13 މާރިޗު 2023 - 10:21 0
ފާތިމަތު ސާޔާ އަހުމަދު
މިޝޭލް ޔެއޯއަށް އެވޯޑް ލިބުނީ "އެވްރިތިން އެވްރިވެއާ އޯލް އެޓް ވަންސް" އިން. -- ފޮޓޯ: ރޮއިޓާޒް
13 މާރިޗު 2023 - 10:21 0
މުނިފޫހިފުލުވުމުގެ ދާއިރާގެ އެންމެ ޝަރަފުވެރި އެވޯޑް އޮސްކާ ލިބުނު އެންމެ ފުރަތަމަ އޭޝިއާގެ ތަރިއަކަށް މިޝޭލް ޔެއޯ ވެގެން ހިނގައްޖެ އެވެ.
އެންމެ މޮޅު އެކްޓްރެސްގެ އޮސްކާ އެވޯޑް އޭނާއަަށް ލިބުނީ "އެވްރިތިން އެވްރިވެއާ އޯލް އެޓް ވަންސް" ފިލްމުންނެވެ. އެ ނޫނަސް ގިނަ އެވޯޑުތަކެއް އެ ފިލްމަށް ލިބުނެވެ.
އެގޮތުން އެންމެ މޮޅު ފިލްމާއި އެންމެ މޮޅު އޮރިޖިނަލް ސްކްރީންޕްލޭ އަދި އެންމެ މޮޅު ޑިރެކްޓަރުގެ އެވޯޑު ވެސް ލިބުނީ "އެވްރިތިން އެވްރިވެއާ އޯލް އެޓް ވަންސް" އަށެވެ.
އެވޯޑު ބަލައިގަތުމަށް ފަހު ޔެއޯ ބުނީ އެވޯޑް ހާއްސަ ކުރާނީ އޭނާ ވައްތަރު ޖަހާ ހުރިހާ ކުޑަ ފިރިހެން ކުދިންނާއި އަންހެން ކުދިންނަށް ކަމަށެވެ.
އެ އެވޯޑަކީ "އުއްމީދާއި ފުރުސަތުގެ އަލިކަމެއް" ކަމަށް އުމުރުން 60 އަހަރުގެ ޔެއޯ ސިފަކުރި އެވެ. ޔެއޯއާ ދެކޮޅަށް އެވޯޑަށް ވާދަކުރީ އެކްޓްރެސް ކޭޓް ބްލެންޗެޓް އެވެ.
ޔެއޯއަކީ އެންމެ މޮޅު އެކްޓްރެސްގެ އޮސްކާ އެވޯޑް ހާސިލްކުރި ދޮން ނޫން ނަަސްލުގެ ދެ ވަނަ ތަރި އެވެ. މީގެ ކުރިން އެކަން ހާސިލްކުރީ 20 އަހަރު ކުރިން ފިލްމު "މޮންސްޓާޒް ބޯލް" ފިލްމުން ކަޅު ނަސްލުގެ ހެލީ ބެރީ އެވެ.
މި އަހަރުގެ އެންމެ މޮޅު އެކްޓަރުގެ އޮސްކާ އެވޯޑް ލިބުނީ "ދަ ވޭލް" އިން ބްރެންޑަން ފްރޭޒާ އަށެވެ. އުމުރުން 54 އަހަރުގެ ފްރޭޒާއަށް އެވޯޑް ލިބުނީ ގިނަ އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު ކުޅުނު ފިލްމަކުންނެވެ.
Comment