Advertisement

އޮސްޓްރޭލިއާގައި ހިންދޫ ފައްޅިތަކަށް ގެއްލުންދޭ މައްސަލަ ޖައްސައިފި

12 މާރިޗު 2023 - 08:26 1

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އަދި އޮސްޓްރޭލިއާގެ ބޮޑު ވަޒީރު އެންތަނީ އަލްބަނީޒް. -- ފޮޓޯ: ޕީޓީއައި


އޮސްޓްރޭލިއާގައި ހިންދޫ ފައްޅިތަކަށް ގެއްލުންދޭ މައްސަލަ ޖައްސައިފި

12 މާރިޗު 2023 - 08:26 1

އޮސްޓްރޭލިއާގައި ހިންދޫ ފައްޅިތަކަށް ހަމަލާ ދޭ މައްސަލަ އިތުރުވާތީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އޮސްޓްރޭލިއާގެ ބޮޑު ވަޒީރު އެންތަނީ އަލްބަނީޒްއާ ބައްދަލުކުރައްވައި މޯދީ ވިދާޅުވީ ހިންދޫ ފައްޅިތަކަށް ހަމަލާދިނުން އިތުރުވެފައިވާ ކަމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުން އޮސްޓްރޭލިއާގެ އިތުރުން ކެނެޑާގައި ވެސް ހިންދޫ ފައްޅިތަކަށް ގެއްލުން ދޭ މައްސަލަ އިތުރުވަމުންދާ ކަމަށް ފާހަގަކުރެވެ އެވެ.

"އޮސްޓްރޭލިއާއަށް ހިޖުރަކޮށްގެން އުޅޭ މީހުންގެ ކޮމިއުނިޓީގައި ދެ ވަނައަށް އެންމެ ގިނައީ އިންޑިއާ ރައްޔިތުން. އޮސްޓްރޭލިއާގެ މުޖުތަމައު އާއި އިގްތިސާދު ކުރިއަރުވަން އިންޑިއާގެ ކޮމިއުނިޓީއިން ބޮޑު ދައުރެއް އަދާކުރޭ،" މޯދީ ވިދާޅުވި އެވެ.

"ފަހަކަށް އައިސް އޮސްޓްރޭލިއާގައި ހިންދޫ ފައްޅިތަކަށް ގެއްލުން ދޭ ކަމުގެ ރިޕޯޓު ގަވާއިދުން ލިބޭ. އެފަދަ ރިޕޯޓުތަކާ އެކު އިންޑިއާގެ ރައްޔިތުން ކަންބޮޑުވޭ."

މޯދީ ވިދާޅުވީ އިންޑިއާ ކޮމިއުނިޓީގެ ކަންކަމަށް އިސްކަމެއް ދެއްވާނެ ކަމުގެ ޔަގީންކަން ބޮޑު ވަޒީރު އަލްބަނީޒް ދެއްވި ކަމަށެވެ.

ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން އަލްބަނީޒް ވިދާޅުވީ އޮސްޓްރޭލިއާއަކީ އެކި ދީންތަކުގެ މީހުންނަށް އިހްތިރާމް ކުރާ ގައުމެއް ކަމަށާއި އެކަމުގެ ޔަގީންކަން މޯދީއަށް އެރުވި ކަމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޖެނުއަރީ މަހު އެކަނިވެސް އޮސްޓްރޭލިއާގައި ހިންދޫ ދީނުގެ ތިން ފައްޅިއަށް ގެއްލުން ދިނެވެ. އޭގެ ފަހުން މާޗް މަހުގެ ތެރޭގައި ވެސް ފައްޅިއަކަށް ގެއްލުން ދިނެވެ.

މޯދީ އާއި އަލްބަނީޒް ބައްދަލުކުރެއްވީ މިދިޔަ ހަފުތާގައި އަލްބަނީޒް އިންޑިއާއަށް ކުރެއްވި ހަތަރު ދުވަހުގެ ރަސްމީ ދަތުރުގެ ތެރެއިންނެވެ.