Advertisement

ވާދޫ ބަލިކޮށް ގަމުން ރާއްޖޭގެ ފުޓްސަލް ޗެމްޕިއަންކަން ހޯދައިފި

20 މާރިޗު 2023 - 00:57 0


ވާދޫ ބަލިކޮށް ގަމުން ރާއްޖޭގެ ފުޓްސަލް ޗެމްޕިއަންކަން ހޯދައިފި

20 މާރިޗު 2023 - 00:57 0

ފުރަތަމަ ފަހަރަށް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފައިނަލުގައި ކުޅުނު ގދ. ވާދޫގެ މައްޗަށް 8-4 އިން ކުރިހޯދައި، ލ. ގަމުން ރާއްޖޭގެ ފުޓްސަލް ޗެމްޕިއަންކަން މިރޭ ހޯދައިފި އެވެ.

ގަމަކީ ގޯލްޑަން ފުޓްސަލްގެ ތަށި އުފުލާލި ފަސް ވަނަ ޓީމެވެ. މީގެ ކުރިން ބޭއްވި މުބާރާތްތަކުގެ ތަށި ހޯދާފައިވަނީ ތ. ތިމަރަފުށި ތިން ފަހަރާއި މާފަންނާއި ހެންވޭރު އަދި ބ. ހިތާދޫ ކޮންމެ ޓީމެއް އެއް ފަހަރު އެވެ. ގަމުން މި ފަހަރުގެ ތަށި ހޯދުމާ އެކު އެ ޓީމުން އަންނަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖް ފަށާ ޗެރިޓީ ޝީލްޑް މެޗުގައި ތިމަރަފުށްޓާ ބައްދަލުކުރާނެ އެވެ. މި ފަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލުގައި ގަމުން ވަނީ ތިމަރަފުށި ކަޓުވާލައިފަ އެވެ.

ވާދޫ ޓީމުގެ ޝައުފް ކައިރިން ގަމުގެ އައްމަޑޭ ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ރެހެންދި ފުޓްސަލް ދަނޑުގައި ގިނަ އަދަދެއްގެ ސަޕޯޓަރުން ކުރިމަތީގައި ކުޅުނު މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ގަމުން މެޗުގެ ކޮންޓްރޯލް ނަގައިގެން ރަނގަޅަށް ކުޅެ، ލީޑު ވެސް ނެގި އެވެ. ގަމުން ލީޑުނެގީ އަހުމަދު ހަލީމް (އައްމަޑޭ) ދިން ބޯޅައަކުން ހުސެއިން ނާޝިދު (ނާއްޓޯ) ޖެހި ލަނޑުންނެވެ. ގަމުގެ ލީޑުފުޅާކޮށްދިނީ އަލީ ޝާމިސް (ތޮއްޕޭ) އެެވެ.

ދެ ޓީމުގެ ފަރާތުން ގިނަ ފައުލުތަކެއް ފެނިގެންދިޔަ މި ހާުފުގެ ބޮޑުބައި އިންދައި، ދެ ޓީމުން ވެސް ފަސް ފައުލު ހަމަވެ، ގިނަ އަދަދެއްގެ ދުރު ޕެނަލްޓީތަކެއް ލިބުނެވެ. ގަމުން ފުރަތަމަ ހާފުގައި ފަހުން ޖެހި ހަތަރު ގޯލުގެ ތެރެއިން ތިން ގޯލު ޖެހީ ދުރު ޕެނަލްޓީ ތަކުން އައްމަޑޭ އެވެ. އައްމަޑޭ އަތުން ދެ ދުރު ޕެނަލްޓީ ބޭކާރުވެސް ވި އެވެ. މި ހާފުގައި ގަމުގެ އަނެއް ލަނޑު ޖެހީ ތޮއްޕެ އެވެ.

