Advertisement

ސަރުކާރު ކޯލިޝަން މިހާރު އޮތީ ހަމައެކަނި ކަރުދާހުގައިތަ؟

20 މާރިޗު 2023 - 10:18 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ސަރުކާރު ކޯލިޝަނުގައި ހިމެނޭ ހަތަރު ޕާޓީގެ ލީޑަރުން.


ސަރުކާރު ކޯލިޝަން މިހާރު އޮތީ ހަމައެކަނި ކަރުދާހުގައިތަ؟

20 މާރިޗު 2023 - 10:18 0

"...ރައްޔިތުން އަޅުގަނޑަށް ވޯޓު ދެއްވީ ގުޅިފައިވާ ކޯލިޝަންގެ ކެންޑިޑޭޓެއްގެ ގޮތުގައި، އެންމެން އެކުގައި މަސައްކަތް ކުރުމަށް. މިކަން އަބަދުވެސް އަޅުގަނޑު ހަނދާން ބަހައްޓާނަން،" މިއީ ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި ހަވާލުވެވަޑައިގަތުމަށް ފަހު ގަލޮޅު ދަނޑަށް އެއްވެފައި ތިބި އެތައް ހާސް މީހުންނާއި ދުރާއި ގާތުން އެ މަންޒަރު ބަލަމުންދިޔަ އެންމެނާ މުހާތަބުކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ވާހަކަފުޅެވެ.

އެއަށް ފަހު 1،584 ދުވަސް ފާއިތުވެ ހިނގައްޖެ އެވެ. ސިޔާސީ މައިދާނުގައި ގިނަ ކަންކަން ހިނގައި ގޮސް ނިމިއްޖެ އެވެ. ވެރިކަމަށް ވަޑައިގަތުމަށް ރައީސް ވެވަޑައިގެންނެވި އެންމެ މުހިންމު އެއް ވައުދަކީ ކޯލިޝަނަކާއެކު ވެރިކަން ކުރެއްވުމެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވެސް ރައީސް އެންމެ ބޮޑަށް ވިއްކެވީ ކޯލިޝަނަކާއެކު އިންތިހާބަށް ނިކުތުމުގެ ވައުދެވެ.

އެމްޑީޕީ އިސްވެ އޮވެ ކޯލިޝަން ހެދުމަށް އެދި ފޮނުވި ސިޓީއަށް އަދި ބައެއް ޕާޓީ ތަކުން ޖަވާބު ދީފައި ނުވާއިރު, ކޯލިޝަނުގައި އޮތް ދެ ވަނަ އަށް އެންމެ ބޮޑު ޕާޓީއިން އެ ވަނީ އެ ޕާޓީ އިސްވެ އޮވެ އުފައްދާ ކޯލިޝަނެއްގައި އިންތިހާބަށް ކުރިމަތިލާނޭކަން ވެސް އިއުލާނުކޮށްފަ އެވެ. މިހާ ހިސާބުން, އުފެދޭ ސުވާލަކީ 2018 ގައި އުފެއްދި ކޯލިޝަން މިހާރު ދެމި އޮތްތޯ އެވެ.

"އަހުދުވީ ނޮވެމްބަރު 18 އަށް"

ޖުމްހޫރީ ޕާޓީ އިސްވެ އޮވެ ކޯލިޝަނެއް ހަދާނޭކަން އިއުލާން ކުރުމާ އެކު, އެކަމުގެ ނުރުހުން ސަރުކާރުގެ ތެރެއިން އިންތިހާއަށް ފެނިގެންދިޔަ އެވެ. ސަރުކާރަށް ތާއީދުކުރާ މަޖިލިސް މެންބަރުން, ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އެ ބޭފުޅުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ބަންޑުން ކުރި އެވެ.

ޖުމްހޫރީ ޕާޓީގެ ވަޒީރުން މަގާމު ތަކުގައި ތިބުމަކީ ލަދުވެތި ކަމެއް ކަމަށާއި އިސްތިއުފާ ނުދެއްވާ ނަމަ މަޖިލީހަށް ހާޒިރުކޮށް ވަކި ކުރާނޭ ކަމުގެ އިންޒާރުވެސް ދޭން ފެށިއެ ވެ. އެ އިންޒާރުތަކަށް ރައްދު ދެއްވަމުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދެއްވީ ރައީސް ސޯލިހުއަށް އިންޒާރެކެވެ.

