Advertisement

ރޯދަ އިނާޔަތް 3000ރ. އަށްވުރެ ބޮޑު ކޮށްދޭން އެދުނު މައްސަލަ ބޭރުކޮށްލައިފި

15 މާރިޗު 2023 - 11:06 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން؛ ރޯދަ އެލަވަންސް ބޮޑުކުރަން ހުށަހެޅި މައްސަލަ ވަނީ ބޭރުކޮށްލާފައި-- ފޮޓޯ: މަޖިލިސް


ރޯދަ އިނާޔަތް 3000ރ. އަށްވުރެ ބޮޑު ކޮށްދޭން އެދުނު މައްސަލަ ބޭރުކޮށްލައިފި

15 މާރިޗު 2023 - 11:06 0

ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި ދޭން ގާނޫނުން މަޖުބޫރުކުރާ 3000ރ. ބޮޑު ކޮށްދިނުމަށް ސަރުކާރަށް ގޮވާލާ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް މިއަދު ހުށަހެޅި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި އެވެ.

ޝިޔާމް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވާ ގޮތުގައި ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެ ކާބޯތަކެތީގެ އަގުތައް އިންތިހާއަށް އުފުލިފައިވާތީ ރައްޔިތުން އުޅެމުން އަންނަނީ ވަރަށް ދަތި ހާލުގަ އެވެ.

އަދި، އިނާޔަތް ބޮޑުކުރުމާއެކު، ގާނޫނު މުރާޖައާކޮށް ހުރިހާ ފަންނުތަކުގެ މަސައްކަތްތެރިންނާއި މަސްވެރިންނާއި ދަނޑުވެރިން ފަދަ ސިނާއަތްތަކުގެ މަސައްކަތްތެރިންނަށް ވެސް ރޯދައިގެ އިނާޔަތް ލިބޭނެ ހަމަހަމަ އުސޫލެއް ގާއިމު ކުރުމަށް ގޮވާލާއިފައިވެ އެވެ.

މި މައްސަލަ ބަލައިގަތުމަށް މަޖިލީހުގައި ނެގި ވޯޓުގައި ދެކޮޅަށް 27 މެންބަރުން ވޯޓު ދެއްވި އެވެ. ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ.

ރާއްޖޭގެ ވަޒީފާއާ ބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން، ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް ރޯދަ މަަސް ފެށުމުގެ ކުރިން އެލަވަންސް ދިނުމަކީ ލާޒިމް ކަމެކެވެ.

ރޯދަ އިނާޔާތް ދޭން ފެށީ 2015 ވަނަ އަހަރު ވާޒީފާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހާއެކު އެވެ. އޭގެފަހުން ކޮންމެ އަހަރަކުވެސް ރޯދަ އެލަވަންސް ހަމައަށް ނުދިނުމާގުޅޭ ގިނަ މައްސަލަތަކެއް ފެންމަތިވެ އެވެ.

އެގޮތުން، މިދިޔަ އަހަރު އެކަނިވެސް ރޯދަ އެލަވަންސް ނުދީގެން ލޭބާ އޮތޯރިޓީއަށް 65 މައްސަލައެއް ހުށަހެޅި އޭގެ ތެރެއިން 63 މައްސަލައެއް މަޝްވަރާކޮށްގެން ހައްލުކޮށް ރޯދަ އެލަވަންސް ހޯދައިދީފައިވެ އެވެ. އަދި، ހައްލުކުރަން އެއްބާރުލުން ނުދިނުމުން ބައެއް ތަންތަން ޖޫރިމަނާ ފިޔަވަޅު އަޅާފައިވެ އެވެ.

ރޯދަ އިނާޔަތް ދެނީ ކިހިނެއް؟

ވަޒީފާއާބެހޭ ގާނޫނުގައި ރޯދަ މަހުގެ އިނާޔަތާބެހޭ މާއްދާގައި ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި، ރޯދަ މަސް ފެށުމުގެ ކުރިން 3,000ރ. ދިނުން ލާޒިމުކޮށްފަ އެވެ.

އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާ ފަރާތްތައް ވެސް ހިމަނަން ވާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ މުސްލިމު މުވައްޒަފުންނަށް ރޯދަ މަހުގެ އިނާޔަތް ދިނުމަކީ ވަޒީފާދޭ ފަރާތަށް އިހުތިޔާރު ލިބިގެންވާ ކަމެއް ކަމަށް ގާނޫނުގައި ބުނެ އެވެ.

އެ އިހުތިޔާރުގެ ދަށުން، ރޯދަ އިނާޔަތް ދިނުމުގައި ޕަބްލިކް ސެކްޓާގައި މަސައްކަތްކުރާ ބިދޭސީ މުސްލިމް މުވައްޒަފުންނާ މެދު އަމަލުކުރަން ޖެހެނީ ދިވެހި މުވައްޒަފުންނާ މެދު އަމަލުކުރަން ބަޔާން ކޮށްފައިވާ ގޮތުގެ މަތީންނެވެ.

ޕްރައިވެޓް ސެކްޓާގައި މަސައްކަތްކުރާ ބިދޭސީ މުސްލިމް މުވައްޒަފުންނަށް ރޯދަ އިނާޔަތް ދޭން ޖެހެނީ ގާނޫނުގެ ދަށުން ދިވެހި މުވައްޒަފުންނާ މެދު އަމަލުކުރަން ނިންމާ އުސޫލުގެ ދަށުންނެވެ.