Advertisement

މޯލްޑިވްސް ޕްރޯ އާ ގުޅޭގޮތުން އެމްބީބީއޭ އިން ރައީސް ސޯލިހުއާ މަޝްވަރާކޮށްފި

21 މާރިޗު 2023 - 09:42 0

މޯލްޑިވްސް ޕްރޯއާ ގުޅޭގޮތުން މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަނުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން.


މޯލްޑިވްސް ޕްރޯ އާ ގުޅޭގޮތުން އެމްބީބީއޭ އިން ރައީސް ސޯލިހުއާ މަޝްވަރާކޮށްފި

21 މާރިޗު 2023 - 09:42 0

މި އަހަރު ވެސް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑީބޯޑިން ވޯލްޑް ޓުއާގައި ހިމެނޭ "މޯލްޑިވްސް ޕްރޯ" އާ ގުޅޭގޮތުން ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާ މަޝްވަރާކޮށްފި އެވެ.

އިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ) ވޯލްޑް ޓުއާގައި ހިމެނޭ ދެ ވަނަ އަށް އެންމެ އަގުބޮޑު މުބާރާތް މި އަހަރު ރާއްޖޭގައި އޮންނާނީ އޮގަސްޓް 3-12 އަށެވެ. މިދިޔަ އަހަރު މާލޭ ރާޅުގަނޑު ސަރަހައްދުގައި ބޭއްވި މުބާރާތުގައި 15 ގައުމަކުން ދުނިޔޭގެ މަޝްހޫރު ބޮޑީބޯޑަރުން ވާދަކުރި އެވެ. އޭގެ ތެރޭގައި ދުނިޔޭގެ ޗެމްޕިއަނުން ވެސް ހިމެނެ އެވެ.

މިދިޔަ އަހަރުގެ ކާމިޔާބީއަށް ބަލައި މި އަހަރު ވެސް ވޯލްޑް ޓޫއާގައި މޯލްޑިވްސް ޕްރޯ ހިމެނުމާ އެކު އެމްބީބީއޭ އިން ވަނީ ދުރާލާ މުބާރާތާ ގުޅޭ މަސައްކަތް ފަށައިފަ އެވެ. މި ގޮތުން އެންމެ ފުރަތަމަ ކުރެވުނު ކަމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާ ބައްދަލުކުރުމެވެ.

މި ބައްދަލުވުމުގައި އެމްބީބީއޭގެ ރައީސް އަބްދުﷲ އަރީފް (ފުކު)، ޖެނެރަލް ސެކެޓްރީ ހަސަން ރަޝީދު (ރަޝް)، ހަޒާންދާރު އަހުމަދު ޝާފިއުގެ އިތުރުން ރާއްޖޭގެ އެއް ވަނަ ބޮޑީބޯޑަރު އަލީ ޚުޝްރުވާން އަހުމަދު (ކުޑަ އައްޔަ) ބައިވެރިވި އެވެ. މި ބައްދަލުވުމުގައި ވަނީ މިދިޔަ އަހަރުގެ މޯލްޑިވްސް ޕްރޯގެ ކާމިޔާބާ ގުޅޭގޮތުން މަޝްވަރާކޮށްފަ އެވެ. އަދި މީގެ އިތުރުން މި އަހަރު ބާއްވާ މޯލްޑިވްސް ޕްރޯ ކާމިޔާބުކަމާ އެކު ބޭއްވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވަނީ ވާހަކަދައްކައިފަ އެވެ.

އެމްބީބީއޭގެ ޖެނެރަލް ސެކެޓްރީ ހަސަން ރަޝީދު (ރަޝް) "އަދަދު" އަށް މައުލޫމާތުދެމުން ވިދާޅުވީ މި މަޝްވަރާތަކުގައި ރައީސް ސޯލިހު ވަނީ މި އަހަރުގެ މުބާރާތަށް ވެސް މިދިޔަ އަހަރެކޭ އެއްގޮތަށް ފުރިހަމަ އެއްބާރުުލުން ދެއްވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.

އަދި މި އަހަރު ވެސް މުބާރާތް ފޯރިގަދަ ކުރުމަށްޓަކައި ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވާހަކަދެއްކުނު ކަމަށް އޭނާ ވިދާޅުވި އެވެ.

"މި އަހަރުގެ މޯލްޑިވްސް ޕްރޯގެ މަސައްކަތް ރަސްމީކޮށް މި ފެށުނީ، މި އަހަރުގެ ކަންކަން ކުރިއަށް ގެންދިޔުމަށް މިދިޔަ އަހަރު ވެސް އެހީތެރިކަން ދެއްވިގޮތަށް ރައީސް ހުންނެވީ ވަރަށް ސަޕޯޓިވްކޮށް." ރަޝް ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ޖުލައި 29 އިން އޮގަސްޓް 7 މާލޭގައި ކުރިއަށްދިޔަ "މޯލްޑިވްސް ޕްރޯ" އަކީ މިދިޔަ އަހަރު އައިބީސީ ޓުއާގައި ކުރިއަށްދިޔަ އެންމެ ކާމިޔާބު އެއް މުބާރާތެވެ. އެ މުބާރާތުގައި 70 އަށް ވުރެ ގިނަ އެތުލީޓުން ވާދަކުރިއިރު، މި އަހަރު އެ އަދަދު އިތުރުވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.

މި އަހަރުގެ މޯލްޑިވްސް ޕްރޯ އަކީ ރާއްޖޭގެ އެތުލީޓުން ވެސް އެންމެ ބޮޑަށް ތައްޔާރުވާނެ އެއް މުބާރާތެވެ. މިދިޔަ އަހަރުގެ މުބާރާތުގައި ދިވެހި އެތުލީޓުން ރަނގަޅު ނަތީޖާތަކެއް ނެރުނެވެ. އެ ގޮތުން ޖޫނިއާ ބައިގެ ފައިނަލްގައި އާމިން އުމަރު މޫސާ ވާދަކުރިއިރު، ޑްރޮޕް-ނީ ބައިގެ ސެމީ ފައިނަލުގައި ކުޑަ އައްޔަ ވާދަކުރި އެވެ. މި ނަތީޖާތަކާ އެކު ދުނިޔޭގެ ރޭންކިންގައި ވެސް މި ދެ ކުޅުންތެރިން ހިމެނުނެވެ. އަހަރު ނިންމާލިއިރު، ކުޑަ އައްޔަ އޮތީ ޑްރޮޕް-ނީ ބައިގެ 12 ވަނައިގަ އެވެ.