ގާސިމްގެ ވިސްނުމުގައި އެމަނިކުފާނުވީ އަހުދާއި އަދި ހިލާފެއް ނުވެ އެވެ. ދިފާއުގައި ދެއްކެވީ 2018 ވަނަ އަހަރުގެ އިންތިހާބަށް ހެދި އެއްބަސްވުމެއްގެ ވާހަކަ އެވެ. އެ އެއްބަސްވުމަކީ މި އަހަރުގެ ނޮވެމްބަރު 18 އާ ހަމައަށް ދެމިގެންދާނޭ އެއްބަސްވުމެއް ކަމަށާއި, އެ އަހުދާއި ހިލާފުވެ, ޖޭޕީ ވަޒީރުން ވަކި ކުރާނަމަ, ގާސިމްގެ ވިސްނުމުގައި ރައީސް ސޯލިހުވެސް އިސްތިއުފާ ދެއްވަން ޖެހެ އެވެ.

"އެހެންކަމަށްވަންޏާ ރައީސުލްޖުމްހޫރިއްޔާ ވެސް ޖެހޭނީ އިސްތިއުފާ ދެއްވާށޭ. އެހެންނޫން ކަމަށްވަންޏާ އަޅުގަނޑު ދަންނަވާލަން ޖުމްހޫރީ ޕާޓީއަށް މަގާމުތަކެއް ދެއްވާފައިވަނީ އެއްވެސް މީހެއްގެ ތަރިކަ މުދަލަކުން ނޫން،" ރައްޔިތުންގެ މަޖިލީހުގައި ގާސިމް ވިދާޅުވެފައިވެ އެވެ.

ގާސިމްގެ ވިސްނުމުގައި ސަރުކާރުގެ މަގާމުތަކުގައި ޖޭޕީގެ މެންބަރުން ތިބުމަކީ "ލަދުވެތި" ކަމެއްވެސް ނޫނެވެ. އަދި، މި ހިނގާ ރިޔާސީ ދައުރު ނިމުމުގެ ކުރިން ޖޭޕީގެ އެއްވެސް ބޭފުޅަކު ސަރުކާރުން އިސްތިއުފާ ދިނުމަށް ނުދަންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފަހަރުގައިި, ސަރުކާރުގެ ތެރެއިން ލިބިފައިވާ މަގާމްތަކަކީ ރައީސް ސޯލިހުގެ ތަރިކަ މުދަލަށް ނުވެދާނެ އެވެ. އެކަމަކު ހެނދުނު ރައީސް ސޯލިހުގެ ސިޔާސުތައް ދިފާއު ކުރުމަށް ފަހު މެންދުރު އޮފީސް ނިންމާލައި ގޮސް އަމިއްލައަށް މަގާމުތަކުގައި ތިބެގެން ތަންފީޒު ކުރާ ރައީސްގެ ސިޔާސަތުތަކަށް ފާޑުކިޔުން ދެކޮޅެއް ނުޖެހެ އެވެ. އެއީ، ހަމަޖެހޭ ވާހަކައެއް ނޫނެވެ.

ޖޭޕީން އެ އޮތީ ރިޔާސީ ޕްރައިމަރީއަކަށް ހުޅުވާލާފަ އެވެ. ކައުންސިލުން ވޯޓު ދީގެން އެ ޕާޓީން ކެންޑިޑޭޓަކު ނެރޭނެ އެވެ. އެއާ އެކު، ޖޭޕީ ސަރުކާރުގައި އޮތުމަކީ ޑިމޮކްރަޓިކް ނިޒާމަށް އޮތް ބޮޑު ހުރަހަކަށް ވެގެންދާނެ އެވެ. އަދި، އެމްއާރުއެމުން ވެސް އެމްޑީޕީ ނޫން ގޮތެއް އިހުތިޔާރު ކޮށްފިނަމަ އެކަން އޮންނާނީ އެހެންނެވެ.

