Advertisement

އަންނަ ސީޒަނުގައި އިންޑިއަން ސުޕަ ލީގުގައި ވީއޭއާރް ބޭނުންކުރަނީ

20 މާރިޗު 2023 - 14:27 0

އިންޑިއާ ސުޕަ ލީގުގެ ޗެމްޕިއަންކަން މި ފަހަރު ހޯދި އޭޓީކޭ މޯހަން ބަގާން ކުޅުންތެރިން މެޗެއްގެ ތެރެއިން ލަނޑެއް ޖެހުމަށް ފަހު އުފާފާޅުކުރަނީ.--


އަންނަ ސީޒަނުގައި އިންޑިއަން ސުޕަ ލީގުގައި ވީއޭއާރް ބޭނުންކުރަނީ

20 މާރިޗު 2023 - 14:27 0

ނިއު ދިއްލީ، އިންޑިއާ (މާޗް 20) - އަންނަ ސީޒަނުން ފެށިގެން އިންޑިއަން ސުޕަ ލީގު (އައިއެސްއެލް)ގައި ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ބޭނުންކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް)ގެ ރައީސް ކަލްޔާން ޗޯބޭ ވިދާޅުވެއްޖެ އެެވެ.

އިންޑިއާ ފުޓްބޯޅައާ ގުޅޭގޮތުން ޓައިމްސް އޮފް އިންޑިއާ (ޓީއޯއައި) އަށް ދިން އިންޓަވިއުއެއްގައި ޗޯބޭ ވިދާޅުވީ ބެލްޖިއަމްގައި މިހާރު ބޭނުންކުރަމުން އަންނަ ވީއޭއާރް-ލައިޓް ސިސްޓަމް އަކީ އިންޑިއާގައި ވެސް ބޭނުންކުރެވިދާނެ މޮޑެލެއް ކަމަށާއި އެކަން ކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ވީއޭއާރް އަކީ ވަރަށް އަގުބޮޑު ކަމެއް ހަގީގަތުގައި. އެކަމަކު، ބެލްޖިއަމް އިން އެބަ ގެންގުޅޭ އަގުހެޔޮކޮށް ތައްޔާރުކުރެވިފައި އޮތް ވީއޭއާރް ލައިޓް ސިސްޓަމެއް، އަހަރެން ދެކޭގޮތުގައި އިންޑިއާގައި އެ މޮޑެލް ބޭނުންކުރެވިދާނެ، ފެށުމެއްގެ ގޮތުން،" މިިދިޔަ އަހަރު އިންޑިއާގެ ފުޓްބޯޅަ ރައީސަކަށް އިންތިހާބު ވުމަށް ފަހު ގިނަ ބަދަލުތަކެއް ގެންނާނެ ކަމަށް ވައުދުވެފައިވާ ޗޯބޭ ވިދާޅުވި އެވެ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ (ކ) އާއި އިންޑިއާގެ ފުޓްބޯޅަ ރައީސް ކަލްޔާން ޗޯބޭ ބޭއްވި ބައްދަލުވުމުގެ ތެރެއިން.-- ފޮޓޯ: ފީފާ ޑިޖިޓަލް ހަބް


މި ފަހަރުގެ އިންޑިއަން ސުޕަ ލީގުގެ ސީޒަނުގައި ގިނަ ކުޅުންތެރިންތަކަކާއި ކޯޗުންނާއި މީޑިއާ އިން ވެސް ރެފްރީންގެ މައްސަލައިގައި ވަނީ ފާޑުކިޔައިފަ އެވެ. އެ ވާހަކަތަކަށް އިޝާރާތްކޮށް، ޗޯބޭއާ ޓައިމްސް އޮފް އިންޑިއާގެ އިންޓަވިއުގައި ކުރި ސުވާލަށް ޖަވާބުދެއްވަމުން ޗޯބޭ ވިދާޅުވީ ބިނާކުރަނިވި ފާޑުކިޔުންތަކަށް މަރުހަބާ ކިޔަންޖެހޭނެ ކަމަށާއި ރެފްރީން ކުރާ މަސައްކަތް ވެސް ބަލައިގަންނަން ޖެހޭނެ ކަމަށެވެ.

"އަހަންނަށް އެބަހުރި ރެފްރީންގެ މައްސަލައިގައި އީމެއިލް ވެސް ލިބިފައި، އަހަންނަށް ސޯޝަލް މީޑިއާ އާއި މީޑިއާ އިން ވެސް ފެނޭ ރެފްރީންގެ މި ޝަކުވާތަކާއި ވީއޭއާރް އަންނަން ޖެހޭ ކަމުގެ ވާހަކަތައް. މީހުން އެބަ ބޭނުންވޭ ވީއޭއާރަށް ހުރިހާ ކަމެއް ދޫކޮށްލައި، ރެފްރީން އަތުން ހުރިހާ ބާރެއް ނަގަން ވެސް، އެކަމަކު، އެއީ ވެސް ވާނެ ކަމެއް ނޫން، އަހަރެމެން ވީއޭއާރް ގެންނާނީ ރެފްރީންނަށް އެހީތެރިވުމަށް،" ޗޯބޭ ވިދާޅުވި އެވެ.

"އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސެއްގެ ހައިސިއްޔަތުން އަހަރެން ބުނާނީ އަހަންނަކީ ރެފްރީންގެ ސަޕޯޓަރެކޭ. އެމީހުންނަށް ދިމާވާ ކޮންމެ ކަމެއްގައި ވެސް އެކުގައި ހުންނަ މީހަކަށް އަހަރެން ވާން ބޭނުމީ، އަހަރެން ޔަގީންކަން ދެން އެ މީހުންގެ ތަރައްގީ އަށް އޮތް އެއްވެސް ފުރުސަތެއް ހަނިނުވާނެ، ފުރުސަތު އިތުރުކުރަން ކުރެވޭނެ ހުރިހާ ކަމެއް ކުރާނަން. އަހަރެން މި ހުރީ އާދޭސްކޮށްގެން ކަންކަން ކުރަން ޖެހުނަސް އިންޑިއާ ފުޓްބޯޅަ ކުރިއެރުވުމުގެ އަމާޒުގައި،"

ޗޯބޭ ވަނީ އިންޑިއާގެ ގައުމީ ފުޓްބޯޅަ ޓީމަށް ގިނަ އަދަދެއްގެ މެޗުތަކެއް މި އަހަރު ތެރޭ ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ބޭނުމަކީ އިންޑިއާ ކޯޗު ކްރޮއޭޝިއާގެ އީގޯ ސްޓިމަކް ބޭނުންވާ ހުރިހާ ކަމެއް ހަމަޖައްސައިދީ ބައިނަލްއަގުވާމީ މައިދާނުގައި އިންޑިއާ އަކީ ފުޓްބޯޅައިގައި ވެސް ނަން ހިނގާ ގައުމަކަށް ހެދުމަށް ކަމަށެވެ.