Advertisement

ޔުނައިޓެޑާއި ސެވިއްޔާ އަނެއްކާ ވެސް ޔޫރަޕްގައި ނޮކައުޓް މެޗަކަށް

18 މާރިޗު 2023 - 04:41 0

2020 ވަަނަ އަހަރުގެ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުގައި ޔުނައިޓެޑާއި ސެވިއްޔާ ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އޭއެފްޕީ


ޔުނައިޓެޑާއި ސެވިއްޔާ އަނެއްކާ ވެސް ޔޫރަޕްގައި ނޮކައުޓް މެޗަކަށް

18 މާރިޗު 2023 - 04:41 0

ޕެރިސް (މާޗް 18) - ޔުއެފާ ޔޫޜޮޕާ ލީގުގެ ކުއާޓާ ފައިނަލުގައި މެންޗެސްޓާ ޔުނައިޓެޑާއި ސެވިއްޔާ ލައްވާލައި، އަނެއްކާ ވެސް ޔޫރަޕްގެ މުބާރާތެއްގެ ނޮކައުޓް މެޗެއްގައި މި ދެ ޓީމު ބައްދަލުކުރަން ޖެހިއްޖެ އެެވެ.

ޔޫރަޕްގެ މުބާރާތެއްގެ ނޮކައުޓްގައި ޔުނައިޓެޑާ ދެކޮޅަށް މީގެ ކުރިން ކުޅުނު ދެ މެޗުން ވެސް ސެވިއްޔާ ކުރިހޯދި އެވެ. އެ ގޮތުން، 2018 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފަދަ 16 އިން ސެވިއްޔާ ވަނީ ޔުނައިޓެޑް ކަޓުވާލައިފަ އެވެ. އޭގެ ފަހުން، 2020 ވަނަ އަހަރުގެ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލް އެއް ލެގަށް ކުޅުނުއިރު، ސެވިއްޔާ އިން ވަނީ ފަހަތުން އަރައި، ޔުނައިޓެޑް ބަލިކޮށް، ފައިނަލަށް ގޮސް، ހަ ވަނަ ފަހަރަށް މި މުބާރާތުގެ ތަށި އުފުލާލައިފަ އެވެ.

ޔުނައިޓެޑުން މި ފަހަރުގެ ޔޫރޮޕާ ލީގުގެ ނޮކައުޓްގައި މީގެ ކުރިން ކުޅުނު ދެ މެޗުގައި ވެސް ވަނީ ސްޕެއިންގެ ޓީމުތައް ކަޓުވާލައިފަ އެވެ. އެ ގޮތުން، ނޮކައުޓް ޕްލޭއޮފް (32 ޓީމުގެ ބުރު) ގައި ބާސެލޯނާ ބަލިކުރިއިރު، އެންމެ ފަހުން ގަދަ 16 ބުރުގައި ވަނީ ރެއާލް ބެޓިސްގެ މައްޗަށް ދެ ލެގުގައި ވެސް ކާމިޔާބު ހޯދައިފަ އެވެ.

ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުގައި ދެން ކުޅޭ މެޗުތަކަށް ބަލާއިރު، ޔުވެންޓަސް އިން ކުޅޭނީ އާސެނަލް ކަޓުވާލުމަށް ފަހު، ކުއާޓާ އިން ފުރުސަތު ހޯދި ސްޕޯޓިން ލިޒްބަންއާ އެވެ. ރޯމާ އިން ފެޔަނޫޑާ ކުޅޭއިރު، މިދިޔަ ސީޒަނުގައި މި ދެ ޓީމު ޔުއެފާ ކޮންފަރެންސް ލީގު ފައިނަލުގައި ކުޅެ، ރޯމާ ތަށި ހޯދި އެވެ. ކުއާޓާގެ ފަހު މެޗުގައި ބަޔާ ލެވަކޫސަން ކުޅޭނީ ބެލްޖިއަމްގެ ސެއިންޓް - ގިލޮއިސްއާ އެވެ.

ޔުނައިޓެޑުން މި ފަހަރުގެ ޔޫރޮޕާ ލިގުގައި ކުރިއަށްދާނަމަ ސެމީގައި ޔުވެންޓަސްއާ ކުޅުމަށް ފަހު، ފައިނަލުގައި ރޯމާއާ ވެސް ބައްދަލުކުރަން ޖެހިދާނެ އެވެ. ޔުނައިޓެޑުން 2017 ވަނަ އަހަރު ޔޫރޮޕާ ލީގު ކާމިޔާބުކުރިއިރު، އޭރު ޓީމަށް މޮޅު ކުުޅުމެއް ދެއްކި ޕައުލް ޕޮގްބާ މި ވަގުތު ޔުވެންޓަސްގައި ހުރިއިރު، އެ ފަހަރު ޔުނައިޓެޑަށް ތަށި ހޯދައިދިން ކޯޗު ހޯސޭ މޮރީނިއޯ ހުރީ ރޯމާއާ ހަވާލުވެ އެވެ.

މި ސީޒަނުގައި ޔުނައިޓެޑުން ވަނީ އިނގިރޭސި ލީގު ކަޕް ކާމިޔާބުކޮށްފަ އެވެ، މިއީ ހަ އަހަރު ތެރޭ ޔުނައިޓެޑުން ހޯދި ފުރަތަމަ ތަށްޓެވެ. ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ބުނީ އިތުރު ކާމިޔާބީ ހޯދަން ބޭނުންވާ ކަމަށާއި އެފްއޭ ކަޕާއި ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުގައި އޮތުމަކީ އެ ދެ މުބާރާތް ކާމިޔާބު ކުރަން ހިތްވަރުލާން ޖެހޭ ސަބަބެއް ކަމަށެވެ.

އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި އާދިއްތަ ދުވަހު ޔުނައިޓެޑުން ކުޅޭނީ އަމިއްލަ ދަނޑުގައި ފުލަމްއާ އެވެ.