Advertisement

މިންތީގެ ހަމަހަމަކަން ގާއިމުވި ކަމަށް ވާނީ ތަފާސްހިސާބުތަކަށް ބަލަން ނުޖެހޭ ދުވަހަކުން: ހިސާން

15 މާރިޗު 2023 - 14:53 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ހިސާން ވިދާޅުވީ މިންތީގެ ހަމަހަމަކަން ގާއިމްކުރެވުނުކަމަށް ވާނީ ތަފާސް ހިސާބު ބަލަހައްޓަން ނުޖެހޭ ދުވަހަކުން ކަމަށް -- ފޮޓޯ: ޖޭއެސްސީ


މިންތީގެ ހަމަހަމަކަން ގާއިމުވި ކަމަށް ވާނީ ތަފާސްހިސާބުތަކަށް ބަލަން ނުޖެހޭ ދުވަހަކުން: ހިސާން

15 މާރިޗު 2023 - 14:53 0

އަންހެން ފަނޑިޔާާރުންނާއި ފިރިހެން ފަނޑިޔާރުން މިންތީގެ ގޮތުން ހަމަހަމަކުރުމަށް ކުރަމުން އަންނަ މަސައްކަތްތައް ކާމިޔާާބުވި ކަމަށް ވާނީ އެކަމުގެ ތަފާސްހިސާބުތަކަށް ބަލަން ނުޖެހޭ ދުވަހަކުން ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް ހިސާން ހުސައިން ވިދާޅުވެއްޖެ އެވެ.

މިއަދު ކްރޮސްރޯޑްސް މޯލްޑިވްސްގައި ކުރިއަށްދާ އަންހެން ފަނޑިޔާރުންގެ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަަމުން ހިސާން ވިދާޅުވީ، ރާއްޖޭގެ ކޯޓުތަކުގައި އަންހެން ފަނޑިޔާރުން ތިބި އަދަދަކީ މިންތީގެ ގޮތުން ހަމަހަމަ އަދަދެެއް ކަމަށް ނިންމޭނީ ކޯޓުތަކުގައި ތިބޭ އަންހެން ފަނޑިޔާރުންގެ ތަފާސްހިސާބުތައް ބަލަހައްޓަން ނުޖެހޭ ދުވަހަކުން ކަމަށެވެ.

"ހަމަހަމަކަން ގާއިމު ކުރުމަށް ފަނޑިޔާރުގޭގައި ތިބެން ޖެހޭނީ ކިހާ އަދަދަކަށް އަންހެން ފަނޑިޔާރުންތޯ ކުރާ ސުުވާލުގެ ޖަވާބު ވަރަށް ސާފް. ކޯޓުތަކުގައި ތިބޭ އަންހެން ފަނޑިޔާރުންގެ ތަފާސް ހިސާބުތައް ބަލަހައްޓަން ނުޖެހޭ ދުވަހަކުން އެ ހަމަހަމަކަން ގާއިމުވާނެ. ކޯޓުތަކުގައި ތިބޭ ފިރިހެން ފަނޑިޔާރުންގެ އަދަދު ނުބަލާހެން އެ ދުވަހަކުން މި ސުވާާލެއްވެސް ނުއުފެދޭނެ،" ހިސާން ވިދާޅުވި އެވެ.

ހިސާން ވިދާޅުވީ ފަނޑިޔާރުގެއެއް ކުރިއަރާނީ އެތަނުގައި ތިބޭ ފަނޑިޔާރުންނާއި، މަސައްކަތްކުރާ މުވައްޒަފުން އެއް އަމާޒަކަށް ވާސިލުވުމަށް މަސައްކަތްކޮށްގެން ކަމަށެވެ. ހާއްސަކޮށް އަންހެން ފަނޑިޔާރުންނަށް ދިމާވާ އެކި ގޮންޖެހުންތަކާއި، އަންހެނަކަށް ވީތީ ދިމާވާ އެކި ހުރަސްތައް ކަނޑަތު ކުރުމުގައި އެއް އަމާޒަކަށް ވާސިލުވުމަށް މަސައްކަތްކޮށްގެން ކަމަށެވެ.

"އަންހެނަކަށް ވުން އެއީ ތިމާއާ އަނެކާ އެއްގޮތްވުން ނޫންކަން ދަނެގަނެ، ކޮންމެ އަންހެނަކީވެސް ތަފާތު މުޖުތަމައުއަކުން، ތަފާތު އާދަކާދަތަކަށް ހޭނިފައިވާ އަދި އިޖްތިމާއީ އަދި އިގްތިސާދީ ހާލަތު ތަފާތު މީހެއްކަން ދަނެގެން، އެ ތަފާތު ބަލައިގަނެ، އެކަކު އަނެކަކު ބާރުވެރިކުރުމަށް މަސައްކަތް ކޮށްގެން،" ހިސާން ވިދާޅުވި އެވެ.

ހިސާން ވިދާޅުވީ، ފިރިހެނުންނެކޭ އެއްފަދައިން އަންހެނުންގެ ބައިވެރިވުމާއި ހިއްސާ ޖުޑިޝަރީގައި އޮތުމަކީ އަދުލުއިންސާފު އޭގެ އެންމެ ފުރިހަމަގޮތުގައި ފޯރުކޮށް ދިނުމަށް އެޅޭ ހަރުދަނާ ފިޔަވަޅެއް ކަމަށެވެ.

މިއަދު ފެށި އަންހެން ފަނޑިޔާރުންގެ މަހާސިންތާ ކުރިއަށްގެންދާނީ މާދަމާގެ ނިޔަލަށެވެ. މި މަހާސިންތާގައި އަންހެން ފަނޑިޔާރުންނަށް ދިމާވާ އެކި އެކި ގޮންޖެހުންތަކާއި، އެކަންކަން ހައްލު ކުރާނެ ގޮތާއިމެދު މަޝްވަރާކުރުމަށް ޕެނަލް ޑިސްކަޝަންތަކާއި ޕްރެޒެންޓޭޝަންތައް އަދި ގްރޫޕްވޯކްތައް ކުރިއަށް ގެންދާނެ އެވެ.

މި މަހާސިންތާގައި ރާއްޖޭގެ ހުރިހާ ކޯޓުތަކެއްގައި ތިބި އަންހެން ފަނޑިޔާރުންނާއި އަދި ގުޅުންހުރި އެކި އިދާރާތަކުން ބައިވެރިވާނެ އެވެ.

އެންމެ ފުރަތަމަ ރާއްޖޭގެ ކޯޓަކަށް އަންހެން ފަނޑިޔާރަކު އައްޔަން ކުރީ 2007 ގަ އެވެ. މިހާރު ރާއްޖޭގެ ބައެއް ބޮޑެތި ކޯޓުތަކުގައި ވެސް އަންހެން ފަނޑިޔާރުން އެބަތިއްބެވި އެވެ. ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ވެސް 2019 ވަނަ އަހަރުން ފެށިގެން ދެ އަންހެން ފަނޑިޔާރުން ތިއްބަވަ އެވެ.

ރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން 13.6 އިންސައްތައަކީ އަންހެނުންނެވެ. މަތީ ކޯޓުތަކުގައި 2011 އާ ހަމައަށް އެއްވެސް އަންހެން ފަނޑިޔާރަކު ނުތިއްބަވަ އެވެ. އެކަމަކު، މިދިޔަ ފަސް އަހަރު އެ އަދަދު މިހާރު 42 އިންސައްތައަށް ވަނީ އިތުރުވެފަ އެވެ.