Advertisement

ކައުންސިލް އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކުރަން އެއްބާރުލުން ލިބޭނެ: ނަޝީދު

އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ: އަދަދު


ކައުންސިލް އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކުރަން އެއްބާރުލުން ލިބޭނެ: ނަޝީދު

އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމަށް ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުުލް ޣަފޫރު މޫސާ ހޮވިވަޑައިގަތުމާ ގުޅިގެން، އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު މަރުހަބާ ވިދާޅުވެ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެއްޖެ އެވެ.

ނަޝީދު މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ޕާޓީގެ އެއްބައިވަންތަކަން ހިފެހެއްޓެވުމަށް އެދިވަޑައިގެންފައިވެ އެވެ.

"އެމްޑީޕީގެ ވަގުތީ ޗެއާޕާސަން، އެމްޕީ އަބްދުލް ޣަފޫރަށް މަރުހަބާ. ޕާޓީގެ އެއްބައިވަންތަކަށް އޮބަހައްޓަވާ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ކާމިޔާބަށް ވާސިލު ވާން ކުރަޖެހޭ މަސައްކަތްތަކުގައި އަޅުގަނޑުގެ ހުރިހާ އެއްބާރުލުމެއް ލިބޭނެ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެން "ދަ ޑިމޮކްރެޓްސް" އުފެއްދެވި ނަމަވެސް، މި އަހަރުގެ ޖޫން 23 ގައި އަލުން އެމްޑީޕީއާ ގުޅިވަޑައިގެންނެވި އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ފައްޔާޒު އިސްމާއީލް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ޣަފޫރު މި މަގާމަށް ހޮވިވަޑައިގަތީ ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވި 66 މެންބަރުންގެ ތެރެއިން 65 މެންބަރުންގެ ވޯޓުންނެވެ.

ކައުންސިލް އިންތިހާބު ބާއްވަނީ އޭޕްރީލް 4، 2026 ގަ އެވެ.