"ގާސިމަކީ ރައީސަށް ޗެލެންޖެއް ނޫން"

ސަރުކާރުގެ މަގާމްތަކަކީ ރައީސުލްޖުމްހޫރިއްޔާގެ ތަރިކަ މުދާ ނޫނަސް, އެ މަގާމްތަކަށް އައްޔަންކުރާ މީހުން ޖަވާބުދާރީވާން ޖެހެނީ ރައީސުލްޖުމްހޫރިއްޔާ އަށެވެ. އެ ބޭފުޅުން މަގާމްތަކަށް އައްޔަން ކުރަނީ ސަރުކާރު ދެމެހެއްޓުމަށް އެހީތެރި ވުމަށެވެ. ސަރުކާރުގެ ސިޔާސަތުތައް ކުރިއަރުވައި, ސަރުކާރު ޕްރޮމޯޓް ކުރުމަށެވެ. އެ ނޫން ކަމެއް ކުރާ ނަމަ އެ މަގާމްތަކުގައި އެބޭފުޅުން ތިބުމުގެ ބޭނުމެއް ނެތެވެ. ސަރުކާރުގެ ވެސް ވިސްނުންހުރީ އެ މަގުންކަން ވަރަށް ސާފެވެ.

"ޖުމްހޫރީ ޕާޓީއިން ރިޔާސީ ކެންޑިޑޭޓަކު ނެރޭނަމަ، ސަރުކާރުގައި ދެ ރިޔާސީ ކެންޑިޑޭޓުން ތިބެގެން ކުރިއަށް ވަޑައިގަތުމަށް ދަތިވާނެ،" ސަރުކާރުގެ ވިސްނުން ހާމަ ކުރައްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން ވިދާޅުވި އެވެ. އެކަމާ ގުޅޭ މަޝްވަރާތައް ރައީސް ކުރައްވާނެ އެވެ.

މިއުވާން ވިދާޅުވަނީ ސިޔާސީ ވިސްނުމަކުން ދެކޮޅު ޖެހޭ ވާހަކައެކެވެ. ކޮންމެ ސަރުކާރަކުން ވެސް އެ ސަރުކާރެއްގެ ސިޔާސަތުތައް ހެޔޮ ގޮތުގައި, ދިގު މުއްދަތަކަށް ތަންފީޒު ކުރުމަށްޓަކައި ދެވަނަ ދައުރެއް ހޯދުމަށް މަސައްކަތް ކުރާނެ އެވެ. އެއީ ސިޔާސީ މަސައްކަތް ހިނގާ މަގެވެ. އެ ނޫން މަގަކުން ސިޔާސީ މަސައްކަތެއް ނުކުރެވޭނެ އެވެ.

ސީދާ އެމްޑީޕީން ރަސްމީކޮށް މިކަމުގައި އެއްޗެއް ނުބުނި ނަމަވެސް ފެންނާން އޮތް ހަގީގަތަކީ މިއަދު އެ ޕާޓީގެ މެމްބަރުން ވެސް ތިބީ ޖޭޕީ އާއި އެމްއާރުއެމްގެ މަތިން ފޫހިވެފައި ކަމެވެ. އެމްޑީޕީން އެންމެ ބޮޑަށް ފާޑުކިޔާ ވުޒާރަތަކަކީ ވެސް މި ދެ ޕާޓީން ހިންގާ ވުޒާރާތަކެވެ. ޖޭޕީ އާއި އެމްއާރުއެމްއާ އެކު ތިބުމުން ލިބޭ ގެއްލުން ބޮޑުވާނެކަން މިއީ އެމްޑީޕީގެ އެންމެހާ މެމްބަރުންނަށް ވެސް އެނގޭ ހަގީގަތެކެވެ.

"ރައީސް ވިދާޅުވެފަ އޮތީ ކޯލިޝަނަކާ އެއްކޮށް މި އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް، ރައީސާއެކު ކޯލިޝަން ހަދާނެކަން އިއުލާންކޮށްފި އަދާލަތު ޕާޓީ އަދި އެމްޑީއޭއިން އެހެންވީމަ ވަރަށް ޔަގީންކަމާއެކު މި އިންތިހާބު ކާމިޔާބު ކުރެވޭނެ. [ޖޭޕީ ވަކިން ނުކުތުމަކީ] ރައީސަށް ޗެލެންޖެއް ނޫން،" ޖުމްހޫރީ ޕާޓީއާ މެދު ރައީސް ދެކޭ ގޮތް ނުސީދާ ގޮތެއްގައި ހާމަކުރައްވަމުން އެމަނިކުފާނުގެ ތަރުޖަމާނު ވިދާޅުވި އެވެ.

