Advertisement

މާރިޗު މަހުން އަށެއް

10 މާރިޗު 2023 - 08:02 0

ނަސްމާ އަބްދުލްމުހުސިން

ނަސްމާ އަބްދުލްމުހުސިން


މާރިޗު މަހުން އަށެއް

10 މާރިޗު 2023 - 08:02 0

އޮފީސް ދޮރުމަތިން ލިބުނީ ފިނިފެންމަލެކެވެ. ކޮރިޑޯއިން ވަދެގެން ދިޔަ އިރު، ދެ ފަރާތުގައި ސަފު ހަދައިގެން ތިބީ، އެއް ކުލައަކުން ހެދުން ލައިގެން ތިބި، އޮފީހުގެ އެކި ފެންވަރުގެ މުވައްޒަފުންނެވެ. އެއްބަޔަކު ހިނިތުންވެލާފައި ސަލާންކޮށް ދުވަހުގެ ތަހުނިޔާ ކިޔަމުންދިޔައިރު، އަނެއްބަޔަކު އެތާ ތިބީ ފުސްމޫނު ދައްކައިގެންނެވެ. އޮފީސް "ވިމެންސް ޑޭ" ގުރޫޕުގައި ހުރިހާ ފިރިހެން މުވައްޒަފުންނަށް މި ސަފުގައި ތިބެން އަންގާފައި އޮތަތީ އެވެ. މޭޒު ދޮށުގައި ޗޮކުލެޓަކާއި ބަންދުކޮށްފައިވާ ހަދިޔާއެއް އޮތެވެ. އެ ތަކެތި އެއްފަރާތްކޮށްލާފައި ކޮމްޕިއުޓަރު ހުޅުވާލީ ދުވަހުގެ މަސައްކަތު ތާވަލު ބަލާލުމަށެވެ. ސުންގަޑި ހަމަވާ ބޮޑެތި މަސައްކަތްތަކެއް އެބަހުއްޓެވެ. ހަމަޖެހިލައިގެން މަސައްކަތައިގެން މަޝްޢޫލު ނުވެވެނީސް ގޮވާލީ ހުރިހާ މުވައްޒަފުން މީޓިންރޫމަށް ދިއުމަށެވެ. ދިޔައިރު މޭޒުގެ ވަށައިގެން އޮފީހުގެ "އިސް" މުވައްޒަފުން އިށީނދެ ތިއްބެވެ. މިއޮތީ އަންހެނުންގެ ދުވަސް ފާހަގަކުރާ ގަޑި ޖެހިފައެވެ. ބޮޑު ކޭކެއް ފަޅައި ސަޔެއް ތައްޔާރުކޮށްފައި ހުއްޓެވެ. މީޓިންރޫމުގެ ކަނެއްގައި ހުރި މޭޒެއް ދޮށުގައި ތަށިތައްޓަށް ކޮފީ އެޅުމުގައި "މަސައްކަތު ދައްތަމެން" އަވަދިނެތި އުޅެއެވެ. އޮފީހުގެ ވެރިންގެ ނުވަދިހަ ނުވަ އިންސައްތަ ކަމުގައިވާ ފިރިހެނުން، އަންހެނުންގެ ދުވަހާ މެދު ފަތުވާދިނުމުގައި އެއްގަޑި އިރު ހޭދަކުރިއެވެ. ސައިބޮއެ ނިމުމުން ތަށިތައް ނަގަން މަޑުކުރީ އެއްކަލަ މަސައްކަތު ދައްތަމެނާއި އިދާރީ ޑިޕާޓްމަންޓުގެ އަންހެން ސްޓާފުންނެވެ. ފޮޓޯތަކާއި ސޯޝަލް މީޑިއާއަށް މި މަންޒަރުތަކެއް ނާރައެވެ.

