Advertisement

ފައިހުގެ މައްސަލައިގައި ރޭ ހައްޔަރުކުރި ދެ މީހަކު ބަންދުން ދޫކޮށްލައިފި

20 މާރިޗު 2023 - 16:06 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


ފައިހުގެ މައްސަލައިގައި ރޭ ހައްޔަރުކުރި ދެ މީހަކު ބަންދުން ދޫކޮށްލައިފި

20 މާރިޗު 2023 - 16:06 0

މާރާމާރީއެއްގެ ތަހުގީގަށް ފުލުހުން ހޯދަމުންދާ މީހަކު ފޮރުވައިގެން އުޅުނުކަމަށް ތުހުމަތުކޮށް ރޭ ހައްޔަރުކުރި ފަސް މީހުންގެ ތެރެއިން ދެ މީހުން މިއަދު ދޫކޮށްލައިފި އެވެ.

ދޫކޮށްލައިފައި ވަނީ ހ. ހިލްޓަން، އާލިފް ރައުފްއާއި އދ. ފެންފުށި، ފެންފިޔާޒްގެ، މަހުދީ އައްބާސް އެވެ. އެ ދެ މީހުން ދޫކޮށްލައިފައި ވަނީ އެމީހުންގެ މައްޗަށް ތުހުމަތު ކުރުމަށް އެކަށީގެންވާ މިންވަރުގެ ހެއްކެއް ފުލުހުންނަށް ދެއްކިފައި ނުވާތީ އެވެ. އެހެނަސް އެމީހުންގެ މައްޗަށް ވަނީ ތަހުގީގަށް އެއްބާރުލުމަށް ޝަރުތުކޮށްފައި ކަމަށް "އަދަދު" އަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

އެނގިފައިވާ ގޮތުގައި އެ ދެ މީހުންގެ މައްޗަށް ވެސް ހެކީގެ ގޮތުގައި ފުލުހުން ހުށަހަޅާފައިވަނީ ތަހުގީގީ ރިޕޯޓާއި ވީޑިއޯ ސްނެޕްޝޮޓުތަކެކެވެ. އެހެންނަމަވެސް އެ ވީޑިއޯ ސްނެޕްޝޮޓުތަކުން، ފުލުހުން ހޯދަމުންދާ މީހާއާ އެކު އާލިފް ވެސް އަދި މަހުދީ ވެސް އުޅޭ އެއްވެސް މަންޒަރެއް ނުފެންނައިރު، ހެކީގެ ގޮތުގައި ހުށަހެޅި ތަހުގީގީ ރިޕޯޓަކީ ކާކު ތައްޔާރު ރިޕޯޓެއްކަން ވެސް އެނގޭކަށް ނެތެވެ.

ތުހުމަތު ކުރުމަށް އެކަށީގެންވާ މިންވަރަށް ހެކި ނެތިގެން އެ ދެމީހުން ދޫކޮށްލި ނަމަވެސް، ރޭ ހައްޔަރު ކުރި ލ. ގަން، ތުނޑި، ނެވާކޯން، އަބްދުﷲ ޖުނައިދުއާއި ތ. ގާދިއްފުށި، ސީނަރީގެ، މުނައްވަރު އަބްދުﷲ ގެ އިތުރުން ދެން ހައްޔަރު ކުރި މީހާގެ މައްޗަށް ވަނީ ބަންދުކުރަންޖެހޭ މިންވަރަށް ހެކި ހުރިކަމަށް ބަލައި 15 ދުވަހު ބަންދުގައި ބެހެއްޓުމަށް މުއްދަތު ޖަހައިފަ އެވެ.

އެމީހުންގެ މައްޗަށް ވެސް ފުލުހުން ކުރަނީ މިދިޔަ ޖެނުއަރީމަހު 14 ވަނަ ރޭ ކެފޭއެއްގެ ތެރެއަށް ވަދެ މީހަކު ޒަހަމުކޮށްލި މައްސަލައިގައި ހޯދަމުންދާ މީހާ ފޮރުވައިގެން ގެންގުޅުމުގެ ތުހުމަތުކަން ވެސް މި ނޫހަށް ވަނީ އެނގިފަ އެވެ.

މާރާމާރީގެ އެ މައްސަލައާ ގުޅިގެން ފުލުހުން ހޯދަމުންދަނީ ސ. މަރަދޫފޭދޫ، ރަށްދެބައިގެ، އިބްރާހީމް ފައިހު ނިޒާމު، 25، އެވެ. އޭނާ ހޯދަން އިއުލާނު ކުރިތާ މަސްދުވަސް ފާއިތުވެގެން ދިޔައިރު ވެސް ފުލުހުންނަށް އޭނާ ހޯދިފައެއް ނުވެ އެވެ.

ދުވަސްތަކެއްގެ މެދުކެނޑުމަކަށް ފަހު ގޭންގު މާރާމާރީތައް އިތުރުވެފައި ވާއިރު، މިދިޔަ މަހު ވެސް މާފަންނު، މުރަނގަ މަގުގައި ހުރި ފިހާރައެއްގެ ތެރޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން ޒުވާނަކު ވަނީ ޒަހަމު ކޮށްލައިފަ އެވެ. އެ ޒުވާނާއަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް އޭގެ ތިން ދުވަސްފަހުން ވަނީ މަރުވެފަ އެވެ.