Advertisement

އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕް: އަހްނާ އާއި ފަޒީލް ހުއްޓުމެއް ނެތި ކުރިއަށް

19 މާރިޗު 2023 - 00:47 0

އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި އަހްނާ (ކ) އާއި ފަޒީލް ދުވަނީ.--- ފޮޓޯ: އަބްދުﷲ އިޔާން


އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕް: އަހްނާ އާއި ފަޒީލް ހުއްޓުމެއް ނެތި ކުރިއަށް

19 މާރިޗު 2023 - 00:47 0

މިހާރު ކުރިއަށްދާ އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ވާދަކުރި ދެ އިވެންޓުން ވެސް ރަން މެޑަލް ހާސިލްކޮށް، އަހްނާ ނިޒާރު އާއި ހުސެއިން ފަޒީލް ހާރޫން (ފްލޭޝް) އެންމެ މޮޅު އެތުލީޓުގެ މަގާމު ހޯދުމުގެ ފުރުސަތު ބޮޑުކޮށްފި އެވެ.

މިދިޔަ އަހަރު ގައުމީ ގްރޯން ޕްރީގެ އެއް ވަނަ އެތުލީޓުގެ މަގާމު ހޯދި، ދިވެހި ސިފައިންގެ ކްލަބްގެ ފަޒީލް ވަނީ މި ފަހަރުގެ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ވާދަކުރި ދެ އިވެންޓް ކަމަށްވާ 5000 މީޓަރު ދުވުމާއި 1500 މީޓަރު ދުވުމުންނެވެ. އެ ގޮތުން، 5000 މީޓަރު ދުވުމުން ފަޒީލް އެއް ވަނަ ހޯދީ 16.01.27 މިނިޓުން ރޭސް ނިންމައި، މީޓް ރެކޯޑަކާ އެކު އެވެ. އޭނާއާ ވާދަކުރި އައިލެންޑް ރަނާސްގެ ޔޫސުފް އިބްރާހިމް އިވެންޓް ނިންމީ 16:14.22 މިނިޓުންނެވެ. އަދި ތިން ވަނަ ހޯދި ސިފައިންގެ މުހައްމަދު ރަޝީދު (މޯޑު)ގެ ޓައިިމިން އަކީ 17:08.62 މިނިޓެވެ.

އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އިވެންޓެއް ނިންމުމަށް ފަހު ފަޒީލް އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން


ނަސީރު ސްޕޯޓްސް އެކެޑަމީން ދިން ފުރުސަތެއްގައި ސްރީ ލަންކާގައި ތަމްރީން ހަދަމުން އަންނަ ފަޒީލް މިއަދު ވަނީ 1500 މީޓަރު ރޭސް 4:11.93 މިނިޓުން ނިންމައި، އެއް ވަނަ ހޯދައިފަ އެވެ. މި އިވެންޓުން ދެ ވަނަ ހޯދި ޔޫސުފްގެ ޓައިމިން އަކީ 4:20.12 މިނިޓެވެ. އަދި ތިން ވަނަ އަށް ދިޔަ މޯޑުގެ ޓައިމިން އަކީ 4:28.22 މިނިޓެވެ.

މޮޅު އެތުލީޓުގެ މަގާމު ހޯދަން ފަޒީލަށް ދެން އޮތް ޗެލެންޖަކީ މާދަމާ އޮތް 800 މީޓަރު ރޭހެވެ.

މިދިޔަ އަހަރު މަކިޓާ ޖޫނިއާ މުބާރާތުގެ މޮޅު އަންހެން އެތުލީޓަކަށް ހޮވުނު އަހްނާ އަކީ މި ފަހުން އެންމެ ރަނގަޅު ކުރިއެރުމެއް ހޯދަމުން އަންނަ އެއް އަންހެން އެތުލީޓެވެ. އެ ގޮތުން އޭނާ ވަނީ މި ފަހަރުގެ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި އަންހެނުންގެ 100 މީޓަރު ދުވުމުންނާއި 200 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިފަ އެވެ. އަހްނާ އަށް ދެން އޮތް އިވެންޓަކީ ޓްރިޕްލް ޖަމްޕް އެވެ.

އިވެންޓް ފުރިހަމަ ކުރުމަށް ފަހު އަހްނާ ފޮޓޯ އަކަށް ހުއްޓިލައިގެން.--- ފޮޓޯ: އަބްދުﷲ އިޔާން


އަންހެނުންގެ 100 މީޓަރު ދުވުމުން އެއް ވަނަ ހޯދި ޝަރީފް ސްޕޯޓްސްގެ އަހްނާގެ ޓައިމިން އަކީ 12.72 ސިކުންތެވެ. ކްލަބް ރާވެރިޔާގެ ހައްވާ މުޒްނާ ފާއިޒު ދެ ވަނަ އަށް ދިޔައީ 12.90 ސިކުންތުން ރޭސް ނިންމައިގެންނެވެ. ތިން ވަނަ އަށް ދިޔަ ރައުހަތު ސްޕޯޓްސްގެ އައިމިނަތު ލަޔާނާ މުހައްމަދުގެ ޓައިމިން އަކީ 13.20 ސިކުންތެވެ.

އަހްނާ، 200 މީޓަރު ރޭސް ނިންމީ، 26.06 ސިކުންތުން ރޭސް ނިންމައިގެންނެވެ. ދެ ވަނަ ހޯދި މުޒްނާ 26.16 ސިކުންތުން ނިންމިއިރު، ތިން ވަނަ އަށް ދިޔަ ލަޔާނާގެ ޓައިމިން އަކީ 26.94 ސިކުންތެވެ.

އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ މިދިޔަ އަހަރުގެ އެންމެ މޮޅު އެތުލީޓުގެ މަގާމު ހޯދި ދެ ދުވުންތެރިން ކަމަށްވާ ހަސަން ސާއިދު އާއި އައިޝަތު ހިމްނާ ހަސަން އަށް މި ފަހަރުގެ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ނެތެެވެ. ހިމްނާ އަންނަނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ތަނަވަސްކޮށްދިން 2024 ޕެރިސް އޮލިމްޕިކްސް ސްކޮލަޝިޕްގައި ޖެމެއިކާގައި ޓްރެއިނިން ފުރިހަމަ ކުރަމުންނެވެ. އަދި ސާއިދު އަންނަނީ އިންޑިއާގެ ހައި ކޮމިޝަނުން ދިން ފުރުސަތެއްގައި ބެންގަލޫރުގައި ޓްރެއިނިން ހަދަމުން އަންނަ އެތުލެޓިކްސް ޓީމާ އެކު، އެ ގައުމުގައި ބާއްވާ މުބާރާތެއްގައި ވާދަކުރަން ތައްޔާރުވަމުންނެވެ.