Advertisement

އަލް ނަސްރަށް ކުޅުނަސް ރޮނާލްޑޯ ޕޯޗުގަލް ޓީމަށް ނަގައިފި

18 މާރިޗު 2023 - 04:20 0


އަލް ނަސްރަށް ކުޅުނަސް ރޮނާލްޑޯ ޕޯޗުގަލް ޓީމަށް ނަގައިފި

18 މާރިޗު 2023 - 04:20 0

ލިޒްބަން (މާޗް 18) - ސައުދީ އަރަބިއްޔާގެ އަލް ނަސްރަށް ކުޅުނު ކަމުގައި ވިޔަސް ތަޖުރިބާކާރު ފޯވާޑް، ކްރިސްޓިއާނޯ ރޮނާލްޑޯ، މި މަހު ކުޅޭ ޔޫރޯ ކޮލިފައިން މެޗަށް ނެގި ޕޯޗުގަލް ސްކޮޑުގައި ހިމަނައިފި އެވެ.

މިއީ، ޕޯޗުގަލްގެ ކޯޗުކަމާ ދާދި ފަހުން ހަވާލުވި ސްޕެއިނުގެ، ރޮބާޓޯ މާޓީނޭޒް ނެގި ޕޯޗުގަލްގެ ފުރަތަމަ ސްކޮޑެވެ. ސްކޮޑުން 38 އަހަރުގެ ރޮނާލްޑޯ އަށް ފުރުސަތު ދިންއިރު، އެންމެ ފަހުން، ފީފާ ވޯލްޑް ކަޕްގައި ޕޯޗުގަލް ކުޅުނު މެޗުގައި ރޮނާލްޑޯ ބެންޗުގައި އިންނަން ޖެހުމުން އެކަމާ ގިނަ ވާހަކަތަކެއް ދެކެވުނެވެ.

"ރޮނާލްޑޯ މި ޓީމަށް ވަރަށް މުހިންމު، އަހަރެން މި ބަލަނީ ކުޅުންތެރިންގެ އުމުރަކަށް ނޫން، ބޭނުންހިފޭނެ، ޓީމަށް މުހިންމުވާނެ ކުޅުންތެރިންނަށް،" މާޓީނޭޒް ބުންޏެވެ.

ނިމިދިޔަ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން މޮރޮކޯ އަތުން ޕޯޗުގަލް ކެޓި މެޗަށް ފަހު ރޮނާލްޑޯ ދަނޑުން ފައިބައިގެން ދިޔަ ގޮތުން ގިނަ ބަޔެއްގެ ފާޑުކިޔުން އޭނާ އަށް އަމާޒުވި އެވެ. އަދި ރޮނާލްޑޯ ދެން ޕޯޗުގަލް ޓީމުން ނުފެނިދާނެ ކަމަށް ވެސް އަޑުފެތުރުނެވެ. އެކަމަކު، އެ ހުރިހާ ވާހަކަ އަކަށް ނިމުން މި އައީ ރޮނާލްޑޯ އަށް މި ފަހަރު ޕޯޗުގަލް ސްކޮޑުން މާޓީނޭޒް ފުރުސަތު ދިނުމުންނެވެ.

ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިނުމުގެ ދުނިޔޭގެ ރެކޯޑް އޮތް ރޮނާލްޑޯ ވަނީ ޕޯޗުގަލް އަށް ކުޅެދިން 196 މެޗުން 118 ގޯލު ޖަހައިފަ އެވެ. ނޮވެމްބަރު މަހު މެންޗެސްޓާ ޔުނައިޓެޑާ އެކު ހަދާފައި އޮތް ކޮންޓްރެކްޓް ކެންސަލްކުރުމަށް ފަހު، ސައުދީ އަރަބިއްޔާގެ ޕްރޯ ލީގުގެ އަލް ނަސްރަށް ބަދަލުވި ރޮނާލްޑޯ ވަނީ އެ ޓީމަށް ކުޅެދިން ނުވަ މެޗުން އަށް ގޯލު ޖަހައިފަ އެވެ.

ޕޯޗުގަލް ޓީމާ އެކު ރޮނާލްޑޯ، މި މަހު 23 ވަނަ ދުވަހު ލިޗެސްޓައިނާ ކުޅުމަށް ފަހު ތިން ދުވަސް ފަހުން ނުކުންނާނީ ލަގްޒެމްބާގާ ދެކޮޅަށެވެ.