Advertisement

19 އަހަރުން ދަށުގެ ގައުމީ ހޭންޑްބޯޅަ ޓީމް އެކުލަވާލަނީ

12 މާރިޗު 2023 - 13:15 0

އިންޓަ ސްކޫލް ހޭންޑްބޯލް މުބާރާތުގެ މެޗެއްގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


19 އަހަރުން ދަށުގެ ގައުމީ ހޭންޑްބޯޅަ ޓީމް އެކުލަވާލަނީ

12 މާރިޗު 2023 - 13:15 0

ހޭންޑްބޯޅަ މޯލްޑިވްސްގެ ޖޫނިއާ ގައުމީ ޓީމުގައި ހިމެނެން ބޭނުންވާ 19 އަހަރުން ދަށުގެ އަންހެން/ފިރިހެން ކުޅުންތެރިންނަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

ހޭންޑްބޯލް މޯލްޑިވްސްގެ އާ އެކްސްކޯގެ އެންމެ ބޮޑު އަމާޒަކީ އާ ޖޫނިއާ ޓީމްތައް އެކުލަވާލައި ދިގު މުއްދަތެއްގެ ތަމްރީންތަކެއް އެ ޓީމުތަކަށް ދީ ގައުމީ ސީނިއާ ޓީމަށް ރަނގަޅު ކުޅުންތެރިން ސަޕްލައިކުރުމުވެ. މިކަމަށް ރަނގަޅު ޕްލޭނެއް ތައްޔާރުކޮށް އިންޓަ ސްކޫލް މުބާރާތާ އެކު ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ.

ދާދި ފަހުން ނިމުނު އިންޓަ ސްކޫލް މުބާރާތުން ފާހަގަވި ކުޅުންތެރިން ހިމެނޭ ގޮތަށް މިހާރު ވަނީ ި19 އަހަރުން ދަށުގެ ޖޫނިއާ ސްކޮޑުގައި ހިމެނެން ބޭނުންވާ ކުޅުންތެރިންނަށް ފުރުސަތު ހުޅުވާލައިފަ އެވެ.

ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަހުމަދު މުޖުތަބާ (މުޖޭ) ވިދާޅުވީ ޖޫނިއާ ވަރުގަދަ ސްކޮޑެއް އެކުލަވާލުމުގެ މައިގަނޑު ބޭނުމަކީ ޖޫނިއާ ޓީމުތަކަށް ބައިނަލްއަގްވާމީ ލެވެލްގައި ލިބޭ ފުރުސަތުތަކުގެ ބޭނުންކޮށް ގައުމީ ސީނިއާ ޓީމަށް ރަނގަޅު ކުޅުންތެރިންތަކެއް "ސަޕްލައި" ކުރުން ކަމަށެވެ.

"އެބަ ލިބޭ ޖޫނިއާ ޓީމުތަކަށް ރަނގަޅު ފުރުސަތުތައް. އެ ފުރުސަތުގެ ބޭނުން ހިފަން ވަރުގަދަ ޓީމެއް އެކުލަވާލަން ބޭނުން، އަޅުގަނޑު. އެކަމަށް މި އިންޓަ ސްކޫލަކީ ފެށުން. ސީނިއާ ކޯޗާ އެކު އެ ކުޅުންތެރިން ތަމްރީން ކުރުން އަމާޒަކީ" މުޖޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިއްޔެ ނިމުނު އިންޓަ ސްކޫލް މުބާރާތުގަ ފެންވަރު ރަނގަޅު ގިނަ ކުޅުންތެރިންތަކެއް ފެނުނު ކަމަށާއި، މި އަހަރު އެ މުބާރާތުގެ ފެންވަރު ވެސް ވަރަށް ރަނގަޅު ކަމަށެވެ. އެ ކުޅުންތެރިންނާ އެކު ރަނގަޅު ތަމްރީންތަކެއް ކުރެވިއްޖެ ނަަމަ އެސޯސިއޭޝަންގެ އެންމެ ބޮޑު އަމާޒުކަމަށްވާ ސަރަހައްދީ މެޑަލް ހޯދުމުގެ ހުވަފެން ހަގީގަތަކަށް ހެދޭނެ ކަމަށް ވެސް މުޖޭ ވިދާޅުވި އެވެ.

ނަވާރަ އަހަރުން ދަށުގެ ގައުމީ ސްކޮޑުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 14 ވަނަ ދުވަހާ ހަމައަށެވެ. އެ ގޮތުން 2004-2005 ގައި އުފަންވެފައިވާ އަންހެން/ފިރިހެން ކުދިންނަށް ސްކޮޑުގައި ބައިވެރިވެވޭނެ ކަމަށް އެސޯސިއޭޝަނުން މައުލޫމާތުދެ އެވެ.

އެ ގޮތުން އެސޯސިއޭޝަނުން ކުރި އިއުލާނުގައިވާ ގޮތުން އެ އިއުލާނުގެ މުއްދަތު ހަަމަވުމުގެ ކުރިން ޝައުގުވެރިވާ ކުޅުންތެރިން ގޫގަލް ފޯމެއް ފުރަން ޖެހޭނެ ކަމަށް އަންގައިފަ އެެވެ.

އިއްޔެ ނިމުނު އިންޓަ ސްކޫލް މުބާރާތަށްފަހު ދެން އެސޯސިއޭޝަންގެ ސީނިއާ ލެވެލްގެ މުބާރާތެއް އޮންނާނީ ރޯދަމަހަށްފަހު ގަ އެވެ. އަންނަ މެއި މަހުގެ 10 ވަނަ ދުވަހު ފަށާނީ ހޭންޑްބޯޅަ އެސޯސިއޭޝަން ކަޕެވެ.