Advertisement

ޗެލްސީ އާއި ޓޮޓެންހަމް ވެސް ފުއްދާލަން ޖެހުނީ ޕޮއިންޓަކުން

19 މާރިޗު 2023 - 01:17 0

ޗެލްސީ އާއި އެވަޓަން ބައްދަލުކުރި މެޗުގެ ތެރެއިން: ޗެލްސީގެ ހަވާޓްޒް (ކ) އާއި އެވަޓަންގެ ކީޕަރު ޕިކްފޯޑް.


ޗެލްސީ އާއި ޓޮޓެންހަމް ވެސް ފުއްދާލަން ޖެހުނީ ޕޮއިންޓަކުން

19 މާރިޗު 2023 - 01:17 0

ލަންޑަން (މާޗް 19) - އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު މެޗުތަކުން ޓޮޓެންހަމް ހޮޓްސްޕާސް އާއި ޗެލްސީ ވެސް ފަހު ވަގުތު އެއްވަރުވެ، ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެ އެވެ.

ރަށުންބޭރުގައި ކުޅުނު ޓޮޓެންހަމް ވަނީ 3-3 އިން ސައުތެމްޓަންއާ އެއްވަރުވެފަ އެވެ. އަދި އަމިއްލަ ދަނޑުގައި ކުޅުނު ޗެލްސީ ވަނީ އެވަޓަންއާ 2-2 އިން އެއްވަރުވެފަ އެވެ. މި ނަތީޖާއާ އެކު މި ދެ ޓީމަށް ވެސް ގަދަ ހަތަރެއްގެ ރޭހުގައި އުނދަގޫ ހާލަތެއް ވަނީ ކުރިމަތިވެފަ އެވެ.

ޓޮޓެންހަމް މި ވަގުތު ލީގުގެ ހަތަރެއްގައި އޮތީ 28 މެޗުން 49 ޕޮއިންޓާ އެކު އެވެ. ފަސް ވަނައިގައި އޮތް ނިއުކާސަލް ޔުނައިޓެޑަށް ދެ މެޗު މަދުން ކުޅެގެން ވެސް ވަނީ 26 މެޗުން 47 ޕޮއިންޓް ލިބިފަ އެވެ. ހަ ވަނައިގައި ލިވަޕޫލް އޮތީ 26 މެޗުން 42 ޕޮއިންޓާ އެކު އެވެ. ޗެލްސީ، ލީގުގެ 10 ވަނައިގައި އޮތީ 27 މެޗުން 38 ޕޮއިންޓާ އެކު އެވެ.

ސައުތެމްޓަން ދަނޑުގައި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޓޮޓެންހަމަށް ލީޑުނަަގައިދިނީ ޖެނުއަރީ ޓްރާންސްފާގައި އެ ޓީމާ ގުޅުނު ޕެޑްރޯ ޕޯރޯ އެވެ. ދެ ވަނަ ހާފް ފެށިގެން މާ ގިނައިރެއްނުވެ، ޗޭ އެޑަމްސް ސައުތެމްޓަނަށް އެއްވަރުކޮށްދިނެވެ. ހެރީ ކޭން ބޮލުން ޖެހި ގޯލާއި އިވާން ޕެރިސިޗް ކާމިޔާބުކުރި ގޯލުން ޓޮޓެންހަމް އިން ދެ ގޯލުގެ ލީޑެއްނެގި އެވެ. އެކަމަކު، ސައުތެމްޓަން އިން ހިތްވަރު އެލުވާނުލައި ކުޅެ ނަތީޖާ ހަމަހަަމަކުރި އެވެ.

ސައުތެމްޓަންގެ ލަވިއާ (ކ) ކައިރިން ޓޮޓެންހަމްގެ ކޭން ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ.


ޓޮޓެންހަމް އިން ލީޑުފުޅާކުރިތާ ތިން މިނިޓް ފަހުން، 77 ވަނަ މިނިޓްގައި ތިއޯ ވޮލްކޮޓް ވަނީ ސޭކޫ މާރާ ދިން ބޯޅަ ގޯލަށް ވައްދާލައިފަ އެވެ. އިތުރު ވަގުުތުގައި ސައުތެމްޓަން އިން އެއްވަރުކުރީ ޕެނަލްޓީ އަކުން ޖޭމްސް ވޯޑް ޕްރައުސް ޖެހި ގޯލުންނެވެ. މި ޕެނަލްޓީ އަކީ ޓޮޓެންހަމްގެ ޕާޕޭ ސާ އޭރިއާތެރެއިން ސައުތެމްޓަންގެ އައިންސްލީ މައިޓްލަންޑް ނައިލްސް އަށް ދިން ފައުލެކެވެ.

ޗެލްސީން މިރޭ އަމިއްލަ ދަނޑުގައި ލީޑުނެގީ 52 ވަނަ މިނިޓްގައި އޭރިއާ ރޮނގުކައިރިން ޖެހި ޝޮޓަކުން ޔާއޯ ފެލިކްސް ކާމިޔާބުކުރި ގޯލުންނެވެ. މެޗުގެ 69 ވަނަ މިނިޓްގައި އަބްދުﷲ ޑޮކޫރޭ އެވަޓަން އަށް އެއްވަރުކޮށްދިނެވެ. ކޯނަރަކުން ހުރަސްވި ބޯޅައެއްގައި އެވަޓަން އިން ތަނަަވަސްކުރި ފުރުސަތަކުން ޑޮކޫރޭ ބޮލުން ޖައްސާލި ބޯޅަ ޗެލްސީގެ ކައި ހަވާޓްޒް ބޯޅަ ސަލާމަތްކުރަން އުޅުނުއިރު، އެ ބޯޅަ ވަނީ ގޯލު ރޮނގު ހުރަސްކޮށްފަ އެވެ. މި ގޯލު ބަލައިގަންނަން ނިންމީ ގޯލް ލައިން ޓެކްނޮލޮޖީގެ އެހީގަ އެވެ.

މެޗުގައި ޗެލްސީން ދެ ވަނަ ފަހަރަށް ލީޑުނެގީ 76 ވަނަ މިނިޓްގައި ކައި ހަވާޓްޒް ޖެހި ޕެނަލްޓީންނެވެ. މިއީ އޭރިއާތެރެއިން އެވަޓަންގެ ޖޭމްސް ޓާކޯސްކީ ޗެލްސީގެ ރީސް ޖޭމްސް އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. އެވަޓަން އަށް އެއްވަރުކޮށްދިނީ މެޗުގެ ފަހު މިނިޓްގައި އެލީސް ސިމްސް އެވެ. ބަދަލަކަށް ކުޅެން އެރި ސިމްސް ވަނީ ޗެލްސީގެ ކަލީދޫ ކުލިބާލީ ކައިރިން ނައްޓާފައި ކީޕަރު ކެޕާ އަރިއްޒަަބަލާގާ އަތުގައި ޖައްސާފައި ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.

ލީގުގައި މިރޭ ކުުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، އެސްޓަން ވިލާ އިން ވަނީ 3-0 އިން ބޯންމައުތު ބަލިކޮށްފަ އެވެ. ބްރެންޓްފޯޑާއި ލެސްޓާ ސިޓީ 1-1 އިން އެއްވަރުވިއިރު، ލީޑްސް ޔުނައިޓެޑުން ވަނީ 4-2 އިން ވުލްވްސް ބަލިކޮށްފަ އެވެ.