Advertisement

ރޮނާލްޑޯ އަށް 10 މިލިއަން ޑޮލަރު ދޭން ޔުވެންޓަސް އަށް އަންގައިފި

18 އޭޕްރީލް 2024 - 10:38 0


ރޮނާލްޑޯ އަށް 10 މިލިއަން ޑޮލަރު ދޭން ޔުވެންޓަސް އަށް އަންގައިފި

18 އޭޕްރީލް 2024 - 10:38 0

ރޯމް، އިޓަލީ (އޭޕްރީލް 18) - ޔުވެންޓަސް އަށް ކުރިން ކުޅުނު ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް އެ ކްލަބުން މުސާރައިގެ ގޮތުގައި ދޭންޖެހޭ 8.3 މިލިއަން ޕައުންޑް (10 މިލިއަން ޑޮލަރު) ދެއްކުމަށް ޔުވެންޓަސް އަށް ކޯޓުން އަންގައިފި އެވެ.

ކޮވިޑް 19އާ ގުޅިގެން އިޓަލީގެ ފުޓްބޯޅަ ސީޒަނަށް 2020/2021 ވަނަ އަހަރުގެ ސީޒަންގައި ބުރޫ އެރުމާއެކު، އޭރު ޔުވެންޓަސްގައި ހުރި ރޮނާލްޑޯ ،39، ވަނީ މުސާރައިގެ ބައެއް އުނިކޮށް، ފަހުން އެ ބައި ކްލަބުން ދޭ ގޮތަށް ހަމަޖައްސައިފައެވެ. އެކަމަކު މިހާތަނަށް އެ ފައިސާ ޔުވެންޓަސް އިން ރޮނާލްޑޯ އަށް ނުދެއެވެ.

ރޮނާލްޑޯގެ ފަރާތުން ކުރިން ބުނެފައިވަނީ ޔުވެންޓަސް އިން އޭނާ އަށް 17 މިލިއަން ޔޫރޯއަށްވުރެ ބޮޑު އަދަދެއް މުސާރައިގެ ގޮތުގައި ދޭންޖެހޭ ކަމަށެވެ.

އެކަމަކު އިޓަލީގެ އާބިޓްރޭޝަން ކޯޓުން ނިންމީ ރޮނާލްޑޯ އަށް މުސާރައިގެ ގޮތުގައި ދޭންޖެހޭނީ ޓެކްސް އާއި އެހެނިހެން ކަންތައްތައް ކެނޑުމަށްފަހު، ބާކީވާ އަދަދު ކަމަށެވެ. އެހެންކަމުން ޔުވެންޓަސް އިން ރޮނާލްޑޯ އާށް ދޭންޖެހެނީ 8،3 މިލިއަން ޔޫރޯއެވެ.

ރޮނާލްޑޯ ޔުވެންޓަސް އަށް ކުޅުނީ 2018 އިން 2021 ވަނަ އަހަރަާ ހަމައަށެވެ. މި މުއްދަތުގައި ރޮނާލްޑޯ ވަނީ އެ ކްލަބާއެކު ދެ ފަހަރު އިޓާލިއަން ސީރިއާގެ ޗެމްޕިއަންކަން ހޯދައިފައެވެ.

ޔުވެންޓަސް ދޫކޮށް ރޮނާލްޑޯ ބަދަލުވީ އޭނާގެ ކުރީގެ ކްލަބް މެންޗެސްޓާ ޔުނައިޓަޑަށެވެ. އަދި މިހާރު ކުޅެމުންދަނީ ސައުދީ އަރަބިއްޔާގެ އަލް ނަސްރަށެވެ.