Advertisement

އިރާނުގެ ކުދިން ވިހަވާ މައްސަލާގައި 100 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފި

13 މާރިޗު 2023 - 08:22 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިރާނުގެ އަންހެން ދަރިވަރުންތަކެއް މުޒާހަރާ ކުރަނީ. -- ފޮޓޯ: ޓައިމްސް އޮފް މޯލްޓާ


އިރާނުގެ ކުދިން ވިހަވާ މައްސަލާގައި 100 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފި

13 މާރިޗު 2023 - 08:22 0

މިދިޔަ ނޮވެމްބަރު މަހުން ފެށިގެން އިރާނުގައި ގޮތް ނޭނގޭ ގޮތަކަށް އެތައް ހާސް ސްކޫލް ދަރިވަރުން ވިހަވެފައިވާ މައްސަލައިގައި 100 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފި އެވެ.

މިހާތަނަށް އެއްވެސް ކުއްޖަކު މަރުވެފައެއް ނުވެ އެވެ. އެހެން ނަމަވެސް ބޯ އަނބުރައި، ވަރުބަލިވެ، މޭނުބައިކޮށް، ނޭވާލާން އުނދަގޫވުން ފަދަ ގިނަ މައްސަލަތަކެއް އެ ކުދިންނަށް ދިމާވެ އެވެ.

ދައުލަތުގެ މީޑިއާއިން ރިޕޯޓުކުރި ގޮތުގައި 200 އަށް ވުރެ ގިނަ ސްކޫލްގައި ދަރިވަރުންނަށް ދިން ހަމަލާތަކުގެ ތުހުމަތުގައި ބަޔަކު ހައްޔަރު ކުރިކަން އިންޓީރިއާ މިނިސްޓްރީއިން ކަށަވަރުކޮށްދެ އެވެ.

އިންޓީރިއާ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އާއްމުންގެ މެދުގައި ބިރުވެރިކަން އުފައްދައި ސްކޫލްތައް ބަންދު ކުރުމުގެ ނިޔަތުގައި ދިން ހަމަލާތައް މަދުވަމުންދާ ކަމަށެވެ.

ބަޔާނުގައި ބުނެފައި ވަނީ އެ ހާދިސާތަކާ ޓެރަރިސްޓް ގްރޫޕަކާ ގުޅުމެއް އޮވެދާނެ ކަމަށެވެ. އެގޮތުން ފާހަގަވީ އިރާނުގައި ހިންގުން މަނާ އިދިކޮޅު ގްރޫޕް ޕީޕަލް މުޖާހިދީން އޮފް އިރާން ނުވަތަ މުޖާހިދީން އޭ ހަލްގް (އެމްއީކޭ) އެވެ.

އިރާނުގައި އެ ގްރޫޕް ޓެރަރިސްޓް ގްރޫޕެއްގެ ގޮތުގައި ލޭބަލްކޮށް ހިންގުން މަނާ ކުރުމުން، އެ ގްރޫޕް ހިންގަނީ އަލްބޭނިއާގައި ތިބެގެންނެވެ.

ރިޕޯޓުތައް ބުނާ ގޮތުން ސްކޫލް ކުދިންނަށް ދިން ހަމަލާތަކުގައި 5000 ކުދިން ވިހަވުމުގެ އަލާމާތްތަައް ފެނުނެވެ. އެކަމުގެ ފަހަތުގައި ތިބި މީހުން ކުރީ "މައާފް ނުކުރެވޭ" ފަދަ ކުށެއް ކަމަށް އިރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ މިދިޔަ ހޯމަ ދުވަހު ވިދާޅުވި އެވެ.