Advertisement

އަމީނީ މަގު ހެދުމުގެ އެއްބަސްވުމާއި ކުރެހުން ހާމަ ކުރަން އައިކޮމުން އެންގީ ރަނގަޅަށް: ހައި ކޯޓު

13 މާރިޗު 2023 - 13:37 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އަމީނީ މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން: އެ މަޝްރޫއުގެ ތަފުސީލު ހާމަކުރަން އައިކޮމް އިން ޕްލޭނިން މިނިސްޓްރީއަށް އެންގީ ރަނގަޅަށް ކަމަށް މިއަދު ހައި ކޯޓުން ވަނީ ހުކުމް ކޮށްފައި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


އަމީނީ މަގު ހެދުމުގެ އެއްބަސްވުމާއި ކުރެހުން ހާމަ ކުރަން އައިކޮމުން އެންގީ ރަނގަޅަށް: ހައި ކޯޓު

13 މާރިޗު 2023 - 13:37 0

ޕްލޭނިން މިނިސްޓްރީއިން ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އަމީނީ މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތަފުސީލު ހާމަކުރުމަށް އެ މިނިސްޓްރީއަށް އިންފޮމޭޝަން ކޮމިޝަނުން އެންގީ ރަނގަޅަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

އަމީނީ މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެގްރިމެންޓާއި ކުރެހުން ހޯދުމަށް، މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހުށަހެޅީ އާންމު ފަރާތަކުންނެވެ. އެ ތަފުސީލުތައް ދޭން ޕްލޭނިން މިނިސްޓްރީއިން ދެކޮޅު ހެދުމުން، އެ މައުލޫމާތުތައް އެ ފަރާތަށް ދިނުމަށް އައިކޮމް އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ނަމަވެސް ޕްލޭނިން މިނިސްޓްރީއިން ވަނީ އައިކޮމްގެ ނިންމުމަކީ ގާނޫނާ ހިލާފަށް ނިންމި ނިންމުމެއް ކަމަށް ބުނެ ހައި ކޯޓުގައި އެ މައްސަލަ އިސްތިއުނާފުކޮށްފަ އެވެ.

ހައި ކޯޓުން މިއަދު އިއްވި ހުކުމުގައި ބުނެފައިވަނީ ޕްލޭނިން މިނިސްޓްރީއިން މައުލޫމާތު ހާމަނުކުރުމަށް ނިންމި ނިންމުމަކީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން އެ މައުލޫމާތަކީ އިސްތިސްނާ ހާލަތަށް ފެތޭ މައުލޫމާތެއްކަން އައިކޮމްއަށް ސާބިތުކޮށްދީފައިވަނިކޮށް އައިކޮމްއިން އެކަމަށް ރިއާޔަތް ނުކޮށް ނިންމި ނިންމުމަކަށް ވާތީ ކަމަށް ބުނި ނަމަވެސް އެކަން އެ މިނިސްޓްރީއަށް ކޯޓުގައި ސާބިތުކޮށްދީފައި ނުވާ ކަމަށެވެ.

އަދި، ޕްލޭނިން މިނިސްޓްރީއިން ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ އެ މައުލޫމާތުތައް ހާމަނުކުރަން ނިންމީ މައުލޫމާތު ހާމަކޮށްފި ނަމަ ތިން ވަނަ ފަރާތަކަށް ނުރަނގަޅު އަސަރެއް ކޮށްފާނެ ކަމަށް ބުނެފައިވީ ނަމަވެސް، މި މައްސަލައިގައި ތިން ވަނަ ފަރާތްކަމުގައިވާ އާރުޑީސީ އަކީ ދައުލަތުގެ އިދާރާއެއްގެ ތަރަހައިގައި ހިމެނޭނެތީ އެ ފަދައިން އިސްތިސްނާ ކުރެވެން ނެތް ކަމަށް ވެސް މިއަދު ހައި ކޯޓުން އިއްވި ހުކުމުގައި ބުނެފައިވެ އެވެ.

އެ މައްސަލައިގައި އައިކޮމް އިން ނިންމި ނިންމުމާ އެއްގޮތަށް މައުލޫމާތު ހާމަކުރަންޖެހޭނެ ކަމަށް ޕްލޭނިން މިނިސްޓްރީގެ މައްޗަށް ހައި ކޯޓުން ހުކުމް އިއްވީ މައްސަލަ ބެއްލެވި ތިން ގާޒީންގެ އިއްތިފާގުންނެވެ.