17 މާރިޗު 2023 - 22:25 0
ނިމާ ހަސަން
އޭޑީކޭ ހޮސްޕިޓަލުގެ ހައިޕަބެރިކް ޓްރީޓްމަންޓް ޔުނިޓު; އެ ހޮސްޕިޓަލުން ވަނީ ޑައިވް އިމަޖެންސީ ހޮޓްލައިނެއް ވެސް ގާއިމްކޮށްފައި -- ފޮޓޯ: އަދަދު
17 މާރިޗު 2023 - 22:25 0
އޭޑީކޭ ހޮސްޕިޓަލުން ޑައިވް އިމަޖެންސީ ހޮޓްލައިނެއް ތައާރަފު ކޮށްފި އެވެ.
އޭޑީކޭ ހޮސްޕިޓަލުން މި ހޮޓްލައިން ތައާރަފު ކުރީ މިހާރު ކުރިއަށްދާ މޯލްޑިވްސް މެރިން އެކްސްޕޯގެ ތެރެއިންނެވެ. އެ ހޮޓްލައިނަކީ 1446 އެވެ. ޑައިވް އެމަޖެންސީތަކަށް ހާއްސަކޮށްގެން ފުރަތަމަ ފަހަރަށް ހޮޓްލައިނެއް ގާއިމްކޮށްފައިވާއިރު, އޭޑީކޭގައި ވަނީ ދާދި ފަހުން ހައިޕަބެރިކް ޓްރީޓްމަންޓު ޔުނިޓެއްގެ ހިދުމަތް ދޭން ފަށާފަ އެވެ.
އެ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަފްއާލް މިއަދު 'އަދަދު' އަށް ވިދާޅުވީ, ޑައިވިން އިމަޖެންސީތަކަށް ހޮޓްލައިނެއް ގާއިމު ކުރުމަކީ ޑައިވިން ސްކޫލުތަކާއި ޑައިވަރުންނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
"މެޑިކަލް އެކްސެސް ކޮންމެ ހިސާބެއްގައި އެކްސިޑެންޓެއް ވިޔަސް ލިބޭނެ ކަމާއި, އަދި އެ ހިސާބުން ފެށިގެން މީހަކު ޗެމްބަރާ ހަމައަށް ގެންނަން ވާއިރަށް އަމަލު ކުރަންޖެހޭނެ ގޮތްތަކާއި އެމީހަކު އުފުލުމުގައި ގެންގުޅެންޖެހޭނެ އުސޫލުތަކާއި މިހެންގޮސް މިކަހަލަ ހުރިހާ ކަމެއްގައި ވެސް ވަރަށް ބޮޑު ފަސޭހަތަކެއް ވެގެންދާނެ،" މިއީ މިހާތަނަށް އައިއިރު ވަރަށް ދަތިކޮށް އޮންނަ ކަމެއްކަން ފަހަގަކުރައްވަމުން އަފްއާލް ވިދާޅުވި އެވެ.
އަފްއާލް ވިދާޅުވީ, ހޮސްޕިޓަލެއްގެ ތެރޭގައި ހައިޕާބެރިކް ފަރުވާ ދޭން ފެށުމުން, އެއާއެކު ދޭން ޖެހޭ އެހެނިހެން ސިއްހީ ފަރުވާތައް ދިނުމުގައި ވެސް ފަސޭހަތަކެއް ވެގެންދާނެ ކަމަށެވެ.
އޭޑީކޭގެ ހައިޕަބެރިކް ޔުނިޓުގައި އެކަމަށް ހާއްސަ ތިން ޑޮކްޓަރުންނާއި, ހައިޕަބެރިކް ޓެކްނީޝަނަކު ދަނީ މަސައްކަތް ކުރަމުންނެވެ. އަދި, އެތަނުގައި ހައިޕްބެރިކް ހިދުމަތް ދެމުންދާނީ ޑީކޮމްޕުރެޝަން ޗެމްބަރުގެ ދެ ސިސްޓަމް ބޭނުން ކޮށްގެންނެވެ.
އަފްއާލް އިތުރަށް ވިދާޅުވީ ޑައިވް ކުރާ މީހުންގެ ތެރެއިން ޑޭން ފަދަ ތަންތަނުން އިންޝުއަރެންސް ނަގާފައިވާ މީހުންނަށް އިންޝުއަރެންސް ކަވަރު ކުރާނެ ކަމަށެވެ. ނަމަވެސް ހައިޕަބެރިކް ޔުނިޓުން ހިދުމަތް ދޭން ޖެހެނީ ހަމައެކަނި އިންޝުއަރެންސް ތިބި މީހުންނަށް ނޫން ކަމަށްވާތީ, އެންސްޕާ ފަދަ ތަންތަނުން ވެސް އެ ޔުނިޓުގެ ހިދުމަތްތައް ހޯދުމުގައި އެހީތެރިވެދޭ ކަމަށެވެ.
އޭނާ ވަނީ, ޑައިވިން ފަދަ ކަންކަން ކުރާ ފަރާތްތަކުން, ދިމާވެދާނެ ހާލަތަކަށް ވިސްނާ, ކުރިއާރާ އިންޝުއަރެންސް ނެގުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ޑައިވް ކުރާއިރު ހިފަހައްޓަންޖެހޭ ސަލާމަތީ މިންގަނޑުތައް ހިފަހައްޓާ, ރައްކާތެރިކަމާއެކު ވެސް އޭނާ ވަނީ އިލްތިމާސްކޮށްފަ އެވެ.
Comment