އެއް މަޤާމެކެވެ. ދެ މުވައްޒަފުންނެވެ. ޢިލްމީ ސަނަދުތައް އެއްވަރެވެ. ތަޖުރިބާ އެއްވަރެވެ. މަސައްކަތުގެ ފެންވަރުވެސް އެއްވަރެވެ. އޮފީހުގެ މުހިއްމު ޙަފުލާއެއް އޮތް ދަނޑިވަޅެކެވެ. ދެ މުވައްޒަފުންނަކީވެސް، "ޤައުމީ ހެދުން" ފެހުމަށް ކޮންމެ އަހަރަކު އެލަވަންސް ލިބޭ ދެ މުވައްޒަފުންނެވެ. މުހިއްމު ހަފުލާތަކުގައި ލުމަށެވެ. ދެ މީހުންނަކީވެސް ޢާއްމު ދިރިއުޅުމުގައި ހެދުން އެޅުމުގައި ވަރަށް ޢަބުރުވެރި ގޮތްތަކެއް އިސްކުރާ ހިތްވާ ދެ މީހުންނެވެ. އަންހެން މީހާ ޢާއްމުކޮށް ލަނީ އަބާޔާއެވެ. ފިރިހެން މީހާ އަކީ ވެސް "ސްމާޓް"ކޮށް ހެދުން އަޅާ މީހެކެވެ. އެ ޙަފުލާއަށް ދެމީހުންވެސް ދިޔައީ ކޯޓުލައިގެންނެވެ. ފިރިހެން މީހާ ކޯޓުފަޓުލޫނުގައެވެ. އަންހެން މީހާ ކޯޓާއި ސްކަރޓުގައެވެ. ދެމީހުންވެސް އެ ހެދުމުގައި ތިބިއިރު އަބުރުވެރި އަދި ރަސްމީ ސިފަ ފެނެއެވެ. އެހެންނަމަވެސް އަނެއް ދުވަހު އެޗް.އާރަށް ހާޒިރުކުރީ އަންހެންމީހާ އެކަންޏެވެ. ދިގުހެދުން ނުލީތީއެވެ. ފިރިހެނުންނަށް ޤައުމީ ހެދުން ނުވަތަ ކޯޓު ފަޓުލޫނު ހުއްދަވި ކަމުގައިވިޔަސް އަންހެނުންނަށް ހުއްދައީ ހަމައެކަނި ދިގުހެދުން ކަމުގައިވާތީއެވެ. އަނގަބަހުން ނަޞޭޙަތް ދީފައި ފޮނުވާލީ ފުރަތަމަ ފަހަރު ކަމުންނެވެ. އެ އަންހެންމީހާއަށްވެސް އަންހެނުންގެ ދުވަހުގެ ހަދިޔާއަކަށް ގަލަންޖަހާ ދަޅަކާއި ސެލޫނެއްގެ ގިފްޓު ވޯޗަރެއް ލިބުނެވެ.

އަހަރު ފެށުނީއްސުރެ އޮފީހުގެ އަންހެން މުވައްޒަފުން ކުރަމުންދިޔަ އުއްމީދެއް އޮތެވެ. އޮފީހުގައި ހުންނަ އަންހެނުންގެ ފާޚާނާގައި ކުޑަ ކަބަޑެއް ހަރުކޮށްދީ، ކުއްލި ޙާލަތެއްގައި ބޭނުންވެދާނޭ ކަމަށް، މައްސަރު ދުވަސްވަރުގައި ބޭނުންކުރާ ޕެޑް ލިބޭނޭ އިންތިޒާމު ހަމަޖައްސައިދިނުމެވެ. އެޑްމިން ބަޖެޓުން މިކަން ކުރެވޭނެތޯ ބަލައިދިނުމެވެ. އަންހެނުންގެ ދުވަހުގެ ހަދިޔާއަކަށް މި އަހަރު އެކަން ކޮށްދިނުމެވެ. އެކަމަކު މި އަހަރުވެސް، މާރިޗު މަހުން އަށްވަނަ ދުވަހު ލިބުނީ ރީތި ފިނިފެންމަލަކާއި އަގުބޮޑު ޕްލޭނަރެކެވެ. އާދޭސްތަކަށް ލިބުނީ ބީރު ކަންފަތެކެވެ.

