18 މާރިޗު 2023 - 11:36 0
ލައިފްޓައިމް އެޗީވްމަންޓް ލިބިވަޑައިގެންނެވި މައްލާ ޅަތުއްތު އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޓްރޮފީ ހަވާލުކުރައްވަނީ.--- ފޮޓޯ: ރައީސް އޮފީސް
18 މާރިޗު 2023 - 11:36 0
ރާއްޖޭގެ ކުޅިވަރުގައި އުޅޭ އެކި ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ބާއްވާ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާގައި ފަސް ފަރާތަކަށް ލައިޕްޓައިމް އެޗީވްމަންޓް އެވޯޑް ދީފި އެވެ.
ކުޅިވަރު އެކުވެނި ދަނޑުގައި ރޭ ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްގެ ގާލާ ނައިޓްގައި ލައިފްޓައިމް އެޗީވްމަންޓް އެވޯޑްތައް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެވެ.
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ މި އަހަރު ލައިފް ޓައިމް އެޗީވްމަންޓް އެވޯޑު ލިބިވަޑައިގެންނެވީ، އަލްމަރްޙޫމް ސަމަރު ބުލޫ އިބްރާހީމް މަނިކު އާއި، އަލްމަރްޙޫމް އަޙްމަދު ރިޒާ (ތަރަބޫޒް ރިޒާ) އާއި، އަލްމަރްހޫމް އަޙްމަދު މަނިކު (ލޯޖެހި އަޙުމަދު މަނިކު) އާއި، އަލްފާޟިލް އަޙުމަދު ވަޙީދު (ކްއީން ވަޙީދު) އަދި، އަލްފާޟިލް މައްލާ ޅަތުއްތު އަށެވެ.
މީގެ އިތުރުން، މި ފަހަރުގެ އެވޯޑް ހަފްލާގައި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވި ނައިޖީރިއާގެ މިނިސްޓަ އޮފް ޔޫތު އެންޑް ސްޕޯޓްސް ސަންޑޭ އަކިން ޑާރޭ އަށް ވެސް ވަނީ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ދީފަ އެވެ. އަދި ރޭގެ އިވެންޓަށް ދައުވަތު ދީގެން ބައިވެރިވި، ދުނިޔޭގެ މަޝްހޫރު ކުޅިވަރު ސަހުސިއްޔަތުންނަށް ވަނީ އައިކަން އެވޯޑް ދީފަ އެވެ.
އައިކަން އެވޯޑް ލިބުނު ފަރާތްތަކުގެ ތެރޭގައި، އިޓަލީ އަށް 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ކެޕްޓަން ފަބިއޯ ކަނަަވާރޯ، އޮޮލިމްޕިކް އިން މެޑަލް ހޯދާފައިވާ ފެތުންތެރިޔާ، ޕަނީއަލް ބްލޫމް، ކޮމަންވެލްތު ގޭމްސް އާއި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރަން މެޑަލް ހޯދާފައިވާ ޖެވެލިން އުކުންތެރިޔާ، ޕާކިސްތާންގެ އަރުޝަދު ނަދީމް، ލިވަޕޫލާއި ވެސްޓް ހޭމް ޔުނައިޓެޑްގެ އިތުރުން މެންޗެސްޓާ ސިޓީ އަށް ވެސް ކުޅުނު އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު ޑޭވިޑް ޖޭމްސް، މަޝްހޫރު ކްލަބްތަކުން ފެނުނު ނައިޖީރިއާގެ ފޯވާޑް ންވަކްވޯ ކާނޫ އާއި ކްރިކެޓްގެ ތާރީހީ ރެކޯޑްތަކެއް ހޯލްޑް ކުރާ ބެޓްސްމަން، ބްރަޔާން ލާރާގެ އިތުރުން ސްޕެޝަލް އެތުލީޓް، މާލޫ ވެން ރައިން ހިމެނެ އެވެ.
މިއީ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާ ބޭއްވި ދެ ވަނަ ފަހަރެވެ. މިދިޔަ އަހަރު ދޭން ފެށި މި އެވޯޑް މި ފަހަރު ދީފައިމިވަނީ ގިނަ ކަންކަން ބަދަލުކުރުމަށް ފަހު ޔޫތު މިނިސްޓްރީން މައުލޫމާތު ދެ އެވެ. އަދި ކުރިއަށް އޮތްތަނުގައި މިއަށް އިތުރު ބަދަލު ގެންނާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
Comment