12 މާރިޗު 2023 - 23:21 6
އިސްކަންދަރު ސްކޫލްގެ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން
12 މާރިޗު 2023 - 23:21 6
އެފްއޭއެމް، 15 އަހަރުން ދަށުގެ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު އިސްކަންދަރު ސްކޫލުން މިރޭ ހޯދައިފި އެވެ.
ގަލޮޅު ދަނޑުގައި ގިނަ ސަޕޯޓަރުންތަކެއްގެ ކުރިމަތީގައި މިރޭ ކުޅުނު ފައިނަލް މެޗުގައި އިސްކަންދަރުން ވަނީ 7-1 އިން ކަލާފާނު ސްކޫލް ބަލިކޮށްފަ އެވެ. މި މެޗުގައި ފުރަތަމަ ހާފު ނިމުނުއިރު، އިސްކަންދަރުން ހަތަރު ގޯލުގެ ލީޑެއް ނެގި އެވެ. އަދި ދެ ވަނަ ހާފުގައި ވަނީ އިތުރު ގޯލުތަކެއް ޖަހައިފަ އެވެ.
ފައިނަލުގައި އިސްކަންދަރުން ޖެހި ހަތް ގޯލުގެ ތެރެއިން ފަސް ގޯލު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ، މުހައްމަދު އިލާން އިމްރާން އެވެ. އަނެއް ދެ ގޯލު ޖެހީ މުހައްމަދު ލާމިހު އިމްތިޔާޒް އާއި ކާއިން އަބްދުލް ފާއިޒް އެވެ. މި ފަހަރުގެ މުބާރާތުގައި އިސްކަންދަރު ޓީމުން ވަނީ ކުޅުނު ހުރިހާ މެޗެއްގައި ޑޮމިނޭޓް ކޮށްގެން މޮޅު ކުޅުމެއް ދައްކައިފަ އެވެ.
އިސްކަންދަރު ޓީމުގެ އީތަން (ކ) ކަލާފާނުގެ ޒީކް ކައިރިން ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އަބްދުﷲ އިޔާން
ކަލާފާނުގެ ހަމައެކަނި ލަނޑު ޖެހީ ޕެނަލްޓީ އަކުން، އަހުމަދު އަފްނާން އަލީ އެވެ. ކަލާފާނު ޓީމަކީ ވެސް މި ފަހަރުގެ އިންޓަ ސްކޫލް މުބާރާތުގައި ކޯޗު ފަރީދު މުހައްމަދު (ފަރިއްޓެ)ގެ އިރުޝާދުގެ ދަށުން ރަނގަޅު ކުޅުމެއް ދެއްކި ޓީމެކެވެ.
ކުރީގެ މަޝްހޫރު ކުޅުންތެރިޔާ، ޔޫސުފް އަޒީމް (ޔޫއްޓޭ)ގެ ކޯޗުކަމުގައި ކުޅޭ އިސްކަންދަރު ޓީމުން މި ފަހަރުގެ 15 އަހަރުން ދަށުގެ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގައި މި ހޯދީ ރެކޯޑް ކާމިޔާބީ އެކެވެ. ހަ މެޗުން މޮޅުވިއިރު، ވަނީ 86 ގޯލު ޖަހައިފަ އެވެ. ބައިކޮޅަށް ވަނީ އެންމެ ގޯލެކެވެ. މުބާރާތުގައި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލު ޖެހީ އިސްކަންދަރު ޓީމުގެ އިލާން އެވެ. އޭނާ ވަނީ 38 ގޯލު ޖަހައިފަ އެވެ.
މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވިފައިވަނީ އިމާދުއްދީން ސްކޫލް އެވެ. މި ފަހަރުގެ 15 އަހަރުން ދަށުގެ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގައި ރަނގަޅު ފެންވަރުގެ ގިނަ ކުޅުންތެރިންތަކެއް ފެނިގެންދިޔަ އެވެ. މީގެ ތެރެއިން ގިނަ ކުޅުންތެރިންނަކީ މާލެ ސަރަހައްދުގެ އެކެޑަމީތަކުގައި ތަމްރީން ވަަމުން އަންނަ ކުޅުންތެރިންނެވެ.
Comment