Advertisement

ރެއާލަށް ކްލަސިކޯ ކާމިޔާބު ކުރެވެން އޮތީ ބާސެލޯނާ ޕްރެޝަރަށް ވައްޓާލައިގެން

19 މާރިޗު 2023 - 11:13 0


ރެއާލަށް ކްލަސިކޯ ކާމިޔާބު ކުރެވެން އޮތީ ބާސެލޯނާ ޕްރެޝަރަށް ވައްޓާލައިގެން

19 މާރިޗު 2023 - 11:13 0

ބާސެލޯނާ (މާޗް 19) - ސްޕެނިޝް ލީގުގައި މިރޭ ކުޅޭ އެލް ކްލަސިކޯ މެޗުގައި ރެއާލް މެޑްރިޑަށް ބާސެލޯނާ ބަލިކުރެވޭނެ ހަމައެކަނި ގޮތަކީ ރަނގަޅު އެޓޭކިން ގޭމެއް ކުޅެ، ބާސެލޯނާ ޕްރެޝަރަށް ވައްޓާލައިގެން ކަމަށް ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

ބާސެލޯނާ ދަނޑުގައި ކުޅޭ ކްލަސިކޯ މެޗަށް ތައްޔާރުވާއިރު، މި މެޗުން މޮޅުވުން މުހިންމުވެފައި އޮތީ ރެއާލަށެވެ. ލީގުގެ ރޭހުގައި ބާސެލޯނާ އިން ވަނީ ނުވަ ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. ބާސެލޯނާ އެއް ވަނައިގައި 25 މެޗުން 65 ޕޮއިންޓާ އެކު އޮތްއިރު، ދެ ވަނައިގައި އޮތް ރެއާލްގެ އޮތީ 25 މެޗުން 56 ޕޮއިންޓެވެ.

މިދިޔަ ސީޒަނުގައި ރެއާލާ އެކު ލީގު ކާމިޔާބުކުރި އަންޗެލޮޓީ ބުނީ ޔަގީންކަމާ އެކު ބުނަން ކެރޭ އެއް ވާހަކަ އަކީ ބާސެލޯނާ ދަނޑުގައި އެ ޓީމުން ކޮންޓްރޯލް ނަގައިގެން ކުޅެން ފަށައިފިނަމަ އިދިކޮޅުގައި ކޮންމެ ޓީމެއް އޮތް ކަމުގައި ވިޔަސް ނަތީޖާ ނެރެން އުނދަގޫވާނެ ކަމަށެވެ.

"މީގެ އަހަރެމެންނަށް އޮތީ އެޓޭކްކުރުން. އެޓޭކްކޮށްގެން ބާސެލޯނާ ޕްރެޝަރު ހާލަތަކަށް ވައްޓާލައިގެން އަހަރެމެންނަށް ބޭނުންވެގެން މި އުޅޭ ނަތީޖާ ނެރެވިދާނެ، އެހެން ގޮތަކަށް މިކަން ކުރެވޭނެ ގޮތެއް ނުފެނޭ،" އަންޗެލޮޓީ ބުންޏެވެ.

ރެއާލުން މި ވަގުތު އެންމެ ބޮޑަށް ބަރޯސާވާންޖެހޭ ކުޅުންތެރިއެއްގެ ގޮތުގައި އަންޗެލޮޓީ އަށް ފެންނަނީ ބްރެޒިލްގެ ވިނީޝިއުސް ޖޫނިއާ (ވިނީ) އެވެެ. ވިނީ އަކީ މި ވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ފާހަގަކޮށް، އަންޗެލޮޓީ ވަނީ ބާސެލޯނާ އިން ވިނީ ހުއްޓުވަން އުރުގުއޭގެ ޑިފެންޑަރު، ރޮނާލްޑް އަރައުހޯ ބޭނުންކޮށްގެން ކުޅޭ "ފިޒިކަލް ގޭމަށް" ސަމާލުވާން ޖެހޭނެ ކަމަށެވެ.

އަނެއްކޮޅުން، ބާސެލޯނާ ކޮޅަށް މި ފަހަރު ލީގުގައި މިހާތަނަށް ވަދެފައިވަނީ އެންމެ އަށް ގޯލު ކަމަށްވާއިރު، ބާސެލޯނާގެ އެ ޑިފެންސިވް ގޭމަށް ވަރަށް ބޮޑަށް ރެއާލުން ސަމާލުވެ، ގޯލު ޖަހަން ހައްލުތަކެއް ހޯދަން ޖެހޭނެ ކަމަށް އަންޗެލޮޓީ ގަބޫލުކުރެ އެވެ.

ލީގުގެ އެއް ވަނައިގައި އޮތް ބާސެލޯނާ އިން މި ފަހަރުގެ ލީގުގައި ނުވަ މެޗުން 1-0 ގެ ނަތީޖާ އަކުން މޮޅުވެފައިވާއިރު، އެ ގޮތަށް އެއް ގޯލުން މެޗުތައް ކާމިޔާބުކުރާތީ، ނުސީދާ ގޮތަކަށް އެތުލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއޭގޯ ސިމިއޯނީ ވަނީ ފާޑުކިޔައިފަ އެވެ.

ސިމިއޯނީގެ އެ ވާހަކަ އަށް ރައްދު ދެމުން ޒަވީ ބުނީ ބާސެލޯނާ އިން އެންމެ ފުރަތަމަ ޗެމްޕިއަންސް ލީގު (ޔޫރަޕިއަން ކަޕް) ކާމިޔާބުކުރީ ވެސް 1-0 އިން ފައިނަލުގައި މޮޅުވެގެން ކަމަށާއި އެހެންވުމުން މީގެ ނަތީޖާ އަކުން ވާނެ ކަމެއް ނެތްކަން އެބައޮތް ކަމަށެވެ.

މިއީ ޒަވީ ބާސެލޯނާގެ ކޯޗަކަށް ހަވާލުވި ފަހުން އެ ޓީމުގެ ދަނޑުގައި ކުޅޭނެ ފުރަތަމަ ކްލަސިކޯ އެވެ. ޒަވީ ބުނީ އަމިއްލަ ސަޕޯޓަރުން ކުރިމަތީގައި ކްލަސިކޯ މެޗަކަށް ނުކުންނަން ކެތްމަދުވެފައިވާ ކަމަށެވެ. އަދި އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ނުކުންނަ މި ފަދަ ހާއްސަ މެޗަކުން މޮޅެއް ހޯދަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ޒަވީ ވަނީ ބުނެފަ އެވެ.

ބާސެލޯނާ ދަނޑުގައި ރެއާލާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 1 ޖަހާއިރު އެވެ.