14 މާރިޗު 2023 - 10:00 0
އައިޝަތު ނުޒުހާ
ނަޝީދު ފެކްޝަންގައި އިސްކޮށް އުޅުއްވާ އިމްތިޔާޒް ފަހުމީ އަދި ހަސަން ލަތީފް، ޕީޖީ ލީޑަރު އަސްލަމާއެކު-- ފޮޓޯ: އަދަދު ފައިލް
14 މާރިޗު 2023 - 10:00 0
ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެހެންނަމަވެސް ޖަވާބުދާރީކުރުމުގެ ނަމުގައި "އޮޕޮޒިޝަނެއްގެ ގޮތުގައި" މަސައްކަތް ކުރުން ބަލައިނުގަނެވޭނެ ކަމަށް ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަކުގެ އަސަރު އެންމެ ބޮޑަށް ފެންނަނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނެވެ. ދެ ފެކްޝަނުގެ މެންބަރުންގެ ބަހުގެ ހަމަލާތައް އާންމުވެފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރާ މެންބަރުން އަންނަނީ ސަރުކާރަށް ފާޑުކިޔައި ގަރާރުތަކާއި މައްސަލަތައް ކޮންމެ ދުވަހެއްގެ ޖަލްސާގައި ވެސް ހުށަހަޅަމުންނެވެ.
"އަދަދު" އަށް ދިން އިންޓަވިއުއެއްގައި މި މައްސަލައިގައި އަސްލަމް ވިދާޅުވީ ޖަވާބުދާރީ ކުރުވުމުގެ ނަމުގައި އިދިކޮޅުން ވެސް އަދި އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެންބަރުންގެ ކިބައިން ވެސް މިހާރު ފެންނަމުން ދަނީ "ހުތުރު މަންޒަރެކެވެ."
"ލައިވް ޓީވީގައި ސަރުކާރަށް ގޮންޖެހުން، ސަރުކާރަށް ފާޑުކިޔުން، ސަރުކާރާމެދު އާންމު ރައްޔިތުންގެ ހިތްހަމަނުޖެހުމާއި ނުތަނަވަސްކަމާއި ނަފްރަތު އުފެދޭ ގޮތަށް ބަހުސްތަކުގައި ވާހަކަ ދައްކާ މައްސަލަތައް ހުށަހެޅޭ ތަން މި ފެންނަނީ، އެއީ ޖަވާބުދާރީ ކުރުވުމެެއް ނޫން،" އަސްލަމް ވިދާޅުވި އެވެ.
އެމްޑީޕީގެ ސަރުކާރެއް އޮވެ، ޕާޓީގެ ތެރެއިން ސަރުކާރާ ދެކޮޅު އޮޕޮޒިޝަނެއް މަޖިލީހުގެ ތެރެއިން އުފައްދައިގެން އިދިކޮޅާއެކު މަސައްކަތް ކުރުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"ޖަވާބުދާރީ ކުރުވުމުގެ ނަމުގައި އިދިކޮޅަށް ތިބުމުގެ ބަދަލުގައި އިދިކޮޅަށް އަރައިވަޑައިގަތުން ރަނގަޅުވާނެ،" އަސްލަމް ވިދާޅުވި އެވެ.
އަސްލަމް އިތުރަށް ވިދާޅުވީ ސަރުކާރު މެންބަރުންނާ އެއް ހަމައެއްގައި ޖަވާބުދާރީ ކުރުމުގެ ފުރުސަތު ހުރިހާ މެންބަރުންނަށް ވެސް އޮންނަ ކަމަށެވެ.
"ޖަވާބުދާރީކުރުވުމުގެ ފުރުސަތު އޮވޭ، ހުރިހާ މެންބަރުންނަށް ވެސް ވަޒީރުންނާ ސުވާލު ކުރުމުގެ ފުރުސަތު ވެސް އޮވޭ، މަޖިލީހުގެ ކޮމިޓީތައް މެދުވެރިކޮށް ވެސް ޖަވާބުދާރީ ކުރެވޭނެ، އަދި މަޖިލީހުގެ މެންބަރުންނަށް ހަމަ ހުރިހާ ގޮތަކުން ވެސް ސަރުކާރު ޖަވާބުދާރީ ކުރުމާއި ސާފު ކުރުމުގެ ޖާގަ އޮވޭ،" އަސްލަމް ވިދާޅުވި އެވެ.
Comment