Advertisement

ސަރުކާރުގައި ދެ ކެނޑިޑޭޓުން ތިބެން ދަތިވާނެ، ޖޭޕީ ކޯލިޝަނުން ބޭރުކުރަން މަޝްވަރާކުރާނެ

15 މާރިޗު 2023 - 11:51 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ރައީސް ސޯލިހު (ކ) މީގެ ކުރިން ޖޭޕީ ލީޑަރު ގާސިމް އިބްރާހިމާ ބައްދަލުކުރައްވަނީ. -ފައިލް ފޮޓޯ: ރައީސް އޮފީސް


ސަރުކާރުގައި ދެ ކެނޑިޑޭޓުން ތިބެން ދަތިވާނެ، ޖޭޕީ ކޯލިޝަނުން ބޭރުކުރަން މަޝްވަރާކުރާނެ

15 މާރިޗު 2023 - 11:51 0

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ އެކު ކޯލިޝަން ހެދުމުގެ ބަދަލުގައި ޖުމްހޫރީ ޕާޓީ އިސްވެ އޮވެ އުފައްދާ ކޯލިޝަނަކުން ރިޔާސީ އިންތިހާބުގައި ވާދަކުރަން އެ ޕާޓީން ނިންމުމާ ގުޅިގެން، ދެން ކަންތައް ކުރާނެ ގޮތަކާމެދު މަޝްވަރާކުރާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

ޖޭޕީން ވަކިން ވާދަކުރަން ނިންމާފައިވާއިރު އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމެވެ. މި ގޮތަށް ނިންމާފައިވަނީ ރޭ ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގެ އިއްތިފާގުންނެވެ.

އެ ނިންމުމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު "އަދަދު" އަށް މިއަދު ވިދާޅުވީ، ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބަށް ކޯލިޝަން އެކުލަވާލަން މިހާރުގެ ސަރުކާރުގެ ކޯލިޝަން ޕާޓްނަރުންނަށް ދައުވަތު ފޮނުއްވާފައިވާއިރު، އެއަށް ޖުމްހޫރީ ޕާޓީއިން އަދި ޖަވާބެއް ދީފައި ނުވާ ކަމަށެވެ.

"ޖުމްހޫރީ ޕާޓީއިން ރިޔާސީ ކެންޑިޑޭޓަކު ނެރޭނަމަ، ސަރުކާރުގައި ދެ ރިޔާސީ ކެންޑިޑޭޓުން ތިބެގެން ކުރިއަށް ވަޑައިގަތުމަށް ދަތިވާނެ،" ކޯލިޝަނުން ޖޭޕީ ބޭރުކުރުމަށް ނުސީދާކޮށް އިޝާރާތް ކުރައްވަމުން މިއުވާން ވިދާޅުވި އެވެ.

އެފަދަ ހާލަތެއްގައި މިއުވާން ވިދާޅުވި ގޮތުގައި، ދެން ކަންތައް ކުރައްވާނެ ގޮތަކާ މެދު ރައީސް ޖުމްހޫރީ ޕާޓީގެ ލީޑާޝިޕާއި ގާސިމްއާ އެކު މަޝްވަރާކުރައްވާނެ އެވެ.

ސަރުކާރު ހިންގާ ކޯލިޝަނުގައި ޖުމްހޫރީ ޕާޓީ ހިމެނޭއިރު، ވަޒީރުންގެ މަޖިލީހުގެ އިތުރުން ދައުލަތުގެ އެކި އިދާރާތަކުގައި ޖޭޕީއަށް ނިސްބަތްވާ ބޭފުޅުން އެބަތިއްބެވި އެވެ.

އިންތިހާބުގައި ވަކިން ވާދަކުރަން ނިންމުމުން، ކޯލިޝަނުން ޖޭޕީ ބޭރުކޮށް، ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި އެ ޕާޓީގެ ބޭފުޅުން މަގާމުން ވަކި ކުރުމަށް އެމްޑީޕީގެ ތެރެއިން ވަނީ ގޮވާލަން ފަށައިފަ އެވެ.

އެކަމަކު އެކަމާމެދު ސީދާ ވަކި އެއްޗެއް މިއުވާން ވިދާޅުނުވެ އެވެ.

ދެން ވާނީ ކިހިނެއް؟

ޖުމްހޫރީ ޕާޓީގެ އެ ނިންމުމަށް އެންމެ ބޮޑަށް އުފާފާޅު ކުރަމުންދަނީ އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނުންނެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވުމުން، ނަޝީދު ގެންދަވަނީ ރައީސް ސޯލިހާ ދެކޮޅަށް މަސައްކަތް ކުރައްވަމުންނެވެ.

އަދި އެކަމަށްޓަކައި، ރިޔާސީ އިންތިހާބުގައި ގާސިމަށް ތާއީދުކޮށްގެން ނަޝީދު ހުންނަވާނެ ކަމުގެ އިޝާރާތްތައް އެކި ފަހަރު މަތިން ވަނީ ދެއްވައިފަ އެވެ.

މިހާތަނަށް ރައީސްއާ އެކު ކޯލިޝަން ހަދަން އެއްބަސްވެފައިވަނީ އަދާލަތު ޕާޓީގެ އިތުރުން ވިޔަފާރިވެރިޔާ އަހްމަދު ސިޔާމްގެ މޯލްޑިވްސް ޑެވެލޮޕްމަންޓު އެލަޔަންސް (އެމްޑީއޭ) އާ އެވެ.