Advertisement

ޑޯޓްމަންޑަށް ހުއްޓުމެއް، ބަޔާނުން ލީގުގެ ރޭހުގައި ލީޑުނަގައިފި

12 މާރިޗު 2023 - 02:20 0


ޑޯޓްމަންޑަށް ހުއްޓުމެއް، ބަޔާނުން ލީގުގެ ރޭހުގައި ލީޑުނަގައިފި

12 މާރިޗު 2023 - 02:20 0

މިއުނިކް (މާޗް 11) - އޮއުސްބާގް އަތުން 5-3 އިން މޮޅުވެ، ޖަރުމަނު ލީގުގެ އެންމެ ކުރީގައި ބަޔާން މިއުނިކުން ލީޑެއް ނަގައިފި އެވެ.

ބަޔާނަށް ލީގު ތާވަލުގެ ކުރީގައި ދެ ޕޮއިންޓުގެ ލީޑެއް ލިބުނީ، ދެ ވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑް މިރޭ ކުޅުނު މެޗުން ޝާލްކާއާ 2-2 އިން އެއްވަރުވުމުންނެވެ. ބަޔާން އެއް ވަނައިގައި އޮތީ 24 މެޗުން 52 ޕޮއިންޓް ހޯދައިގެންނެވެ. ޑޯޓްމަންޑަށް ވަނީ 24 މެޗުން 50 ޕޮއިންޓް ލިބިފަ އެވެ.

ބަޔާން ދަނޑުގައި މިރޭ ދެ ވަނަ މިނިޓްގައި އޭރިއާތެެރެއިން ލިބުނު ފުރުސަތަކުން އޮއުސްބާގަށް ލީޑުނަގައިދިނީ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެން، މާގިމް ބެރީޝާ އެވެ. ބަޔާނުން ވަނީ ފަހަތުން އަރައި، ފުރަތަމަ ހާފުގައި ހަތަރު ގޯލު ޖަހައިފަ އެވެ.

މެޗުގެ 15 ވަނަ މިނިޓްގައި ބަޔާނަށް އެއްވަރުކޮށްދިން ގޯލު ޖެހީ އޭރިއާތެރެއިން ލިބުނު ފުރުސަތަކުން ޔާއޯ ކަންސޭލޯ އެވެ. މިއީ، ޖެނުއަރީ މަހުގެ ޓްރާންސްފާ މާކެޓްގައި ލޯން އެއްބަސްވުމެއްގެ ދަށުން މެންޗެސްޓާ ސިޓީ ދޫކޮށް ބަޔާނަށް ބަދަލުވި ފަހުން ކަންސޭލޯ އެ ޓީމަށް ޖަހައިދިން ފުރަތަމަ ގޯލެވެ. އޭގެ ހަތަރު މިނިޓް ފަހުން ބަޔާނަށް ލީޑުނަގައިދިން ލަނޑު ޖެހީ ބެންޖަމިން ޕަވާޑް އެވެ. މިއީ ސަޑިއޯ މާނޭ އޯވަހެޑް ކިކަކުން ނެގި ހުރަހަކުން ޕަވާޑް ޖެހި ގޯލެކެވެ.

ބަޔާނަށް މެޗުގެ 35 ވަނަ މިނިޓްގައި ވެސް ގޯލު ޖަހައިދިނީ ޕަވާޑް އެެވެ. ޕަވާޑް މި ގޯލު ޖެހީ އޭރިއާތެރެއިން ލިބުނު ބޯޅައަކުން އެކްރަބެޓިކް ކިކަކުންނެވެ. ފުރަތަމަ ހާފުގެ ފަހު މިނިޓްގައި، ލެރޯއި ސާނޭ ވަނީ މާނޭ ޖެހި ބޯޅައަކުން ލިބުނު ފުރުސަތަކުން ބޮލުން ގޯލެއް ޖަަހައިފަ އެވެ.

ދެ ވަނަ ހާފު ފަށައިގެން 15 މިނިޓް ހިނގިތަނާ، މެޗުގެ 60 ވަަނަ މިނިޓްގައި ޕެނަލްޓީ އަކުން ބެރީޝާ ވަނީ އޮއުސްބާގަށް ދެ ވަނަ ލަނޑެއް ޖަހައިދީފަ އެވެ. އޭގެ ފަހުން، މެޗުގެ 74 ވަނަ މިނިޓްގައި ކަންސޭލޯ ނެގި ހުރަހަކަށް އަރައި، އަލްފަންސޯ ޑޭވީސް ވަނީ ވެއްޓިގެންފައި ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ. މިއީ މިދިޔަ ދެ އަހަރެއްހާ ދުވަސްތެރޭ ޖަރުމަނު ލީގުގައި އަލްފަންސޯ ޑޭވީސް ޖެހި ފުރަތަމަ ގޯލެވެ. މެޗުގެ އިތުރު ވަގުތުގައި އޮއުސްބާގްގެ ތިން ވަނަ ގޯލު ޖެހީ އޭރިއާތެެރެއިން ލިބުނު ފުރުސަތަކުން އާވިން ކާޑޯނާ އެވެ.

ޝާލްކާ ދަނޑުގައި ޑޯޓްމަންޑްގެ ނިކޯ ޝްލޮޓާބެކް ވަނީ 38 ވަނަ މިނިޓްގައި އެ ޓީމަށް ލީޑުނަގައިދީފަ އެވެ. ދެ ވަނަ ހާފުގެ ކުުޅުން ފަށައިގެން ފަސް މިނިޓް ތެރޭ ޝާލްކާގެ މާރިއަސް ބަޓްލާ ވަނީ އެ ޓީމަށް އެއްވަރުކޮށްދީފަ އެވެ. މެޗުގެ 60 ވަނަ މިނިޓްގައި އެމްރޭ ޗާން ދިން ބޯޅައަކުން ރަފައެލް ގަރޭރޯ ވަނީ ޑޯޓްމަންޑަށް އަލުން ލީޑުނަގައިދީފަ އެވެ. އެކަމަކު، މެޗުގެ 79 ވަނަ މިނިޓްގައި ޝާލްކާގެ ކެނާން ކަރަމަން ވަނީ ގޯލެއް ޖަހައި އެއްވަރުކޮށްފަ އެވެ.

ލީގުގެ ތިން ވަނައިގައި އޮތް އާރްބީ ލައިޕްޒިގުން ވަނީ މިރޭ ކުޅުނު މެޗުން 3-0 އިން ބޮރޫޝިއާ މުންޗެންގްލަޑްބެކް އަތުން މޮޅުވެފަ އެވެ.