Advertisement

ރޯދައަށް ތަންތަން ސާފުކުރާއިރު މަގުމައްޗަށް ކުނި އަޅާތީ އީޕީއޭއިން ކަންބޮޑުވުން ފާޅުކޮށްފި

20 މާރިޗު 2023 - 12:36 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މާލޭ މަގު މަތީގައި ކުނި ކޮތަޅުތަކެއް:ރޯދައަށް ތަންތަން ސާފުކުރާއިރު މަގުމައްޗަށް ކުނި އަޅާތީ އީޕީއޭއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ރޯދައަށް ތަންތަން ސާފުކުރާއިރު މަގުމައްޗަށް ކުނި އަޅާތީ އީޕީއޭއިން ކަންބޮޑުވުން ފާޅުކޮށްފި

20 މާރިޗު 2023 - 12:36 0

ކުރިއަށް އޮތް ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން އެކި ތަންތަން ސާފުކުރުމަށްފަހު މަގުމައްޗަށް ކުނި އަޅާތީ އެންވަރަމަންޓު ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެގޮތުން އީޕީއޭއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރޯދައަށް ގެއާއި އާންމު ތަންތަން ސާފުކުރުމުގެ ތެރޭގައި އާންމު މިންވަރަށްވުރެ ގިނަ ކުނި އުފެދޭ ކަމަށާއި އެފަދަ ކުނި މަގުމައްޗާއި ދުވާރުމައްޗަށް ނެރެ ބަހައްޓާކަން އެ އެޖެންސީއަށް ފާހަގަވެފައިވާ ކަމަށެވެ.

އަދި، މިއީ މިކަމުގެ ސަބަބުން މާލޭގެ މަގުތައް ނުސާފުވެ، މަގުތައް ބޭނުންކުރާ ފަރާތްތަކަށް ދަތިވެ ސިއްހީގޮތުންވެސް ނުރައްކާތެރި ކަމެއް ކަމުން މިފަދައިން މަގުމައްޗާއި ހުސްތަންތަނަށް ކުނި ނޭޅުމަށް އެދޭކަމަށްވެސް އީޕީއޭއިން ބުނެފައިވެ އެވެ.

މީގެއިތުރުން، އީޕީއޭއިން ބުނެފައިވަނީ ރޯދައަށާއި އެހެން ދުވަސްތަކުގައިވެސް ގޭތެރެއާއި އާންމުތަންތަން ސާފުކުރާއިރު ކުނި އުކާލެވޭނެ އިންތިޒާމެއް ކުރީބައިގައި ވޭސްޓް މެނޭޖްމަންޓު ކޯޕަރޭޝަނާ ގުޅިގެން ހަމަޖެއްސުމަށް އެދޭ ކަމަށެވެ.

މާލޭގެ ކުނީގެ މައްސަލަ އަކީ އަދިވެސް ރަނގަޅު ހައްލެއް ލިބިފައިނުވާ މައްސަލައެކެެވެ. އެގޮތުން މާލެ ސާފުކޮށް ބެލެހެއްޓުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނާއެކު މާލެ ސިޓީ ކައުންސިލުން ވެފައި އޮތް އެއްބަސްވުން ފަސް އަހަރަށްފަހު މިދިޔަ ޑިސެމްބަރު 26، ގައި ހަމަވުމުން އެ އެއްބަސްވުން އުވާލި އެވެ. ސަބަބެއް ކަމުގައި ސިޓީ ކައުންސިލުން ބުނީ ވެމްކޯގެ ހިދުމަތްތަކާމެދު ހިތްހަމަ ނުޖެހިގެން ކަމަށެވެ.

އެއާއެކު ގޭބީސީތަކުން މަގުމައްޗަށް ނެރޭ ކުނި ދެން ނުގެންދާނެ ކަމަށް ވެމްކޯއިން ބުނެފައިވާއިރު، މުޅި މާލެ ގޮނޑުވެ، އީޕީއޭއިން ވެސް ކަންބޮޑުވުން ފާޅުކުރި އެވެ. އެ ފަހުން، އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ އަންގަވައިގެން ވެމްކޯއިން ވެސް ކުނި ނެގުމުގެ މަސައްކަތް ކުރެ އެވެ.

އޭގެ ފަހުން ސިޓީ ކައުންސިލުން ވަނީ ކުނި މެނޭޖު ކުރުމަށް ވަކި ސެކްޝަނެއް ހަދައި އެ ހިދުމަތް ދަނީ ދެމުންނެވެ. ނަމަވެސް އަދިވެސް ކުނި ނުނެގުމުގެ ޝަކުވާ އެކި ފަހަރުމަތިން ފެންމަތިވަމުންދެ އެވެ.