Advertisement

ރިޒާ އަށް ގަައުމީ ރެކޯޑާ ކައިރި ޓައިމިން އެއް: ހުރީ ވަރުގަދަ އަޒުމެއްގައި!

21 މާރިޗު 2023 - 10:07 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު


ރިޒާ އަށް ގަައުމީ ރެކޯޑާ ކައިރި ޓައިމިން އެއް: ހުރީ ވަރުގަދަ އަޒުމެއްގައި!

21 މާރިޗު 2023 - 10:07 0

އިންޑިއާގެ ޓްރިވެންޑްރަމްގައި އިއްޔެ ފެށި އިންޑިއަން ގްރޯން ޕްރީ މުބާރާތުގެ ފިރިހެނުންގެ 800 މީޓަރު އިވެންޓްގައި ދުވެ، ރާއްޖޭގެ ހުނަރުވެރި ދުވުންތެރިޔާ، ހުސެއިން ރިޒާ (ކުޑަ ރިޒާ) ވަނީ ގައުމީ ރެކޯޑް ޓައިމިންއާ ގާތަށް ޖެހިލައިފަ އެވެ. މިއީ ރިޒާގެ ކެރިއަރުގައި ލިބުނު އެންމެ ބޮޑު އެއް ކުރިއެރުމެވެ. މި ކުރިއެރުމާ އެކު އޭނާ ހުރީ ބޮޑު އަހަރަކަށް ވަރުގަދަ އަޒުމެއްގަ އެވެ.

އިއްޔެ ކުރިއަށްދިޔަ އިންޑިއަން ގްރޯން ޕްރީގެ ފިރިހެނުންގެ 800 މީޓަރުގެ ރޭހުގައި ރިޒާ، ފުރަތަމަ ހީޓުގައި ދުވެ ނިންމީ 1 މިނިޓް 53.51 ސިކުންތުންނެވެ. ހީޓުގެ ހަތަރު ވަނައިގައި ނިންމި، ރިޒާގެ މި ޓައިމިން އަކީ ރާއްޖޭގެ ގައުމީ ރެކޯޑާ ކައިރި ޓައިމިން އެކެވެ. މި އިވެންޓުން ރާއްޖޭގެ ރެކޯޑް އޮތީ، 1999 ވަނަ އަހަރުގެ ސާފް ގޭމްސްގެ 800 މީޓަރު ރޭސް 1:53.08 އިން ދުވުނު ނަސީރު އިސްމާއިލް އަތުގަ އެވެ. ނަސީރުގެ އެ ރެކޯޑް، މުގުރާލުުމުގެ ފުރުސަތު ރިޒާ އަށް ވެސް އެބައޮތެވެ.

2021 ވަނަ އަހަރުގެ ގައުމީ މުބާރާތުގެ ތެރެއިން ރިޒާ: މި ފަހަރުގެ އިންޑިއަން ގްރޯން ޕްރީ އަކީ ކެރިއަރުގައި ކުރިއަށްދާން ބަލާއިރު ކުރިއަށް ފިޔަވަޅެއް އެޅުނު މުބާރާތެއް ކަމަށް ވަނީ ބުނެފައި.


އަންނަ މަހު އެއް ވަނަ ދުވަހު 26 އަހަރު ފުރޭ ރިޒާ، އިއްޔެގެ ކުރިން އެންމެ ރަނގަޅު ޓައިމިންއެއްގައި 800 މީޓަރު ރޭހެއް ދުވެފައިވަނީ 2019 ވަނަ އަހަރު ނޭޕާލުގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގަ އެވެ. އެ ފަަހަރު، ރިޒާ ރޭސް ނިންމީ 1 މިނިޓް 56.51 ސިކުންތުންނެވެ. މި ފަހަރު ސްޕީޑް އަވަސް މިވީ ތިން ސިކުންތުންނެވެ. ދިވެހި ސިފައިންގެ ކްލަބް ފަރާތުން ގައުމީ ލެވަލްގެ ގިނަ މުބާރާތްތަކެއް ދުވެފައިވާ ރިޒާ ހުރީ ފަސްބެލުމެއްނެތި ކުރިއަށް ދިއުމުގެ ވިސްނުމުގަ އެވެ.

