މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (ލޭބާ ޕާޓީ) އާއި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އުވާލައިފި އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން ކޮންމެ ޕާޓީއެއްގައި ތިބުން ލާޒިމްކުރާ 3000 މެންބަރުން ހަމަކުރުމަށް ދީފައިވާ މުއްދަތުގެ ތެރޭގައި ހަމަކޮށްފައި ނުވާތީ އެ ދެޕާޓީ، ޕާޓީތަކުގެ ދަފްތަރުން އުނިކޮށްފައި ވާކަމަށެވެ.
އަދި އެ ދެޕާޓީގެ ދަރަންޏާ މެދު ޒިންމާވާނެ ފަރާތެއް އެންގުމަށް ދެވުނު މުއްދަތުގެ ތެރޭގައި ޒިންމާވާނެ ފަރާތެއް އަންގާފައި ނުވާތީ އެ ދަރަންޏެއް އުުފެދުނު އިރު ޕާޓީގެ އެންމެ އިސްފަރާތެއްގެ މަގާމުގައި ހުރި ފަރާތަކީ ދަރަންޏާ މެދު ޒިންމާވާނެ ފަރާތްކަމުގައި ކަނޑައަޅާފައިވާކަމަށް އީސީއިން ވަނީ ބުނެފަ އެވެ.
މެންބަރުން ހަމަނުކުރެވުމުގެ ސަބަބުން ޑީއާރުޕީ އުވާލަން ނިންމީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. ޑީއާރުޕީ އުވާލަން ނިންމި މައްސަލަ ދެފަހަރެއްގެ މަތިން ހައިކޯޓަށް ހުށަހެޅި އެވެ. ދެ ފަހަރުވެސް ކޯޓުން ވަނީ އެމައްސަލަ ބޭރުކޮށްލާފަ އެވެ.
ޑީއާރުޕީ އުވާލުމުގެ ކުރިން އެޕާޓީގެ ރައީސްކަމުގައި ހުންނެވީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އެވެ. ޖާބިރު ވަނީ ގްރީން ޕާޓީގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށާފަ އެވެ.
ދެވަނައަށް އުވާލި ލޭބާ ޕާޓީއަކީ 2019 ވަނަ އަހަރުގެ ތެރޭގައި އުުފެއްދި ޕާޓީ އެކެވެ. އެންމެ ފުރަތަމަ ޕާޓީ އުފެދިގެން އަދި ދުވަސްވަރު އެކްޓިވްކޮށް އޮތް ނަމަވެސް މިހާރު އެޕާޓީ ވަނީ ވަރަށް ބޮޑަށް އުވިގެން ގޮސްފަ އެވެ. ލޭބާ ޕާޓީ އުފެއްދީ ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ހަރަކާތާއި، އިޖުތިމާއީ އަދާލަތު އަދި އިޖުތިމާއީ ޑިމޮކްރަސީގެ މައްޗަށް ބިނާވެގެންވާ މެދުމިނުގެ ޕާޓީއެއް ކަމަށް ބުނެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment