Advertisement

ފަހު ވަގުތު ބާސެލޯނާ އިން ރެއާލް ބަލިކޮށްފި

20 މާރިޗު 2023 - 08:53 0


ފަހު ވަގުތު ބާސެލޯނާ އިން ރެއާލް ބަލިކޮށްފި

20 މާރިޗު 2023 - 08:53 0

ބާސެލޯނާ (މާޗް 20) - ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާ އިން ފަހު ވަގުތު ގޯލު ޖަހައި 2-1 އިން ރެއާލް މެޑްރިޑް ބަލިކޮށްފި އެވެ.

މި ނަތީޖާއާ އެކު ބާސެލޯނާ އަށް ސްޕެނިޝް ލީގުގެ އެއް ވަނައިގައި މި ވަނީ 12 ޕޮއިންޓުގެ ލީޑެއް ލިބިފަ އެވެ. އަދި 27 ވަނަ ފަހަރަށް ސްޕެނިޝް ލީގުގެ ތަށި ހޯދުމަށް ކުރާ އުންމީދަށް ބޮޑު ހިތްވަރެއް ލިބިގެން ގޮސްފަ އެވެ.

މެޗަށް ފަހު ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނީ ރަނގަޅު ލީޑެއްގައި ލީގުގެ އެއް ވަނައިގައި އޮތް ނަމަވެސް އަދިވެސް އެ ޓީމަށް ލީގު ޗެމްޕިއަންކަން ކަށަވަރުވި ކަަމަށް ނިންމުމަކީ ހެދޭނެ ގޯހެއް ކަމަށެވެ. މިއީ ޒަވީ ބާސެލޯނާ ކޯޗުކަމާ ހަވާލުވި ފަހުން އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ އެލް ކްލަސިކޯ މެޗެވެ.

ބާސެލޯނާ އެއް ވަނައިގައި އޮތީ 26 މެޗުން 68 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ރެއާލަށް ލިބިފައިވަނީ 26 މެޗުން 56 ޕޮއިންޓެވެ.

ބާސެލޯނާ ދަނޑުގައި ރޭ ލީޑުނެގީ ރެއާލުންނެވެ. މިއީ ނުވަ ވަނަ މިނިޓްގައި ރޮނާލްޑް އަރައުހޯ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ވިނީޝިއުސް ޖޫނިއާ ނެގި ހުރަހެއް އަރައުހޯ ބޮލުން ޖައްސާލުމުން ވަނީ ގޯލުގެ ކައިރީ ކަނަށެވެ. ބާސެލޯނާގެ ކީޕަރު މާކް އަންދްރޭ ޓާ ސްޓެގެން އަށް އެ ބޯޅަ ހުއްޓުވަން މާ ބޮޑު ކަމެއް ނުކުރެވުނީ މިސްރާބު ބަދަލުވި ގޮތުންނެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ބާސެލޯނާ އިން އެއްވަރުކުރެވޭތޯ ކުރި މަސައްކަތުގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ރަފީނިއާ އެވެ. ރަފީނިއާ އޭރިއާބޭރުން ޖެހި ބާރު ބޯޅައެއް ރެއާލް ކީޕަރު ތިބޯ ކޯޓުއާ ވަނީ މަތަކޮށްފަ އެވެ. އެކަމަކު، މެޗުގެ 45 ވަނަ މިނިޓްގައި ރަފީނިއާ ޖެހި ޝޮޓެއް ބްލޮކްވެގެން އައިސް އޭރިއާތެރެއިން ބާސެލޯނާގެ ސާޖިއޯ ރޮބާޓޯ އަށް ލިބުމުން އޭނާ ވަނީ ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު ގޯލަަށް ފޮނުވާލައިފަ އެވެ.

ބާސެލޯނާ އަށް ލީޑުނަގައިދޭން ދެ ވަނަ ހާފުގައި ވެސް ރަފީނިއާ ޖެހި ބޯޅައެއް ކީޕަރު ކޯޓުއާ ވަނީ މަތަކޮށްފަ އެވެ. އޭގެ ކުރިން ބާސެލޯނާގެ ރޮބަޓް ލެވަންޑޯސްކީ ޖެހި ޝޮޓެއް ވަނީ ދަނޑިކައިރިން ގޮސްފަ އެވެ.

މެޗުގެ 80 ވަނަ މިނިޓްގައި ރެއާލުގެ މާކޯ އަސެންސިއޯ ޖެހި ގޯލެއް ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ. މިއީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ނިންމި ނިންމުމެކެވެ.

މެޗުން ބާސެލޯނާ މޮޅުވީ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފަސް މިނިޓްގެ ތެރެއިން ފުރަތަމަ މިނިޓް ނިމުނުތަނާ ފްރޭންކް ކެސިއޭ ޖެހި ގޯލުންނެވެ. ބާސެލޯނާގެ ފުލްބެކް، އަލެހަންދްރޯ ބާލްޑޭ ނެގި ބޯޅަ ކެސިއޭ ވަނީ ގޯލުގެ ކައިރީ ކަނަށް ފޮނުވާލައިފަ އެވެ.