Advertisement

ނަހުލާގެ ތައުރީފު ރައީސް ސޯލިހަށް

15 މާރިޗު 2023 - 23:39 0

ފަރެސް މާތޮޑާ އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ޓްރާންސްޕޯޓު މިނިސްޓަރު ނަހުލާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް


ނަހުލާގެ ތައުރީފު ރައީސް ސޯލިހަށް

15 މާރިޗު 2023 - 23:39 0

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އައިޝަތު ނަހުލާ ރޭ އިންނެވީ އެ ޕާޓީގެ ކައުންސިލްގަ އެވެ. ވޯޓު ދެއްވީ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވާދަކުރެއްވުމަށް އެ ޕާޓީގެ ކެންޑިޑޭޓަކު ނެރުއްވަށެވެ. ނަމަވެސް، މިރޭ ފަރެސްމާތޮޑާ އެއާޕޯޓު ހުޅުވުމުގެ ކުލަގަދަ ރަސްމިއްޔާތުގައި ޓްރާންސްޕޯޓު މިނިސްޓަރުގެ ހައިސިއްޔަތުން ރައީސް ސޯލިހަށް ތައުރީފު ބަންޑުން ކޮށްލި އެވެ.

ރައީސް ސޯލިހުގެ ސިޔާސަތަށް ތައުރީފު ކުރައްވަމުން ނަހުލާ ވިދާޅުވީ އުތުރާއި ދެކުނު ހިމެނޭ ގޮތުން މުޅި ރާއްޖެ ތަރައްގީ ކުރުމުގެ ތަސައްވުރެއް ގެންގުޅުއްވައި، ޒަމާނުންސުރެ ރާއްޖޭގައި ދަތުރުފަތުރު ކުރުމުގައި ދިވެހި ރައްޔިތުން އުފުލަމުން ދިޔަ ތަކުލީފު މިއަދު މިވަނީ މާޒީ އާއި އެކުވެ ގޮސް އެންމެނަށް ދަތުރުފަތުރުގެ ލުއި ފަސޭހަކަން ލިބިފަ ކަމަށެވެ.

"ދަތުރުފަތުރުގެ ނިޒާމަށް ވަނީ އިންގިލާބީ ބޮޑު ބަދަލެއް އައިސްފަ. އަތޮޅުތަކުގެ ރަށްރަށުން ފަސޭހަ ކަމާއި އެކު ދަތުރުފަތުރު ކުރެވޭނެ ނިޒާމެއް މިވަނީ ގާއިމް ކުރެވިފަ. ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމް ހަރުދަނާކޮށް އާ އުސްމިންތަކަކަށް ގެންދެވުމަށް ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހަންމަދު ސޯލިހު ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްޕުޅުން ރާއްޖޭގެ އުތުރާއި ދެކުނުގެ ސަރަހައްދީ ވައިގެ ބަނދަރުތަކުން ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތުތައް ލިބިއްޖެ،" ނަހުލާ ވިދާޅުވި އެވެ.

"ޒުވާނުން ބާރުވެރި ކުރެވިއްޖެ. ރައްޔިތުންނަށް ފޯރުންތެރި އަދި ފަހި ދިރިއުޅުމެއް ގާއިމް ކުރެވިއްޖެ. އަމިއްލަ ރަށުގައި ތިބެގެން ފައިދާ ހޯދޭނެ މަގު ތަނަވަސްވެ ގައުމުގެ އިގްތިސާދީ ދުވެލި ހަލުވިކަމާއިއެކު ކުރިޔަށްގޮސް ތަރައްގީގައި އުތުރާއި ދެކުނުގެ ރައްޔިތުންނަށް އެއްހަމައެއްގައި މަންފާ އާއި ނަފާ ލިބޭނެގޮތަށް އަތޮޅުތައް ބައްޓަން ކުރެވިއްޖެ.

އާރުޓީއެލްގެ ހިދުމަތް ހަރުދަނާކަން ފާހަގަ ކުރެއްވުމުގެ ގޮތުން ނަހުލާ ވިދާޅުވީ ދަތުރުފަތުރުގެ ނިޒާމްގެ ދަށުން ހެޔޮ އަގުގައި ފަސޭހަކަމާއެކު ހަލުއި ސްޕީޑްގައި އެއްރަށުން އަނެއް ރަށަށް ހިދުމަތްތައް ހޯދުމަށާއި ވަޒީފާގެ ބޭނުންތަކަށް ދެވޭނެގޮތް ހަމަޖައްސައިދިނުމުގެ ގޮތުން ދަތުރުފަތުރުގެ ނިޒާމް އެއް ވިއުގަ އަކުން ގުޅާލެވިއްޖެ ކަމަށެވެ.

"ރާއްޖޭގެ ރައްޔިތުންނަށް ފަހި ދިރިއުޅުމެއް ހޯއްދަވައިދެއްވާ ގައުމު ބިނާކުރުމުގައި ތިޔަ ދައްކަވާ ސާބިތުކަމަށާއި އަޅުގަނޑުމެންނަށް މަނިކުފާނު ދެއްވާ ހިތްވަރަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ދިވެހި ރައްޔިތުންގެ ނަމުގައި ޝުކުރު ދަންނަވަން،" ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމްގެ އަނބިކަނބަލުން ނަހުލާ ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ޖޭޕީ އިސްވެ އޮވެ އުފައްދާ ކޯލިޝަނަކުން ނުވަތަ އެ ޕާޓީގެ ކެންޑިޑޭޓަކު ވާދަ ކުރުމަށް ޕާޓީގެ ކޮންގްރެސް އާއި ކައުންސިލުން ނިންމާފައިވާއިރު، ކެންޑިޑޭޓެއް އަދި ކަނޑައެއް ނާޅަ އެވެ. ކެންޑިޑޭޓު ކަނޑައަޅާނީ ޕްރައިމަރީ ބާއްވައިގެން ކަމަށް އެ ޕާޓީން ބުނެ އެވެ.