Advertisement

ލެވަކޫސަނުން ބަޔާން ބަލިކުރުމުން ޑޯޓްމަންޑް އެއް ވަނައިގައި

20 މާރިޗު 2023 - 00:23 0

ލެވަކޫސަންގެ ޕަލާސިއޯސް (ކ) އަތުން ބޯޅަ ހޯދައިގެން ބަޔާންގެ ގޮރެޓްޒްކާ ދާން މަަސައްކަތް ކުރަނީ


ލެވަކޫސަނުން ބަޔާން ބަލިކުރުމުން ޑޯޓްމަންޑް އެއް ވަނައިގައި

20 މާރިޗު 2023 - 00:23 0

މިއުނިކް (މާޗް 20) - ޖަރުމަނު ލީގުގައި މިރޭ ބަޔާ ލެވަކޫސަނުން ފަހަތުން އަރައި 2-1 އިން ބަޔާން މިއުނިކް ބަލިކުރުމާ އެކު، ލީގުގެ އެއް ވަނަ މަގާމުގައި ޑޯޓްމަންޑަށް މަގާމު ދެމެހެއްޓުމުގެ ފުރުސަތު ލިބިއްޖެ އެވެ.

ލީގުގައި ހޮނިހިރު ދުވަހުގެރޭ ޑޯޓްމަންޑުން ވަނީ 6-1 އިން ކޮލޯން ބަލިކޮށް އެއް ވަނަ އަށް ޖެހިލައިފަ އެވެ. ބަޔާނުން މިރޭ ލެވަކޫސަން ބަލިކުރިނަމަ އަލުން އެއް ވަނަ އަށް އެރޭނެ އެވެ. އެކަމަކު، ބަޔާން ބަލިވުމުން ޑޯޓްމަންޑުން މަގާމު ދެމެހެއްޓީ އެވެ. ޑޯޓްމަންޑް އެއް ވަނައިގައި އޮތީ 25 މެޗުން 53 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ބަޔާނަށް 25 މެޗުން ވަނީ 52 ޕޮއިންޓް ލިބިފަ އެވެ. ބަޔާން ބަލިކުރި ލެވަކޫސަން އޮތީ 25 މެޗުން 37 ޕޮއިންޓާ އެކު އަށް ވަނައިގަ އެވެ.

ލެވަކޫސަން ދަނޑުގައި މިރޭ ކުޅުނު މެޗުގައި ލީޑުނެގީ ބަޔާނުންނެވެ. އެ ގޮތުން މެޗުގެ 22 ވަނަ މިނިޓްގައި ބަޔާންގެ ލަނޑު ޖެހީ ޔޯސުއާ ކިމިކް އެވެ. ބަޔާންގެ ލެއޯން ގޮރެޓްޒްކާ ދިން ބޯޅައެއް ކިމިކް ފޮނުވާލުމުން ގޯލަށް ވަނީ ލެވަކޫސަން ކުޅުންތެރިއަކު ގައިގައި ޖެހިފަ އެވެ.

ކުރިން ބަޔާނަށް ކުޅުނު ސްޕެއިނުގެ މިޑްފީލްޑަރު، ޒަބީ އަލޮންސޯގެ ކޯޗުކަމުގައި ކުޅޭ ލެވަކޫސަނުން މި މެޗު ކާމިޔާބުކުރީ ދެ ވަނަ ހާފުގައި ދެ ޕެނަލްޓީން ދެ ގޯލު ޖަހައިގެންނެވެ. ދެ ޕެނަލްޓީ ވެސް ކާމިޔާބުކުރީ އެޒެކީލް ޕަލާސިއޯސް އެވެ. ލެވަކޫސަނުން އެއްވަރުކުރީ 55 ވަނަ މިނިޓްގައި ކާމިޔާބުކުރި ޕެނަލްޓީންނެވެ. މިއީ ބަޔާންގެ ބެންޖަމިން ޕަވާޑް ކުރި ފައުލަކަށް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ދިން ޕެނަލްޓީ އެކެވެ.

ލެވަކޫސަން މެޗުން މޮޅުވި ޕެނަލްޓީ ޖެހީ 73 ވަނަ މިނިޓްގަ އެވެ. މި ޕެނަލްޓީ ދޭން ނިންމީ ބަޔާންގެ ޑަޔޫޓް އުޕަމެކާނޯ އޭރިއާ ރޮނގުކައިރިން ލެވަކޫސަންގެ އަދްލީ އަށް ކުރި ފައުލަަކަށެެވެ. ފުރަތަަމަ ނިންމީ އަދްލީ މަކަރުހަދައިގެން ޕެނަލްޓީ ހޯދަން މަސައްކަތް ކުރީ ކަމަށެވެ. އެކަމަކު، ފަހުން ވީއޭއާރް އިން ބަލައި ޕެނަލްޓީއެއް ކަމަށް ނިންމީ އެވެ.

ބަޔާނަށް ނަތީޖާ ހަމަހަމަކޮށްދޭން ލެރޯއި ސާނޭ ޖެހި ރަނގަޅު ހަމަލާއެއް ލެވަކޫސަންގެ ކީޕަރު ލޫކަސް ރަޑޭސްކީ ވަނީ މަތަކޮށްފަ އެވެ.