Advertisement

ރޯދަމަހަށް ހާއްސަކޮށް އެސްޓީއޯއިން 2 ޓަނުގެ ލުނބޯ އެތެރެކޮށްފި

20 މާރިޗު 2023 - 12:44 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އެސްޓީއޯ ޕީޕަލްސް ޗޮއިސް. އެ ކުންފުނިން ދަނީ ރޯދަ މަހު ތަކެތީގެ އަގު އުފުލުނަ ނުދިނުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުން -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ރޯދަމަހަށް ހާއްސަކޮށް އެސްޓީއޯއިން 2 ޓަނުގެ ލުނބޯ އެތެރެކޮށްފި

20 މާރިޗު 2023 - 12:44 0

ރޯދަމަހަށް ހާއްސަކޮށް އެސްޓީއޯއިން ދެ ޓަނުގެ ލުނބޯ ރާއްޖެއަށް އެތެރެކޮށްފި އެވެ.

އެ ކުންފުނިން ބުނީ އެހައި ގިނަ އަދަދަކަށް ލުނބޯ އެތެރެ ކުރުމަށް ނިންމީ ރޯދަ މަހާ ދިމާކޮށް ލުނބޯގެ އަގު ބޮޑުވުމުގެ ސަބަބުން ގިނަ ބަޔަކު ޝަކުވާ ކުރަމުން އަންނާތީ ކަމަށެވެ.

"އަޅުގަނޑުމެންނަށް ސޯޝަލް މީޑިއާ މެދުވެރިކޮށްނާއި އެހެން ގޮތްގޮތުންވެސް ވަރަށް ގިނަ ބައެއްގެ ޝަކުވާ ލިބުނު ލުނބޯގެ އަގު ބޮޑުކަމުން، އެހެންވެ ރޯދަ މަހަށް ހެޔޮ އަގެއްގައި ލުނބޯ ލިބޭނެ މަގު ފަހި ކޮށްދިނުމުގެ މަގުސަދުގައި އެތެރެ ކުރީ،" އެސްޓީއޯގެ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެސްޓީއޯއިން ލުނބޯ އެތެރެ ކުރަން ނިންމިއިރު، ބާޒާރުގައި ލުނބޯ ވިއްކަމުންދިޔައީ 100ރ. އަށް ކިލޯއެއްގެ މަގުން ކަމަށެވެ. މިހާރު އެ އަގު ހުރީ 80ރ. އާއި 95ރ. އާ ދެމެދުގަ އެވެ.

އެސްޓީއޯއިން ލުނބޯ ވިއްކަމުން ދާނީ ކިލޯއެއް 60ރ. ގެ މަގުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބާޒާރު މަތީގައި ލުނބޯ ވިއްކަން ބަހައްޓާފައި -- ފޮޓޯ: ފައިލް


ދިވެހީން އާންމުކޮށް ކައިބޮއި ހެދުމުގައި ބޭނުން ކުރާ ލުނބޯގެ ޑިމާންޑު، އާންމުކޮށް ތަފާތު ވައްތަރުގެ ކާނާ ތައްޔާރު ކުރާ ރޯދަ މަހު އަބަދުވެސް ބޮޑުވެ އެވެ.

ލުނބޯގެ އަގު އެހައި ބޮޑަށް އުފުލިފައި ވަނީ ލިބުން ދަތިވުމުގެ ސަބަބުން ކަމަށް ވިޔަފާރިވެރިން ބުނެ އެވެ.

މިއަހަރުގެ ރޯދަ މަހާ ދިމާކޮށް ލުނބޯގެ އަގު ބޮޑުވެފައި ވާއިރު، ފާއިތުވީ ދެ އަހަރު ވެސް ރޯދަމަހާ ދިމާކޮށް ލުނބޯގެ އަގު އިންތިހާއަށް މައްޗަށް އަރައިގެންދިޔަ އެވެ.

މިދިޔަ އަހަރުގެ ރޯދަ މަސް ފެށުނުއިރު، ބާޒާރުގައި ލުނބޯ ކިލޯއެއްގެ އަގު ހުރީ 120ރ. ގަ އެވެ. އެ މަހުގައި ވެސް ބާޒާރަށް ލުނބޯ ތިޔާގިކޮށް އަގު ހެޔޮކޮށްދިނީ އެސްޓީއޯއިންނެވެ. އެސްޓީއޯއިން ލުނބޯ ކިލޯއެއް މިދިޔަ އަހަރު ވިއްކީ 45ރ. އަށެވެ.

ރޯދަ މަސް ފެށެން ދެދުވަހަށްވެފައި ވާއިރު، ލުނބޯގެ އިތުރުން ކާށީގެ އަގުވެސް ވަނީ ރަނަށް އަރައިފަ އެވެ. ރޯދަ މަހު އެންމެ އާންމުކޮށް ކެއުމުގައި ބޭނުން ކުރާ، ހެޔޮވަރު ކާއްޓެއްގެ އަގު އެންމެ ހެޔޮކޮށްވެސް ބާޒާރުގައި މިވަގުތު ހުރީ 40ރ އަށެވެ.