައިވާއިރު ސެޕްޓެމްބަރުގެ އިންތިހާބަށް ޖޭޕީން ނިންމާފައިވާ ނިންމުމާ މެދު އޭނާގެ ހިތްހަމަނުޖެހުން ހުރިކަން އެ ސިޓީން އެނގެ އެވެ.

"ޖުމްހޫރީ ޕާޓީގެ ވިސްނުން މިވަގުތު ހުރި ގޮތުން އެއީ ދިވެހި ގައުމަށް އެންމެ ފައިދާ ހުރި ގޮތް ކަމަށް އަޅުގަނޑަށް ގަބޫލު ނުކުރެވޭތީ މިއަދުން ފެށިގެން ތިޔަ ޕާޓީން ވަކިވުމަށް ނިންމާފައިވާ ވާހަކަ ދަންނަވަމެވެ،" އޭނާގެ ސިޓީގައި ބުނެފައިވެ އެވެ.

ޖޭޕީގެ މެމްބަރެއްގެ ގޮތުގައި އެ ޕާޓީއަށް އިހުލާސްތެރި ހިދުމަތްތަކެއް ކޮށްދީފައިވާ ކަމަށް ގަބޫލުކުރާ ކަމަށާއި އަދި އެ ޕާޓީގައި ހޭދަކުރި ދުވަސްތަކުގައި ގާސިމް ދެއްވި އެއްބާރުލުމަށް ވެސް އޭނާ ޝުކުރު އަދާކުރެއްވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުގައި ހުންނެވީ ވެސް ހަނަފީ އެވެ. ސްޓޭޓް މިނިސްޓަރުގެ ފެންވަރުގައި އޭނާ އެ މަގާމަށް އައްޔަނުކުރީ ޑިސެމްބަރު 23، 2018 ގަ އެވެ.

އެންމެފަހުން ބޭއްވި ޖޭޕީގެ ކޮންގްރެސްގައި ވެސް އެ ޕާޓީގެ ޑެޕިއުޓީ ލީޑަރުގެ މަގާމަށް ވެސް ހަނަފީ ވާދަކުރެއްވި އެވެ. އެކަމަކު، އެ މަގާމަށް އޭނާ އިންތިހާބުވެފައި ނުވެ އެވެ.

ހަނަފީ ޖޭޕީން ވަކިވި ދަނޑިވަޅަކީ އެމްޑީޕީ އާއި ޖޭޕީއާ ދެމެދު ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެކެވެ. ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ޓިކެޓު ރައީސް ސޯލިހަށް ލިބިވަޑައިގެންފައިވާއިރު މިހާރު ވެރިކަން ކުރަމުންދާ ކޯލިޝަނުގައި އޮތް ޖޭޕީން ވަނީ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމާފަ އެވެ.