Advertisement

ކްރިމިނަލް ކޯޓުގެ ގާޒީ ފާއިޒް ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް ފޮނުވައިފި

1 ޑިސެންބަރު 2025 - 10:57 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ކްރިމިނަލް ކޯޓުގެ ގާޒީ ފާއިޒް -- ފޮޓޯ: ކްރިމިނަލް ކޯޓު


ކްރިމިނަލް ކޯޓުގެ ގާޒީ ފާއިޒް ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް ފޮނުވައިފި

1 ޑިސެންބަރު 2025 - 10:57 1

ކްރިމިނަލް ކޯޓުގެ ގާޒީ، ހުސެއިން ފާއިޒް ރަޝާދު މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ބަލައިގަނެ، ދިރާސާ ކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް މިއަދު ފޮނުވައިފި އެވެ.

ފާއިޒު ވަކިކުރަން ޖޭއެސްސީން ނިންމީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބޮޑެއް ކަމަށް ފުލުހުން ތުހުމަތު ކުރާ ސ. ހިތަދޫ، ކޯޒީކޯނާ، އަލީ އަންވަރު މުހައްމަދު، 41، ބަންދުން ދޫކޮށްލަން އަމުރުކުރި މައްސަލައިގަ އެވެ.

ޖޭއެސްސީން މަޖިލީހަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ފާއިޒްގެ މައްސަލަ އެ ކޮމިޝަނުން ސުލޫކީ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރީ އަންވަރުގެ ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވުނު މަޖިލީހުގައި ފާއިޒް އަމަލު ކޮށްފައި ވަނީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް ކަމަށް ބުނެ އެ ކޮމިޝަނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ކަމަށެވެ.

ޖޭއެސްސީގެ ޝަކުވާ ބަލާ ކޮމިޓީން އެ މައްސަލަ ތަހުގީގު ކުރިއިރު، އެ މައްސަލައިގައި ފާއިޒް އަމަލު ކޮށްފައި ވަނީ ގާނޫނުއަސާސީ އާއި ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފަށްކަން ސާބިތުވެފައިވާ ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ.

އަލީ އަންވަރު އެންމެ ފުރަތަމަ ހައްޔަރުކުރީ އޮކްޓޯބަރު 11، ގައި ކޯޓު އަމުރެއްގެ ދަށުންނެވެ. އޭނާގެ ބަންދާމެދު ގޮތެެއް ނިންމަން ފުރަތަމަ ގެންދިޔުމުން ފަސް ދުވަސް ޖެހި ނަމަވެސް، ދެވަނަ ފަހަރަށް ބަންދުގެ މުއްދަތު އިތުރުކުރަން އޮކްޓޯބަރު 18، ގައި ގެންދިޔުމުން ވަނީ ދޫކޮށްލާފަ އެވެ.

އޭނާ ދޫކޮށްލީ ހައްޔަރުކޮށް ހައްޔަރާމެދު ގޮތް ކަނޑައަޅާފައިވަނީ ކޮން އަސާސެއްގެ މައްޗަށް ކަމަށް ފުލުހުންނަށް ބުނެދެވިފައިނުވާތީ، ހައްޔަރުކުރުމަށްފަހު އަމަލުކުރަންޖެހޭ އިޖުރާއަތުގައި އުނިކަން ހުރި ކަމަށް ބެލެވޭތީ ކަމަށް ބުނެ އެވެ.

އަންވަރާއި، އިތުރު ބަޔަކު ހިމެނޭ މައްސަލައިގައި ޑްރަގުތައް އަތުލައިގަތީ މީގެ ހަ އަހަރު ކުރިން، އޮކްޓޫބަރު 7، 2019 ގައި ފުލުހުންނާއި ސިފައިން ގުޅިގެން ކަނޑުމަތީގައި ހިންގި އޮޕަރޭޝަނެއްގަ އެވެ. މި އޮޕަރޭޝަނުގައި އިރާނުގެ ބޯޓު ކޯސްޓުގާޑުގެ ބެލުމުގެ ދަށަށް ގެންދިޔައި ހއ. ތުރާކުނު ބޭރުންނެވެ.

އަންވަރު ނޫން އެންމެންގެ މައްޗަށް އެ މައްސަލައިގައި އުފުލި ދައުވާތައް ޕީޖީން ވަނީ މީގެ ކުރިން އަނބުރާ ގެނެސްފަ އެވެ.

ކްރިމިނަލް ކޯޓުގެ ގާޒީކަމުން ފާއިޒު ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވާއިރު، ފާއިޒު މި ވަގުތު ވެސް ހުންނެވީ ސަސްޕެންޝަނުގަ އެވެ. ޖޭއެސްސީން ފާއިޒު ސަސްޕެންޑު ކުރީ އޮކްޓޫބަރު 22، ގަ އެވެ.

މީގެ ކުރިން، ނޮވެމްބަރު، 2021، ގައި ވެސް ޖޭއެސްސީ އިން ވަނީ ފާއިޒް ސަސްޕެންޑުކޮށްފަ އެވެ. އެ ފަހަރު އޭނާ ސަސްޕެންޑު ކުރީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މައްސަލަ ބެއްލެވި ގާޒީން "ރަހީނު" ކޮށްގެން ކަމަށް އޭނާ ވިދާޅުވާ އޯޑިއޯއެއް ލީކުވުމުންނެވެ.

ޔާމީންއަށް ހުކުމް ކުރެއްވި ތިން ފަނޑިޔާރުންގެ ބެންޗުގައި ވެސް ފާއިޒް ހިމެނިވަޑައިގަންނަވަ އެވެ. އެ އިރު ޖޭއެސްސީ އިން އޭނާ ސަސްޕެންޑު ކުރީ 60 ދުވަހުގެ މުއްދަތަކަށެވެ. ނަމަވެސް އޭގެ މަހެއްހާ ދުވަސް ފަހުން ޖޭއެސްސީ އިން ވަނީ ފާއިޒްގެ ސަސްޕެންޝަން އުވާލައިފަ އެވެ.