މިވަގުތަށް އެންމެ ރަނގަޅީ އަހުދު އުވާލުން

ސަރުކާރުން, އެ ސަރުކާރަކަށް ތާއީދު ނުކުރާ މީހުން ސިޔާސީ ވަޒީފާތަކުގައި ބެހެއްޓުމަކީ ސަބަބުވެރި އިންސާނެއްގެ ބުއްދި ގަބޫލުކުރާ ކަމެއް ނޫނެވެ. ސަރުކާރުގެ ސިޔާސީ މަގާމެއްގައި ހުރެ, އެވަގުތު އޮތް ސަރުކާރު ކުރިއަށް އޮތް ރިޔާސީ އިންތިހާބުން ބަލި ކޮށްލުމަށް އަތް އުފުލުމަކީ ގޯހެކެވެ.

އެ އަތުން ދެން މަސައްކަތް ކުރާނީ އެތެރެއިން ސަރުކާރު ބަލިކަށި ކޮށްލުމަށެވެ. އެހެން ރައީސަކު އިންތިހާބު ކުރުމަށް ތާއީދު ކުރާ މީހަކު, ހިނގަމުން މިދާ ސަރުކާރު ކުރިއަރުވާނޭ ކަމަށް ދެކުމަކީ ހަމަ ހަގީގަތުގައި ވެސް އަވާމެންދުރަށް ގެއްލި ތިބުމެވެ.

ގަބޫލުކުރަން ޖެހޭ ތެދު ހަގީގަތެކެވެ. 2018 އަށް ރައީސް ސޯލިހު އިންތިހާބުވީ "ގުޅިފައިވާ" ކޯލިޝަނަކުންނެވެ. އެފަހަރު އެމްޑީޕީއާ ގުޅުނު ޕާޓީތަކުގެ ތެރެއިން ދެ ވަނަ ފަހަރަށް އެއްބަސްވީ އަދާލަތު ޕާޓީންނެވެ. އެއީ، ސިޔާސީ ގޮތުން އެ ޕާޓީއަށް މިވަގުތު އެންމެ ރަނގަޅު ގޮތެވެ.

އެކަމަކު، އެ ކޯލިޝަނުގައި ހިމެނޭ ދެ ޕާޓީ ކަމަށްވާ އެމްއާރުއެމް އދަި ޖޭޕީން އަދިވެސް ރައީސަށް ތާއިދު ދިނުމަށް ނިންމާފައި ނެތުމަކީ މި ވެރިކަމާ މެދު ހިތްހަމަނުޖެހުންތަކެއް ހުރިކަން ސާފުވާ ކަމަކެވެ. ނުވަތަ، އެ ޕާޓީތަކުން މަސައްކަތް ކުރަމުންދަނީ 2023 ގައި ލިބޭ ބައި ބޮޑުވާނޭ ގޮތަކަށެވެ.

ސިޔާސީ ވިސްނުމަކުން ބަލާއިރު, 2018 ގައިވި އަހުދުގައި ތާށިވެ ތިބުމަކީ ބަރުބާދުވެ ދިޔުމަށް ޖާގަ ދިނުމެވެ. އިތުރު ދައުރަކަށް ތާއީދު ކޮށްދިނުމަށް އެދި ހިތްހަމަ ޖައްސައި ދިނުމަށް ކޮށްދިން ކަންކަން ހަނދާން ނެތުމަކީ އެއީ ސިޔާސީ ތަބީއަތެވެ.

އެ ތަބީއަތް ގަބޫލުނުކޮށް, ބޯހަރުކަންމަތީ ތިބުމަކީ އެމްޑީޕީއަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބު ގެއްލި ހިނގައިދާނޭ ކަމެކެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބު ބޯމަތިވަމިން އަންނަ އިރު ސަރުކާރުގައި ތިބެންވާނީ ދެ ވަނަ ދައުރެއް ހޯދައިދޭން މަސައްކަތް ކުރާނޭ ފަރާތްތަކެވެ. އެއީ ދުނިޔޭގައި ކަން ހިނގާ އުސޫލެވެ. ސަބަބުވެރި ވިސްނުމަކުން ބަލާއިރު އެއީ ދެކޮޅު ޖެހޭ ސިޔާސަތެވެ.