"އަސްލު މިއީ ވަރަށް ބޮޑު ކާމިޔާބެއް ގޮތުގައި މި ދެކެނީ، ކެރިއަރުގައި ވެސް މި ރޭސް ހާއްސަވާނެ، އެއީ މި ޓައިމިން އަކީ ހަގީގަތުގައި ވަރަށް ބޮޑު ހިތްވަރެއް،" އިންޑިއާގެ ޓްރިވެންޑްރަމްގައި ހުރެ، "އަދަދު" އަށް ދިން އިންޓަވިއުއްގައި ރިޒާ ބުންޏެވެ.

އިންޑިއަން ހައި ކޮމިޝަނުން ރާއްޖޭގެ 10 އެތުލީޓަކަށް ދިން ފުލްޓައިމް ޓްރެއިނިން ސްކޮލަޝިޕެއްގައި ޓްރެއިނިން ހަދަން ފެށީ ޖެނުއަރީ މަހުގެ މެދުތެރެއިން ފެށިގެންނެވެ. އެ އެތުލީޓުންގެ ތެރޭގައި ރިޒާ ވެސް ހިމެނެ އެވެ.

ރިޒާ ބުނީ މި އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް އަމާޒުކޮށް، އިންޑިއާގައި މި ކުރިއަަށްދާ ޓްރެއިނިންތަކުގެ ހެޔޮ މަންފާ މިވީ މަހެއްހާ ދުވަސްތެރޭގައި ވެސް ކޮށްފައިވާ ކަމަށާއި އިންޑިއަން ގްރޯން ޕްރީގައި އޭގެ ނަތީޖާ ވެސް ފެންނަ ކަމަށެވެ.

މިދިޔަ އަހަރުގެ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އިވެންޓެއްގެ ތެރެއިން ރިޒާ ދުވަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


"ގާތްގަނޑަކަށް އެއްކޮށް މަހެއްހާ ދުވަސް ޓްރެއިނިން މި ކުރެވުނީ، ނަތީޖާ އެބަފެނެއޭ ބުނެވޭނީ. މި ފަހުން އަނިޔާއެއްގައި ވެސް ހުރެފައި އަސްލު މި އައީ، މި މުބާރާތަށް ހަމަ އެއްކޮށް މި ފިޓްވީ ވެސް. އެ ކަންކަމަށް ބަލާއިރު ހަގީގަތުގައި މި ޓައިމިން އަކީ ކާމިޔާބެއް، ބޮޑު ހިތްވަރެއް،" ރިޒާ ބުންޏެވެ.

"މީގެ އަލްޓިމޭޓް ގޯލަކީ (މި އަހަރުގެ) އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރަން މެޑަލް، އެއް މަސްގެ ރަނގަޅު ޓްރެއިނިންއާ އެކު މި ވަރަށް ޖެއްސިއްޖިއްޔާ، އަދި ކުރިއަށް މި އޮތް ހަތަރު މަހެއްހާ ދުވަސްތެރޭ ވަރަށް ރަނގަޅަށް މެޑަލަކާ ހަމައަށް ދެވޭ ވަރަށް މަސައްކަތް ކުރެވޭނެ ކަމަށް މި ގަބޫލުކުރަނީ،"

ރިޒާ ބުނީ ޓްރެއިނިން ސްކޮލަޝިޕްގެ ތެރެއިން ބެންގަލޫރުގައި މިދާ ޓްރެއިނިންތަކުގައި ދިވެހި ކޯޗުންނާއި އިންޑިއާގެ ކޯޗުންގެ ފަރާތުން ލިބޭ ޓްރެއިނިންތަކުގެ ފައިދާ އެ ކޮޅުގައި ޓްރެއިނިން ހަދާ ހުރިހާ އެތުލީޓުންނަށް ވެސް ކުރާނެ ކަމަށެވެ.

އަދި އިންޑިއަން ގްރޯން ޕްރީ ފަދަ މުބާރާތްތަކުގައި ވާދަކޮށްލަން ލިބުމަކީ މި ޓްރެއިނިންތަކުގެ ފައިދާކުރާ މިންވަރު ދެނެގަނެ، ދެން މަސައްކަތް ކުރަން ޖެހޭ ކަންކަމަށް ފޯކަސް ކުރަން ފުރުސަތު ލިބޭ ކަމެއް ކަމަށް ވެސް ރިޒާ ވަނީ ފާހަގަކޮށްފަ އެވެ.