14 މާރިޗު 2023 - 22:55 2
އައިޝަތު ނުޒުހާ
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު؛ ދެ ބޭފުޅުންގެ ޖޮއިންޓް ޕީޖީ އެއް އެކުލަވާލަން ވަނީ މަޝްވަރާ ކުރަން ނިންމާފައި-- ފޮޓޯ: މަޖިލިސް
14 މާރިޗު 2023 - 22:55 2
ޖުމްހޫރީ ޕާޓީ އާއި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ "ފިކުރެއްގެ ދިރުން" ފެކްޝަންގެ ޖޮއިންޓް ޕާލިމަންޓަރީ ގުރޫޕެއް އެކުލަވާލުމަށް މަޝްވަރާ ކުރަން މިރޭ ނިންމައިފި އެވެ.
އެމްޑީޕީ ރިޔާސީ ޕްރައިމަރީން ކުރިމަތިވި ނާކާމިޔާބީއަށް ފަހު، އެ ޕާޓީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރައްވާ މެންބަރުން މަސައްކަތް ކުރައްވަމުން އަންނަނީ ވަކިންނެވެ.
އަދި، މިރޭ ވަނީ "ފިކުރެއްގެ ދިރުން"ގެ ފުރަތަމަ ޕީޖީ ބައްދަލުވުން ކުރިއަށް ގެންގޮސްފަ އެވެ.
މި ބައްދަލުވުމަށް ފަހު "އަދަދު"އަށް ދެއްވި އިންޓަވިއުއެއްގައި މެދު ހެންވެއިރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ ޖޭޕީއާ އެކު އެ ފެކްޝަނުން އައީ މަޝްވަރާ ކުރަމުން ކަމަށާއި އެކުގައި މަސައްކަތް ކުރެވޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.
"ޖޮއިންޓް ޕާލިމެންޓަރީ ގުރޫޕެއް އެކުލަވާލައިގެން މަސައްކަތް ކުރުމުގެ ވާހަކަ ދައްކަން، މާދަމާ ޖޭޕީ ލީޑަރާ އެކުގައި މަޝްވަރާގެ މަސައްކަތް ފަށާނަން،" އެމްޑީޕީގެ ކުރީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވިދާޅުވި އެވެ.
"ފިކުރެއްގެ ދިރުން" އަކީ ހަގީގީ އެމްޑީޕީ ކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެ ޕާޓީން އެއްވެސް ޕާޓީއަކާ ރުޅިވެރިކަމެއް ނެތް ކަމަށާއި އެ ޕާޓީން އަންނަނީ ސިޔާސީ ޕާޓީތަކާ ވާހަކަ ދައްކަމުން ކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހާ ވާދަކުރައްވައި ބަލިވެވަޑައިގެންނެވި ނަޝީދު އަދިވެސް ތާއިދުކުރައްވާނެ ކެންޑިޑޭޓެއް ހާމަކުރައްވާފައި ނުވެ އެވެ. އެކަމަކު, ރައީސް ސޯލިހާ އެކު އެމްޑީޕީއަށް ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment