14 މާރިޗު 2023 - 06:55 0
ފާތިމަތު ސާޔާ އަހުމަދު
މިޔަންމާގެ ދާހިލީ ހަނގުރާމައިގައި އެންމެ ހަމަނުޖެހުން ބޮޑީ ޝާން ސްޓޭޓްގައި. -- ފޮޓޯ: ކޭއެންޑީއެފް
14 މާރިޗު 2023 - 06:55 0
މިޔަންމާގެ ދެކުނު ޝާން ސްޓޭޓުގައި ސިފައިން ބުދު ފައްޅިއަކަށް ހަމަލާދީ 28 މީހުން މަރާލައިފި އެވެ.
އަސްކަަރީ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ކަރެންނީ ނޭޝަނަލިޓީޒް ޑިފެންސް ފޯސް (ކޭއެންޑީއެފް) އިން ބުނީ ހޮނިހިރު ދުވަހު ސިފައިން ހަމަލާ ދިނީ ނަން ނެއިން އަވަށަށް ކަމަށެވެ.
މިޔަންމާގެ ސިފައިންގެ ލީޑަރުން ހިންގި ބަގާވާތެއްގައި އިންތިހާބީ ސަރުކާރު ވައްޓާލައި ވެރިކަމުގެ ބާރުތައް ހޯދީ މީގެ ދެ އަހަރު ކުރިންނެވެ. އޭގެ ފަހުން އެ ގައުމުގައި ވަނީ ހަމަނުޖެހުން ބޮޑުވެފަ އެވެ.
ހަތިޔާރު ހިފައިގެން އުޅޭ އާއްމުންގެ ގްރޫޕްތަކާއި ސިފައިންނާ ދެމެދު އެންމެ ބޮޑަށް ހަމަލާ ބަދަލުކުރަނީ ވެރިރަށް ނެއި ޕީ ޓޯ އާއި ތައިލޭންޑްގެ ބޯޑަރާ ދެމެދުގައިވާ ހިސާބުތަކުގަ އެވެ.
ހޮނިހިރު ދުވަހު ބުދު ފައްޅިއަށް ވަދެ ސިފައިން ދިން ހަމަލާގެ ވީޑިއޯ ކޭއެންޑީއެފްއިން ވަނީ އާއްމުކޮށްފަ އެވެ. މަރާލި މީހުންގެ ތެރޭގައި ފާދިރީންނާއި ކޭއެންޑީއެފްގެ މެމްބަރުން ހިމެނެ އެވެ.
ކޭއެންޑީއެފްއިން ބުނީ ބުދު ފައްޅިއަށް ހަމަލާ ދިނުމަށް ފަހު އެ އަވަށުގެ އިމާރާތްތަކާއި ގެތަކުގައި އަލިފާން ރޯކުރި ކަމަށެވެ. އޭގެ ސަބަބުން އާއްމުން ތިބީ ބިރުވެރިކަމެއްގެ ތެރޭގަ އެވެ.
ރިޕޯޓުތައް ބުނާ ގޮތުން މިޔަންމާގެ ދާހިލީ ހަމަނުޖެހުމާ ހެދި އެތައް ބަޔެއްގެ ގެދޮރު ގެއްލިފައިވެ އެވެ. އެގޮތުން 40،000 ގެ ސުންނާފަތިވެ، 1.5 މިލިއަން މީހުންގެ ބޯހިޔާވަހިކަމެއް ނެތެވެ.
Comment