9 މާރިޗު 2023 - 15:35 0
ފާތިމަތު ސާޔާ އަހުމަދު
ކަންޖުރުހާން ސްޓޭޑިއަމްގައި 135 މީހުން މަރުވި. -- ފޮޓޯ: ގެޓީ އިމޭޖާޒް
9 މާރިޗު 2023 - 15:35 0
މިދިޔަ އޮކްޓޯބަރު މަހު އިންޑޮނީޝިއާގެ ފުޓްބޯޅަ މެޗެއްގެ ތެރެއިން ހިނގި ހަމަނުޖެހުމަށް ފަހު ފިތިބާރުވެގެން 135 މީހުން މަރުވި މައްސަލައިގައި ސެކިއުރިޓީ ގާޑަކާއި ފުޓްބޯޅަ ކްލަބްގެ އޯގަނައިޒަރަކު ޖަލަށްލާން ހުކުމްކޮށްފި އެވެ.
އީސްޓް ޖާވާގެ މަލާންގްގައި ހުންނަ ކަންޖުރުހާން ސްޓޭޑިއަމްގައި އެ ހާދިސާ ހިނގީ ސަޕޯޓަރުން ދަނޑު މައްޗަށް އަރައި ހަމަނުޖެހުން ހިންގަން ފެށުމުން، ފުލުހުން ކަރުނަ ގޭސް ޖެހުމާ އެކު އެވެ.
ބުރާސްފަތި ދުވަހު އިންޑޮނީޝިއާގެ ކޯޓަކުން ނިންމީ އެރީމާ އެފްސީ ކްލަބުގެ އޯގަނައިޒިން ކޮމިޓީގެ ޗެއާމަންގެ މައްޗަށް އިހުމާލުން މީހުން މަރުވުމުގެ ކުށް ސާބިތުވާ ކަމަށެވެ.
އަބްދުލް ހާރިސް ނަމަކަށް ކިޔާ އެ މީހާއަށް އިއްވީ ދޮޅު އަހަރުގެ ޖަލު ހުކުމެކެވެ. ސެކިއުރިޓީ ގާޑު ސޫކޯ ސުތްރިސްނޯއަށް އިއްވީ އެއް އަހަރުގެ ޖަލު ހުކުމެކެވެ.
މިއީ އެ ހާދިސާއާ ގުޅިގެން ބަޔަކަށް ހުކުމް އިއްވި ފުރަތަމަ ފަހަރެވެ. ފުލުހުންގެ ތިން އިސް އޮފިސަރުންނާ ދެކޮޅަށް ވެސް ދަނީ ޝަރީއަތް ހިންގަމުންނެވެ.
ޕްރޮސެކިއުޓަރުން ބޭނުންވަނީ ކުށް ސާބިތުވާ މީހުންނަށް ހަ އަހަރުގެ ޖަލު ހުކުމެކެވެ. ބުރާސްފަތި ދުވަހުގެ ހުކުމާ މެދު މަރުވި މީހުންގެ އާއިލާތަކުން ވެސް ހިތްހަމަނުޖެހެ އެވެ.
Comment