ފަތިސް ނަމާދު ބަންގީގެ އަޑަށް ތެދުވި ގޮތަށް ހިންދެމިލާނޭ ވަގުތެއްވީ ދަރިފުޅު ސްކޫލަށް ލާފައި އައިހެވެ. ގޮނޑީގައި ފޫކޮޅު ޖައްސާލުމާއެކު "ޓައީ ކޮބައިތޯ؟" ގޮވާލި އަޑު އިވުމުން ދިޔަ މީހާއަށް ދެން އަވަދިވެވުނީ ފިރިމީހާ އޮފީހަށް ދާން ސައިކަލު ސްޓާޓުކޮށްލުމުންނެވެ. އަދި މެންދުރަށް ކެއްކުމާއި ފޮޅާ ސާފުކުރުން އޮތީއެވެ. "ވަރކް ފްރޮމް ހޯމް" ބީދައިން ގޭގައި ވަޒީފާއެއް އަދާކުރާތީ މެންދުރަށް ސުންގަޑި ހަމަވާ މަސައްކަތެއްވެސް އެބައޮތެވެ. ދަރިފުޅު ބަލައި ސްކޫލްދޮށަށް ދިއުމުގެ ކަންތަކާ ފިރިމީހާ ހަވާލުވިކަން ނަސީބެވެ. އެހެން ނޫންނަމަ މި މަސައްކަތް ތާވަލުކުރާނޭ ވަގުތެއް ނުލިބުނީހެވެ. ފޮޅާ ސާފުކޮށް ކައްކާ ނިންމުމަށްފަހު ލެޕްޓޮޕް ހުޅުވާލިތަނާ ފޯނެއް އަތުވެއްޖެއެވެ. ދަރިފުޅު ބަލައި ދެވެން ނެތް ވާހަކައެވެ. މީޓިންއެއް އޮތް ވާހަކައެވެ. ލެޕްޓޮޕް އަލުން ލައްޕާލާފައި އަވަސްވެގަތީ ގައިންތާހިރުވެގެން ސްކޫލްދޮށަށް ދާށެވެ. ދަރިފުޅު ގޮވައިގެން އައިސް ހޯމްވަރކްތައް ހައްދައި ކާންދިނުމަށްފަހު ދެން އޮތީ އިތުރު ހަރަކާތްތަކަށް ބުރު ޖެހުމެވެ. ބާސްކެޓާއި ޓިއުޝަން ނިމުނުއިރު އިރުއޮއްސިއްޖެއެވެ. ދަރިފުޅަށް ކާންދީ، ނިންދަވައި، ދޮވެއިސްތިރިކޮށް ނިމުނު އިރު ގައިގާ ހިރިލާނެ ވަރެއްވެސް ނެތެވެ. ގަޑިން ދިހައެއް ޖަހަނީއެވެ. ލޯމެރިމެރިއޮއްވައި ފިރިސޮރު ގުޅާފައިބުނީ ރީތިވެގެން ނިކުތުމަށެވެ. ތެދުވެ މޫނު ދޮވެލައިގެން ވައްބުރުގާ އަޅައިގެން ނިކުތްއިރު އަތްތިލަ މަތީ ކޭކެއް، ކިހިލީގައި މާބޮނޑިއެއް އަތުގައި މަގޭ މޫނަށް ދިއްކޮށްފައި ހުރި ފޯނެއް ހިފައިގެން ހިނިއައިސްފައި އެހެރީ ފިރިމީހާއެވެ. ވަރުބަލިވެފައިވާ ކަންފަތަށް އިވުނީ ވަރަށް ފޯރީގައި "ހެޕީ ވިމެންސް ޑޭ، ލޯބީ!" އޭ ބުނެލި އަޑެވެ.