މެޗުގެ ތެރެއަށް ވަދެވޭތޯ ވާދޫން ކުރި މަސައްކަތުގައި އެ ޓީމުން ފުރަތަމަ ހާފުގައި ތިން ގޯލު ޖަހައިފަ އެވެ. އެ ގޮތުން ވާދޫގެ މުހައްމަދު އިޔާދު އަލީ އެއް ގޯލު ޖެހިއިރު، ބަދަލަކަށް އަރައި، ބާރު ދެ ދުރު ޕެނަލްޓީން ގޯލު ޖަހައި، މުހައްމަދު ނާއިލް (އެޑީ) ވަނީ އެ ޓީމަށް އުންމީދެއް ހޯދައިދީފަ އެވެ.

ގަމުގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ދެ ވަނަ ހާފުގައި ނާއިލް އިތުރު ގޯލެއް ޖަހައި ހެޓްރިކެއް ފުރިހަމަކުރިއިރު، ގަމުގެ އަބްދުﷲ ޖުނައިދު (ޖެންނޭ) ވަނީ ތޮއްޕޭ ދިން ބޯޅައަކުން އެ ޓީމުގެ ހަތް ވަނަ ގޯލު ޖަހައިފަ އެވެ. ގަމުގެ ފަހު ގޯލު ޖެހީ މި ފަހަރުގެ މުބާރާތުގައި ތަފާތު ރޫހެއްގައި ކުޅެ، މުހިންމު ގޯލުތަކެއް ޖެހި ތޮއްޕޭ އެވެ. ފައިނަލުގައި ތޮއްޕެ ވަނީ ހެޓްރިކެއް ހެދުމުގެ އިތުރުން ލަނޑު ޖަަހަން އެހީވެދީ، ޓީމުގެ ޑިފެންސްގައި ވެސް މުުހިންމު މަސައްކަތްތަކެއް ކޮށްފަ އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ ވެސް ތޮއްޕެ އެވެ.

މުބާރާތުގެ މޮޅު ކުޅުންތެރިޔާ، ކިންގް އޮފް ފުޓްސަލް ލިބުނީ ގަމުގެ ކެޕްޓަން ހުސެއިން ޝަރީފް (އޮންލީ) އެވެ. ގަދަ ފަހެއްގައި ހިމެނެނީ އޮންލީ، ތޮއްޕޭގެ އިތުރުން އިޔާދު، އަޔާޒް އަހުމަދު (އަޔާ) އަދި ކުޑަހުވަދޫގެ ޖުމައިލް ޖަލީލް (ޖުމްބެ) އެވެ. ޖުމްބެ މި ވަނީ ޖެހިޖެހިގެން ދެ އަހަރު ގަދަ ފަހެއްގައި ހިމެނިފަ އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މި ފަހަރުގެ ގަދަ ފަސް ކުޅުންތެރިން (ކ.ވ): ޖުމްބެ، އަޔާ، އޮންލީ، އިޔާދު އަދި ތޮއްޕޭ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


މުބާރާތުގެ ބެސްޓް ސަޕޯޓިން ޓީމަކަށް ހޮވިފައިވަނީ ހދ. ނައިވާދޫ އެވެ. އަދި ފެއާ ޕްލޭ ޓީމަކީ ދ. ކުޑަހުވަދޫ އެވެ. އެންމެ މޮޅު ކޯޗަކީ ކުޑަހުވަދޫގެ ކޯޗު، އަހުމަދު ރިލުވާން (ރިލޭ) އެވެ. އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަށް ދިން ރަން ބޫޓު ލިބުނީ ވާދޫ އަށް 15 ލަނޑު ޖަހައިދިން އިޔާދު އެވެ. އިޔާދު ވަނީ ގަދަ 16 ބުރާއި ކުއާޓާ ފައިނަލާއި ސެމީ ފައިނަލް މީގެއިން ކޮންމެ ބުރެއްގައި ހެޓްރިކް ހަދައި، މި މުބާރާތުގައި ލަނޑު ޖެހުމުގެ ރެކޯޑެއް ގާއިމްކޮށްފަ އެވެ.

މިފަހަރު ވެސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އެންމެ މޮޅު ރެފްރީ އަކަށް ހޮވުނީ އަހުމަދު މުނީރު އެވެ.