Advertisement

ކޯޓުން ގަވީގެ ކޮންޓްރެކްޓް ކެންސަލް: ބާސެލޯނާ އަދި ހިމޭނުން!

19 މާރިޗު 2023 - 10:42 0


ކޯޓުން ގަވީގެ ކޮންޓްރެކްޓް ކެންސަލް: ބާސެލޯނާ އަދި ހިމޭނުން!

19 މާރިޗު 2023 - 10:42 0

ޕަބްލޯ ގަވީރިއާ (ގަވީ)ގެ އާ ކޮންޓްރެކްޓްގައި އޭނާގެ ރިލީސް ކްލޯސް (ކޮންޓްރެކްޓް އުވާލަން ދައްކަން ޖެހޭ ފީ)ގެ ގޮތުގައި އެއް ބިލިއަން ޑޮލަރު ހަމަޖައްސައި، ބާސެލޯނާ އިން މިދިޔަ ސެޕްޓެމްބަރު މަހު އާ ކުރި ކޮންްޓްރެކްޓް ކެންސަލް ކުރަން ފާއިތުވި ހަފްތާގައި ސްޕެއިނުގެ ކޯޓަކުން ވަނީ ނިންމައިފަ އެވެ.

މި މައްސަލައިގައި ބާސެލޯނާ އިން ގާނޫނީ ހައްލުތަކެއް ހޯދަން މަަސައްކަތް ކުރަމުން އަންނައިރު، އަދި މީޑިއާގައި ކްލަބްގެ މަސައްކަތްތަކުގެ ހިލަމެއް ނެތެވެ.

ގަވީ، 18، ގެ ކޮންޓްރެކްޓް، 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ބާސެލޯނާ އިން އާ ކުރިއިރު، ލީގުގެ އެޑްމިނިސްޓްރޭޝަނުގެ ތެރެއިން ލިޔެކިޔުން ފުރިހަމަކޮށް، ރަޖިސްޓްރީކުރަން އޮތް މުއްދަތު ފަހަނައަޅައި ދިޔައިރު ވެސް ބާސެލޯނާ އަށް އެކަމެއް ނުވި އެވެ.

އެންމެ ފަހުން، ސްޕެއިނުގެ ޕްރޮސެކިއުޓަރަކު، ކޯޓަށް ހުށަހެޅި މައްސަލައެއްގައި ކޯޓުން ނިންމީ، ގަވީގެ ކޮންޓްރެކްޓް ރަޖިސްޓްރީ ކުރަން ޖެހޭ މުއްދަތުގައި އެކަން ކުރެވިފައިނުވާތީ، މިހާރު އެއީ ސައްހަ އެއްބަސްވުމެއް ނޫން ކަމަށެވެ.

ޔޫރޮޕާ ލީގުގެ ނޮކައުޓް ޕްލޭއޮފް މެޗުގައި މެންޗެސްޓާ ޔުނައިޓެޑްގެ ކަސެމީރޯ (ވ) ކައިރިން ބާސެލޯނާގެ ގަވީ ބޯޅަ ހިފައިގެންދަނީ.


މިއާ އެކު، ގަވީ އަށް މި ސީޒަން ނިމުމުން "ހިލޭ ޓްރާންސްފާއެއް"ގައި ބޭނުން ޓީމަކަށް ބަދަލުވުމުގެ ފުރުސަތު އެބައޮތެވެ. އިނގިރޭސި ޕްރިމިއާ ލީގާއި އިޓަލީގެ ކްލަބްތަކުން ގަވީގެ ސޮއި ހޯދަން ބޭނުމެވެ.

ބާސެލޯނާ އިން ގަވީގެ ކޮންޓްރެކްޓް ރަޖިސްޓްރީ ކުރަން ބަލާއިރު، ގޮންޖެހުންތަކެއް ވެސް އެބަހުއްޓެވެ. އެ ގޮތުން، އާ ކޮންޓްރެކްޓްގެ ދަށުން ގަވީ އަށް އަހަރަކު ނުވަ ވަރަކަށް މިލިއަން ޑޮލަރު ދޭން އޮތީ ހިމަނައިފަ އެވެ.

އެކަމަކު، ބާސެލޯނާ އިން އަންނަ ސީޒަނުގެ ކުރިން ކްލަބުން މުސާރަ އަށް ކުރާ ހޭދަ ބޮޑުތަނުން ކުޑަކުރަން ޖެހޭއިރު، އެ ގަވާއިދަށް ފައްތައިގެން ކުރިއަށްދާނަމަ ގަވީ އަށް އެ މުސާރަ ދެވޭކަށް ނެތެވެ. މިހާރު އޮތްގޮތުން އަންނަ ސީޒަން ފެއްޓުމުގެ ކުރިން، ބާސެލޯނާ އިން ކްލަބުން މުސާރަ އަށް ކުރާ ހޭދައިގެ ތެރެއިންނާއި އިމޭޖް ރައިޓްސް ކުންފުނިތައް މެދުވެރިކޮށް ދައްކަން ޖެހޭ ޓެކުހާއި އެހެނިހެން ހަރަދުތަކުން 200 މިލިއަން ޑޮލަރު ސަލާމަތްުކުރަން ޖެހޭނެ އެެވެ.

ސްޕެއިނުގެ އޮފިޝަލަކު، މީޑިއާ އަށް ދިން މައުލޫމާތަށް ބަލާއިރު، ބާސެލޯނާ އަނެއްކާ ވެސް މާލީ އަޑިގަނޑަކަށް ވެއްޓުނީ މި ސީޒަނަށް އެ ޓީމުން ކަނޑައެޅި ޓާގެޓްތަކުގެ ތެރެއިން ޔޫރަޕްގައި އެކަށޭނެ ހިސާބަކަށް ނުދެވުމެވެ. އެ ގޮތުން، ބާސެލޯނާ ވަނީ ޖެހިޖެހިގެން ދެ ވަނަ އަހަރަކު ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ކަޓައިފަ އެވެ. އަދި ޔޫރޮޕާ ލީގުގެ ގަދަ 16 ބުރަށް ވެސް ނުގޮސް ބާސެލޯނާ ކެޓުމާ އެކު، އެ ޓީމަށް މާލީ ގޮތުން ވެސް އުނދަގޫ ހާލަތެއް ކުރިމަތިވީ އެވެ.