Advertisement

ސާފް ޗެމްޕިއަންޝިޕްގައި ސަރަހައްދުން ބޭރުގެ ގައުމެއް ފެނިދާނެ

20 މާރިޗު 2023 - 13:58 0

2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ފައިނަލް މެޗުގެ ކުރިން އިންޑިއާގެ ކެޕްޓަން ޗެތުރީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު ފައިލް ފޮޓޯ


ސާފް ޗެމްޕިއަންޝިޕްގައި ސަރަހައްދުން ބޭރުގެ ގައުމެއް ފެނިދާނެ

20 މާރިޗު 2023 - 13:58 0

އަންނަ ޖޫން މަހު އިންޑިއާގައި ފަށަން ނިންމާފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުން ސާފް ސަރަހަައްދުން ބޭރުގެ ގައުމެއް ފެނުމުގެ ފުރުސަތު އެބައޮތް ކަމަށް އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އައިއެފްއެފް) އިން ހާމަކޮށްފި އެވެ.

އިންޑިއާގެ ބެންގަލޫރުގައި ޖޫން 20 އިން ޖުލައި ތިން ވަނަ ދުވަހަށް ސާފް ޗެމްޕިއަންޝިޕް ބާއްވާނެކަން އިއުލާނުކުރުމަށް ފަހު، އިންޑިއާ ފުޓްބޯޅައާ ބެހޭގޮތުން މީޑިއާ އަށް މައުލޫމާތު ދޭން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭއައިއެފްއެފްގެ ރައީސް ކަލްޔާން ޗޯބޭ ވިދާޅުވީ މުބާރާތުގެ ފޯރިގަދަ ކުރުމުގެ ވިސްނުމުގައި ސާފް އިން ބޭރުގެ ގައުމެއް ބައިވެރިކުރަން ދައުވަތު ދޭން ނިންމާފައިވާ ކަމަށެވެ.

މި ގޮތުން ވަރަށް އަވަހަށް މިކަމާ ގުޅޭގޮތުން ކަންކަން ނިމިގެންދާނެ ކަމަށް ވެސް ޗޯބޭ ވިދާޅުވެފައިވެ އެވެ.

މީގެ ކުރިން ސާފް ސަރަހައްދުން ބޭރުގެ ޓީމަކަށް އަފްގާނިސްތާން ވަނީ ސާފް ޗެމްޕިއަންޝިޕްގައި ވާދަކޮށްފަ އެވެ. އަފްގާނިސްތާނުން 2013 ވަނަ އަހަރު ސާފް ތަށި އުފުލާލިއިރު، 2011 އާއި 2015 ވަނަ އަހަރު ފައިނަލުގައި ކުޅެގެން އިންޑިއާ އަތުން ވަނީ ބަލިވެފަ އެވެ.

މި އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ބައިވެރިވާނެ ކަމަށް ބެލެވެނީ އިންޑިއާ، ރާއްޖެ، ޕާކިސްތާން، ނޭޕާލް، ބަންގްލަދޭޝް އަދި ބޫޓާން އެވެ. ސްރީ ލަންކާ މި ވަގުތު އޮތީ ފީފާގެ ސަސްޕެންޝަނެއްގަ އެވެ.

ދުނިޔޭގެ އެކި ބައްރުތަކުގައި ބާއްވާ އެކިއެކި ފުޓްބޯޅަ މުބާރާތްތަކުގައި އެކި ސަރަަހައްދުތަކުން ބާއްވާ ވަކި މުބާރާތްތަކުގެ ތެރެއިން ދައުވަތު ދީގެން އެހެން ޓީމުތަކަށް ވެސް ފުރުސަތު ދެ އެވެ. އެ ގޮތަށް އެންމެ އާންމުކޮށް އަމަލުކުރަނީ ދެކުނު އެމެރިކާ އާއި އުތުރު އެމެރިކާގެ މުބާރާތްތްތަކުގަ އެވެ.