Advertisement

ސައުދީއާ ސުލްހަވުމުން ރާއްޖެއިންވެސް އިރާނާއެކު އަލުން ގުޅުން ގާއިމުކުރަން ނިންމައިފި

11 މާރިޗު 2023 - 00:00 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ސައުދީ އަރަބިއްޔާގެ މައްކާގައި 2019 ވަނަ އަހަރު ބޭއްވި އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ 14 ވަނަ ސަމިޓްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެ ގައުމުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒްއާ ސަލާމްކުރައްވަނީ. -- ފޮޓޯ: ރައީސް އޮފީސް


ސައުދީއާ ސުލްހަވުމުން ރާއްޖެއިންވެސް އިރާނާއެކު އަލުން ގުޅުން ގާއިމުކުރަން ނިންމައިފި

11 މާރިޗު 2023 - 00:00 0

ސައުދީ އަރަބިއާ އާއި އިރާނާ ދެމެދު ޖެހިފައި އޮތް މައްސަލަތައް ހައްލުކޮށް އެ ދެ ގައުމުގެ ދެމެދުގައި އަލުން ސިޔާސީ ގުޅުން ގާއިމުކުރުމަށް ނިންމި ނިންމުމާއެކު ރާއްޖެއިންވެސް އަލުން އިރާނާއެކު ސިޔާސީ ގުޅުން ގާއިމުކުރުމަށް ނިންމައިފި އެވެ.

ސަރުކާރުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސައުދީ އާއި އީރާނާދެމެދު އަލުން ސިޔާސީ ގުޅުން ގާއިމުކޮށް ދެގައުމުގެ އެމްބަސީތައް އަލުން ހުޅުވުމަށާއި ގައުމުތަކުގެ ސިޔާދަތަށް ހުރުމަތްތެރިކޮށް ހިތުމާއި، ގައުމުތަކުގެ ދާހިލީ ކަންކަމާ ނުބެހުމާ ގުޅޭ އަސާސް އަލުން ކަށަވަރުކުރުމަށް ނިންމި ނިންމުމަށް ރާއްޖެއިން މަރުހަބާ ކިޔާ ކަމަށެވެ.

"އަދި މިހެޔޮ ބަދަލުތަކުގެ އަލީގައި ދިވެހި ސަރުކާރުން އީރާނާއެކު އަލުން ސިޔާސީ ގުޅުން ގާއިމުކުރުމަށް ނިންމައިފީމެވެ," ސަރުކާރުގެ ބަޔާނުގައި ބުނެފައިވެ އެވެ.

މިކަމާ ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ވަނީ އެ ދެގައުމުގެ ނިންމުމަށް މަރުހަބާ ދަންނަވާ ޓުވީޓު ކުރައްވާފަ އެވެ.

ސައުދީ އާއި އީރާނާ ދެމެދު އަލުން ސިޔާސީ ގުޅުން ގާއިމުކުރުމަށް ނިންމީ ޗައިނާ މެދުވެރިވެގެން ބޭއްވި މަޝްވަރާތަކެއްގެ ސަބަބުންނެވެ. އެ ދެ ގައުމުގެ މެދުގައި އޮތް ގުޅުން 2016 ގައި ކަނޑާލީ އީރާނުގެ ވެރިރަށް ތެހެރާނުގައި ކުރި މުޒާހަރާއެއްގެ ތެރެއިން އެ ގައުމުގައި ހުންނަ ސައުދީ އެމްބަސީގައި ހުޅުޖެހި ހާދިސާއާ ގުޅިގެންނެވެ.

އެއަށްފަހު މެދުއިރުމަތީގެ މަޝްރަހު ގޯސްވެ ރާއްޖެއިން އީރާނާއެކު އޮތް ގުޅުން ކަނޑާލީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ގެ މެއި މަހުގެ ތެރޭގަ އެވެ. ސަބަބެއްގެ ގޮތުގައި އޭރު ދިވެހި ސަރުކާރުން ބުނީ މެދުއިރުމަތީގެ ސުލްހައަށް އީރާނުން ގެއްލުންދީ ހުރަސްއެޅުމެވެ.

ރާއްޖެއިން އިރާނާ ގުޅުން ކަނޑާލީ، ސައުދީ އަރަބިއްޔާއިން އިރާނާ ގުޅުން ކަނޑާލުމުންނެވެ.

ރާއްޖެ އާއި އިރާނާމެދު ސިޔާސީ ގުޅުން ފުރަތަމަ ގާއިމުކުރީ، ދެ ވަނަ ޖުމްހޫރިއްޔާގެ ދެ ވަނަ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި، 1975 ވަނަ އަހަރު އެވެ.