މީގެ ދެމަސްކުރިން އެ ފުރުނީ ސާޅީސް ދެ އަހަރެވެ. އެ ދުވަހު އުފަންދުވަހުގެ ތަހުނިޔާ ފޮނުވި ގިނަ މީހުންގެ މެސެޖުގައި އިތުރު ސުވާލެއްވެސް އޮތެވެ. "އަދިވެސް މީހަކާ އިންނާކަށް ނުވޭ ހެއްޔެވެ؟". މިހާރު މީހަކު އެ ސުވާލު ކުރިޔަސް މަށެއްވެސް، މަގޭ މައިންބަފައިންވެސް ޕްރެޝަރަކަށް ނުވެއްޓެއެވެ. އެއްގޯސްވެއްޖެވިއްޔާއެވެ. އެހެން ނޫނަސް އަހަރެން މިހާރު އިންނާނެ މީހަކު ހޯދައިފީމެވެ. އޭނާއަކީ ވަރަށް ހެޔޮ، ދީންވެރި، އުޅުންހުރި މީހެކެވެ. މާބޮޑު ފައިސާވެރިއެއް ނޫނެވެ. އެކަމަކު އޭގެ މައްސަލައެއް ނެތެވެ. އަހަރެން މިއޮއްހާ ދުވަހު ވިޔަފާރި ބިނާކޮށް، ނަން މަޝްހޫރު ވިޔަފާރިވެރިއަކަށްވީ ބޭންކުގައި ލާރި ނުބަހައްޓައެއް ނުނިއްޔާއެވެ. މަންމަ އަށް ފޮޓޯ ދައްކާފައި ދެތިން މަސްދުވަސްތެރޭ ވެޑިން ބާއްވަން ތައްޔާރުވެލާށޭ ބުނުމުންވެސް މަންމަގެ މޫނުމަތިން ހިނިތުންވުމެއް ނުފެނުނެވެ. ކުރީ ސުވާލެކެވެ. "އެ ސޮރު ޢުމުރުން ކިހާ ވަރެއް ހެއްޔެވެ؟" އޭނާ އަހަންނަށްވުރެ ނުވަ އަހަރު ހަގެވެ. އެކަމަކު އަހަރެމެން ދެމީހުންގެ ވިސްނުމާއި މިޒާޖުން އެ ތަފާތެއް ނުފެނެއެވެ. އެކީ ދިރިއުޅުމެއް ބިނާކުރެވިދާނެކަމުގެ ޔަޤީންކަން އެބައޮތެވެ. އެހެންނަމަވެސް އާއިލާގެ ރުޙުމެއްވެސް ވަލީއެއްވެސް ނުލިބުނެވެ. ބައްޕަ ވަރަށް ދެރަވެލާފައި އަހާލިއެވެ. ތިއީ ހަމަ އަހަރެމެން ދަރިފުޅު ތަރުބިއްޔަތުކުރި ގޮތް ހެއްޔެވެ؟ އަހަރެން މަންމަ އާއި ބައްޕަ އަށް ބަލާލީ މާޔޫސްވެފައި ހުރި ހާލުގައެވެ. އެ ދެމަފިރިންގެ ޢުމުރުގެ ފަރަޤަކީ 23 އަހަރެވެ. ދޮށީ ބައްޕައެވެ. ހަގީ މަންމައެވެ. އަހަރެންގެ ކުށަކީ އަހަރެންގެ މިންތިއެވެ.

ކޮންމެ އަހަރެއްގެވެސް މާރިޗު މަހުގެ އަށްވަނަ ދުވަހަކީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ އަންހެނުންގެ ދުވަހެވެ. މިއަހަރު އެ ދުވަހުގެ ޝިޢާރަކީ ހަމަހަމަކަން ބަލައިގަތުމަށް ގޮވާލާ ޝިޢާރެކެވެ. މުޅި މީސްމީޑިޔާ ފުރިފައިއޮތީ މިއަހަރުގެ އަންހެނުންގެ ދުވަހުގެ ނިޝާންކަމަށް ބަލައިގެންފައިވާ ކޮންމެ މީހަކުވެސް އަމިއްލަ ގައިގައި ބައްދާލައިގެން ހުންނަ "ޕޯސް"ގައި ނަގާފައި ހުރި ފޮޓޯތަކުންނެވެ. ތަޞައްވަރުކުރުމަށް ގޮވާލާފައިވަނީ، މިންތީގެ ހަމަހަމަކަން ފެންނަ މުޖުތަމަޢެކެވެ. ތަޢައްޞަބުތައް ނައްތާލާފައިވާ އަދި އެންމެން ބައިވެރިކުރާ ސިންދަފާތު ފެންނަ މުޖުތަމަޢެކެވެ. ތަފާތުތައް ބަލައިގަނެ އަގުކުރާ މުޖުތަމަޢެކެވެ. އަންހެނުންގެ ކާމިޔާބީ ފާހަގަކުރާ މުޖުތަމަޢެކެވެ. ޒިންމާތައް ދެނެގަންނަ މުޖުތަމަޢެކެވެ. ކޭކާއި ފިނިފެންމަލުން ގިރިޓީކޮށްގެނެއް ނޫނެވެ. ތަންފީޒުކުރެވެމުންދާ ޤާނޫނުތަކަކާއި ހޭލުންތެރި މުޖުތަމަޢެއް އެއީ ބިންގާކަމުގައިދެކިގެންނެވެ.